Advertisement

އިޒްރޭލުން އަލްމަވާސީ ރެފިއުޖީ ކޭމްޕަށް ހަމަލާދީ 90 މީހުން މަރާލައިފި

15 ޖުލައި 2024 - 12:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުން އަލްމަވާސީ ކޭމްޕަށް ހަމަލާދިނުން: ހަމަލާގައި 90 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް


އިޒްރޭލުން އަލްމަވާސީ ރެފިއުޖީ ކޭމްޕަށް ހަމަލާދީ 90 މީހުން މަރާލައިފި

15 ޖުލައި 2024 - 12:45 0

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި އަލްމަވާސީ ކޭމްޕަށް ދިން ހަމަލާއެއްގައި 90 މީހުން މަރާލައި، 300 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ.

"ސޭފް ޒޯން" ގޮތުގައި ކަނޑައަޅާފައިވާ އެތަނަށް ހަމަލާދީފައި ވަނީ ޑްރޯންގެ އިތުރުން ހަނގުރާމަ މަތީ ޖެޓުތައް ބޭނުންކޮށްގެން ބޮން އަޅައިގެންނެވެ.

އިޒްރޭލުން ބުނީ މި ހަމަލާ ދީފައި ވަނީ ހަމާސްގެ އިސް ލީޑަރަކަށް އަމާޒުކޮށް ކަމަށާއި ނަމަވެސް ހަމަލާގައި އޭނާ މަރާލެވުނުކަން މިހާތަނަށް ޔަގީން ކުރެވިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ހަމާސްއިން ބުނީ އެ ޖަމާއަތުގެ އެއްވެސް ލީޑަރަކަށް އަމާޒުކޮށް ހަމަލާއެއް ދެވިފައި ނުވާ ކަމަށާއި އެގޮތަށް އިޒްރޭލުން ވާހަކަދައްކަނީ އޮޅުވާލަން ކަމަށެވެ.

އިޒްރޭލުން ހަމަލާދީފައި ވަނީ 80،000 އެއްހާ މީހުން ހިޔާވެހިކަން ހޯދަމުންދިޔަ ކޭމްޕަކަށެވެ. އެތަނުން ހަމަލާއަށްފަހު ގިނަ ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 38،200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ގާޒާ ދޫކޮށް އެހެން ސަރަހައްދުތަކަށް މީހުން ދިޔުމަށް އިޒްރޭލުން ވަނީ އިންޒާރު ވެސް ދީފަ އެވެ.