Advertisement

ޔާމީނަށް އަދަބު ދޭން ޖެހޭ ކަމަށް ބުނީ އަމިއްލަ ހައިސިއްޔަތުން، ސަރުކާރުގެ ބަހެއް ނޫން: މުހުތާޒު

14 ޖުލައި 2024 - 05:57 0

މުހައްމަދު އުޝާމް

މ

Advertisement

ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު: ޔާމީނަށް ދައުވާކުރަން އޭނާ ގޮވައިލެއްވި


ޔާމީނަށް އަދަބު ދޭން ޖެހޭ ކަމަށް ބުނީ އަމިއްލަ ހައިސިއްޔަތުން، ސަރުކާރުގެ ބަހެއް ނޫން: މުހުތާޒު

14 ޖުލައި 2024 - 05:57 0

Advertisement

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރި މައްސަލައިގައި އެމަނިކުފާނަށް ދައުވާކޮށް އެ ބަލަން ޖެހޭ ކަމަށް ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުވި ގިނަ ބަޔަކު ހައްޔަރުކުރި އެ ވެރިކަމުގައި މުހުތާޒު ވެސް ހައްޔަރުކޮށްފައިވެ އެވެ. މުހުތާޒަކީ އެއިން އެކަކެވެ. އޭނާ ވެސް ހިމެނޭހެން ބަންދުގައި ތިބި ބަޔަކު ދޫކޮށްލަން ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި އަމުރެއް ނެރުނެވެ. އެ އަމުރު ތަންފީޒުނުކޮށް، ފަސް ދުވަސް ފަހުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި އެވެ.

Advertisement

މިދިޔަ ބުދަ ދުވަހު "އަސްލު ޓީވީ" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުހުތާޒު ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ހިންގެވި އެ ކަންކަން ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަށް އެ މައްސަލާގައި ދައުވާކޮށް އަދަބު ލިބެން ޖެހޭ ކަމަށް ވެސް މުހުތާޒު ވިދާޅުވި އެވެ.

އެ ވާހައާ ގުޅޭ ގޮތުން "އަދަދު" ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުހުތާޒް މިއަދު ވިދާޅުވީ އެއީ އޭނާ އަމިއްލަ ހައިސިއްޔަތުން އަދި އެ ވެރިކަމުގައި އަނިޔާ ލިބުނު ފަރުދެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑު މަގާމުގައި ހުންނަވާ ބޭފުޅަކު، ޕްރޮގްރާމެއްގައި ވާހަކަ ދެއްކީމައި، ނޫސްވެރިންނަށް ވެސް، އާންމުންނަށް ވެސް އެ ކަން އޮޅިދާނެ، އަޅުގަނޑު ދެއްކީ އަޅުގަނޑުގެ ތަޖުރިބާގެ ވާހަކަ، އަޅުގަނޑުގެ ޕާސަނަލް އޮޕީނިއަން، އަނިޔާ ލިބުނު ފަރުދެއްގެ ހައިސިއްޔަތުން، ކިޔައިދީފައި އެއީ،" މުހުތާޒު ވިދާޅުވި އެވެ.

Advertisement

އަޅުގަނޑު އެ ކަމަކަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފައެއް ވެސް އަރުވާފައެއް ނޯންނާނެ، އެއީ ސަރުކާރުން، ޖުޑިޝަރީއަށް، ފުލުހަށް ހުށަހަޅައިގެން ކުރަން ޖެހޭ ކަމެއް ނޫން

ޔާމީނުގެ ވެރިކަމުގައި ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް މަޖިލީހުގެ ވޯޓުން ދުރުކުރުމަށް ފަހު، ހައްޔަރުކުރި މުހުތާޒުގެ ނަން ވެސް ދޫކޮށްލާ މީހުންގެ ތެރޭގައި، ސުޕްރީމް ކޯޓުގެ އޭރުގެ އަމުރުގައި އޮތް ނަމަވެސް އެ އަމުރު ނެރުނު ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއްވެސް އުސޫލެއް ނެތި ފަނޑިޔާރުން ހައްޔަރު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އެއީ ޖިނާއީ ކުށެއް ކަމަށް މުހުތާޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ދައުވާކުރީ މުހުތާޒު ޕްރޮސެކިއުޓަ ކަމުގައި ހުންނަވަމުންނެވެ. މުހުތާޒު ވިދާޅުވަމުން ގެންދަވަނީ އެ ހަމައިން ޔާމީނަށް ވެސް ދައުވާކޮށް އަދަބު ދެވެން ޖެހޭނެ ކަމަށެވެ.

ޔާމީނުގެ ވެރިކަމުގައި ޕްރޮސެކިއުޓަ ޖެނެރަލަކަށް މުހުތާޒު ހުންނަވަނިކޮށް 2016 ވަނަ އަހަރު އޭރު ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ މުހުތާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައި، މުހުތާޒް އެ މަގާމުން ދުރުކޮށްފަ އެވެ.

މުހުތާޒު މިނިވަންވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީން ނާކާމިޔާބުވި ފަހުން، މުހުތާޒަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލް ކުރުމުންނެވެ. މިދިޔަ ފަސް އަހަރު ގަނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި މުހުތާޒު ވަނީ ޕީއެންސީ/ޕީޕީއެމްގެ ބައެއް ހަރަކާތްތެރިންނަށް ވަކާލާތު ކޮށްދެއްވައިފަ އެވެ.

ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމުން ޔާމީނު ވަނީ ވަކިވެފަ އެވެ. އެއީ ރައީސް މުއިއްޒާ ދެމެދު ހިޔާލު ތަފާތުވެ ގުޅުން ގޯސްވުމުންނެވެ. ޔާމީން މިހާރު ގެންދަވަނީ ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި ސަރުކާރުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޔާމީނުގެ ވެރިކަމުގައި ހިނގި އަނިޔާގެ ކަންކަމުގެ ވާހަކަ މިހާރު އެންމެ އަޑު ހަރުކޮށް ދައްކަވަނީ ޕީއެންސީ/ޕީޕީއެމް އިއްތިހާދުގެ ވެރިންނެވެ.