14 ޖުލައި 2024 - 14:12 0
އަހުމަދު އާއިދު
އެޓާނީ ޖެނެރަލް އުޝާމް: މިޔަންމާގެ ގަތުލުއާންމާ ދެކޮޅަށް ތަދައްހުލުވުމުގެ ހުއްދަ ރާއްޖެއަށް ލިބުނީ މި މަހު ތިނެއްގައި - ފޮޓޯ: އޭޖީ އޮފީސް
14 ޖުލައި 2024 - 14:12 0
ރޮހިންޔާ ދަރިކޮޅާ ދެކޮޅަށް މިޔަންމާއިން ހިންގާ ގަތުލުއާންމާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަޙަޅާފައިވާ މައްސަލާގައި އެ ގައުމާ ދެކޮޅަށް ތަދައްހުލުވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ އެވެ.
ރާއްޖެއަށް އެ ފުރުސަތު ލިބުނީ އެ މައްސަލައަށް ތަދައްހުލުވާމް އެދި ރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ބަލައިގަންނަން އައިސީޖޭގެ ފަނޑިޔާރުންގެ އިއްތިފާހުން ނިންމުމާ ގުޅިގެންނެވެ. ކޯޓުން މިގޮތަށް ނިންމީ މި މަހު ތިނެއްގަ އެވެ.
މިކަމާ ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުން ރާއްޖޭއިން ހުށަހެޅި ކަންކަމަކީ އެ ކޯޓަށް ބެއްލެވޭނެ ކަންކަން ކަމަށް އެ ކޯޓުން ނިންމަވާފައިވާ ކަމަށެވެ.
އަދި ކޯޓުން މިގޮތަށް ނިންމީ ރާއްޖޭގެ ހުށަހެޅުން ބަލައިގަތުމަށް މިޔަންމާއިން އިއުތިރާޒެއް ހުށަހަޅާފައިވަނިކޮށް ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ރޮހިންޖާގެ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި، ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ،" އެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އައިސީޖޭއަށް މިޔަންމާގެ ގަތުލުއާންމާ ދެކޮޅަށް "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" މައްސަލަ ހުށަހެޅީ ނޮވެމްބަރު 2019، ގައި ގެމްބިއާ އިންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment