14 ޖުލައި 2024 - 18:01 0
މުހައްމަދު ޝަހްޒާން
ހޯމް މިނިސްޓަރު، އަލީ އިހުސާން -- ފޮޓޯ: ހޯމް މިނިސްޓަރީ
14 ޖުލައި 2024 - 18:01 0
ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްގެން ފުލުހުން ގެންގުޅުނު ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒު އަލީ ސަލީމް ކޯޓަށް ނުގެންގޮސް ދޫކޮށްލި މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ޖަވާބެއް ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
20 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ޝަމްނާޒުއާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ސަނާ އަލީ ސަލީމް ބަންދުން ދޫކޮށްލީ އިއްޔެ އެވެ. ތިން ފަހަރެއްގެ މަތިން ފުލުހުންގެ "އިންޓެލިޖެންސް ރިޕޯޓެއް" ގެ މައްޗަށް ބިނާކޮށް ކޯޓަށް ގެންގޮސް ބަންދުގެ މުއްދަތު އިތުރު ކުރި ނަމަވެސް އެމީހުން ދޫކޮށްލީ ކޯޓަށް ނުގެންގޮހެވެ.
ޝަމްނާޒުއާއި އޭނާގެ ކޮއްކޮ އިއްޔެ ބަންދުން ދޫކޮށްލި ނަމަވެސް ސިހުރު ހެދި ކަމަށް ބުނެ ހައްޔަރު ކުރި މުލީއާގޭގެ ކުރީގެ ކައްކާ، ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސެއިނ ސަމީރު ވަނީ މީގެ ހަފުތާއެއް ކުރިން ދޫކޮށްލައިފަ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްނާޒުމެން ބަންދުގައި ގެންގުޅުނު ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ އެކަމާ ގުޅިގެން ޖަވާބެއް ނުދެއްވާނެ ކަމަށެެވެ.
"ތި ވިދާޅުވި ސްޕެސިފިކް މައްސަލައިގައި ހޯމް މިނިސްޓަރީގެ ފަރާތުން އަޅުގަނޑު ކޮމެންޓެއް ނުކުރާނަން، އެހެންނަމަވެސް އަޅުގަނޑު ފުލުހުންނަށް ދަންނަވައިލާނަން ތިބޭފުޅުންނަށް ރީޗުވެފައި މި ސުވާލުތަކަށް ޖަވާބުދެއްވުމަށް،" އިހުސާން ވިދާޅުވި އެވެ.
ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ޝަމްނާޒުއާއި ޝަމްނާޒުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ހައްވާ ސަނާ އަލީ ސަލީމް ހައްޔަރު ކުރީ ޖޫން 23 ގަ އެވެ. ނަމަވެސް އޭނާ ދޫކޮށްލުމާ ހަމައަށް ވެސް އެމީހުންނާ ދެކޮޅަށް ތުހުމަތު ކުރުން ފިޔަވައި އެއްވެސް ހެއްކެއް ފުލުހުންނަށް ނުދެއްކޭ ކަމަށް ޝަމްނާޒުގެ ގާނޫނީ ވަކީލް އަލީ ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ޝަމްނާޒު ހައްޔަރު ކޮށްގެން ގެންގުޅުނީ ސިޔާސީ ގޮތުން ފްރޭމް ކޮށްގެން ކަމަށެވެ. އަދި ތަކުރާރުކޮށް ޝަމްނާޒުގެ ކުރީގެ ފިރިމީހާ، އާދަމް ރަމީޒުއާ ދެކޮޅަށް ބަޔާން ދިނުމަށް ފުލުހުން އެދެމުންދިޔަ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
އެ ވާހަކަތައް ފުލުހުން ވަނީ މީގެ ކުރިން ދޮގު ކޮށްފަ އެވެ. ނަމަވެސް ސިހުރުގެ މައްސަލައާ ގުޅިގެން އެކަށީގެންވާ ވަރަށް ފުލުހުން މައުލޫމާތު ހިއްސާއެއް ނުކުރެ އެވެ.
އެ މައްސަލައާ ގުޅިގެން ޝަމްނާޒު އާއި އޭނާގެ ކުރީގެ ފިރިމީހާ، އާދަމް ރަމީޒު ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.
Comment