Advertisement

އެސޯސިއޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ވެސް މާޖިދާ އަށް

14 ޖުލައި 2024 - 13:28 0

އަތޫފް އާތިފް

އަތޫފް އާތިފް

ޕޮލިސް ކުލަބާއި ވެމްކޯ ބައްދަލުކުރި އެސޯސިއޭޝަން ކަޕް ފައިނަލް މެޗުގެ ތެރެއިން މާޖިދާ ޕޮއިންޓް ހޯދުމަށް ފަހު އުފާފާޅު ކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު


އެސޯސިއޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ވެސް މާޖިދާ އަށް

14 ޖުލައި 2024 - 13:28 0

ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް)،ގެ އަންހެން ޑިވިޝަން، ޖެހިޖެހިގެން ހަތަރު އަހަރު ކްލަބް ވެމްކޯ އިން ކާމިޔާބުކުރިއިރު، އެންމެ ފަހުން ތިން ފަހަރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އައިޝަތު މާޖިދާ (މާޖީ) ހޮވިއްޖެ އެވެ.

ރޭ ކުޅުނު ފައިނަލުގައި ވެމްކޯ އިން ޕޮލިހުގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 25-19، 25-23، 13-25 އަދި 25-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މާޖީ އެވެ.

ރޭގެ ފައިނަލް މެޗަށްފަހު "އަދަދު" އާ ވާހަކަ ދައްކަމުން މާޖި ބުނީ, ޖެހިޖެހިގެން ތިން އަހަރު މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުން މިއީ ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ އޭނާ އަށް ހާއްސަ ކާމިޔާބީ އެއް ކަމަށާއި, ކުރިއަށް ހުރި މުބާރާތްތަކަށް ނުކުންނާނީ މި ކާމިޔާބީ ތަކުރާރުކުރަން ކަމަށެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ މާޖިދާ (ވ)އާ ހަވާލުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


"ވަރަށް އުފަލުން މި ހުރީ. މިއީ މާޖީ އަށް ހާއްސަ ކާމިޔާބީ އެއް ޖެހިޖެހިގެން ތިން އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުން މިއީ. ކުރިއަށް ހުރި މުބާރާތްތަކަށް ވެސް ނުކުންނާނީ މި ކާމިޔާބީ ތަކުރާރު ކުރަން" މާޖީ ބުންޏެވެ.

އެސޯސިއޭޝަން ކަޕްގެ އެންމެ ފަހުން ކުޅުނު، ހަތަރު ފައިނަލުގައި ވެސް ވެމްކޯ އިން ބަލިކުރީ ޕޮލިސް ޓީމެވެ. އެ ގޮތުން، 2019 ވަނަ އަހަރުގެ ފައިނަލުގައި ވެމްކޯ އިން ޕޮލިސް ބަލިކުރީ 3-1 ސެޓުންނެވެ. އޭގެ ފަހުން، މިދިޔަ ދެ އަހަރު (2022 އާއި 2023 ގައި) ކުޅުނު ދެ ފައިނަލުން ވެސް ވެމްކޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި ފަހަރުގެ ފައިނަލުގައި ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް، ޖުމްލަކޮށް ވެމްކޯ އަށް އެކަށީގެންވާ ފައިޓެއް ދީފަ އެވެ.

މާޖިދާ ބުނީ ވެމްކޯ އިން ކޮންމެ މުބާރާތަކަށް ނުކުންނަނީ ވެސް ތަށްޓައް އަމާޒު ހިފައިގެން ކަމަށެވެ. މި ފަހަރުގެ މުބާރާތައް ވެސް ނުކުތީ އެ އަމާޒަށް ވާސިލްވުމަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ހާއްސަކޮށް މިދިޔަ ތިން ފަހަރު ޗެމްޕިއަންކަން ނެގިފައިވުމުން ވެމްކޯ އިން ދެން އަމާޒު ހިފީ އިތުރު ތިން އަހަރު ވެސް މި ތަށި ކާމިޔާބުކުރަން ކަމަށް މާޖިދާ ބުނެފައިވެ އެވެ.

ގައުމީ މުބާރާތް ވެސް ވެމްކޯ އިން ތިން ފަހަރު ކާމިޔާބު ކޮށްފައިވުމުން ދެން އަމާޒު ހިފާނީ އެ މުބާރާތް ވެސް އިތުރު ތިން ފަހަރު ކާމިޔާބު ކުރަން ކަމަށް މާޖިދާ ވަނީ ބުނެފަ އެވެ.