Advertisement

"ރައީސްގެ ފަރާތުން" މެންބަރުންނަށް ބައިލައްކަ ދިނުމަކީ ކޮރަޕްޝަން، ފައިސާ ހޯދި ގޮތް ބަލަން ޖެހޭ: ޔާމީން

11 ޖުލައި 2024 - 23:06 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ުކުރީގެ ރައީސް އަބްދުالله ޔާމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ސަރުކާރުން މެންބަރުންނަށް ފައިސާ ދިނުމަކީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ސިފަކުރެއްވި --- ފޮޓޯ: އަދަދު ފައިލް


"ރައީސްގެ ފަރާތުން" މެންބަރުންނަށް ބައިލައްކަ ދިނުމަކީ ކޮރަޕްޝަން، ފައިސާ ހޯދި ގޮތް ބަލަން ޖެހޭ: ޔާމީން

11 ޖުލައި 2024 - 23:06 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންނަށް ކޮންމެ މަހަކު މުލީއާގެއިން ދެމުންދާ ބައިލައްކަ ރުފިޔާގެ ނަގުދު ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް ވިދާޅުވެ ރައީސް އެ ފައިސާ ހޯއްދަވާ ގޮތް ތަހުގީގެއް މެދުވެރިކޮށް ހޯދުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ގޮވާލައްވައިފި އެވެ.

މިރޭ ޔާމީންގެ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންސީ) ގެ "ފްރޮންޓް އޮފީސް" ޖަލްސާގެ ތެރެއިން "އަދަދު" ނޫހުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ހިންގާ ޕީއެންސީ ތަމްސީލު ކުރާ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވާ ބައިލައްކަ ރުފިޔާއާ ގުޅޭ ގޮތުން ސުވާލު އަމާޒުކޮށްފަ އެވެ.

"ތިކަން ތިގޮތަށް ހިނގާ ކަމަށްވަންޏާ އެއީ އަޅުގަނޑު ވެސް އަޑުއަހާފައި އޮތް ވާހަކައެއް. އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ތިކަން ތިގޮތަށް ހިނގާ. މުލީއާގެއިން އަދި ރައީސް އޮފީހުން މިކަން ދޮގުކުރިޔަސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ތިކަން ތިގޮތަށް ހިނގާ," އެ ސުވާލުގެ ޖަވާބުގައި ޔާމީން ވިދާޅުވި އެވެ.

އެކަން އެގޮތަށް ހިނގަންޏާ ޝައްކެއް ވެސް ނެތް އެއީ ކޮރަޕްޝަން.

އެ ފައިސާ ދެއްވުމަށް ވުރެ ބޮޑު މައްސަލައެއްގެ ގޮތުގައި ޔާމީން ފާހަގަކުރެއްވީ އެ އަދަދަށް ރައީސް ފައިސާ ހޯއްދަވާ ގުޅޭ ގޮތުންނެވެ. ޔާމީން ވަނީ "މުލިއާގޭގައި މިހާރު ފައިސާ އަޅާ ގަސްތަކެއް ހުރީތޯ" ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.

"އަޅުގަނޑު ވެސް އުޅުނު ތަނެކޭ އެއީ. އެހެންވީމާ ފައިސާ އަޅާ ގަސްތަކެއް ހުރީތޯ. ދެން ކޮންތާކުންތޯ މި ފައިސާ ހޯދަނީ. ކޮންމެ މީހަކު އެ މީހަކަށް ލިބޭ މުސާރަ އާއި އާމްދަނީއާ ނުބައްދަލު ފައިސާ ގެންގުޅެ ކަމަށްވަންޏާ އެއީ ގާނޫނީ ގޮތުން ސުވާލު ކުރެވިދާނެ ކަމެއް," ޔާމީން ވިދާޅުވި އެވެ.

އެ މައްސަލާގައި ރައީސް މުއިއްޒުއާ ފުލުހުން ސުވާލު ނުކުރާތީ ޔާމީން ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އެ ފައިސާ ހޯދި ތަނަކާއި ކޮން ގޮތަކުން ލިބުނު ފައިސާއެއްތޯ ބަލަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރު އެބަ ޖެހޭ މުލިއާގެ ރެއިޑްކޮށްފައި ބަލަން. އެއީ ބޭންކުން ތި ފައިސާ ނަގާ ކަމަށް ވަންޏާ އެމްއެމްއޭގެ ހުރިހާ ރަތް ބޮކިތައް ދިއްލެން ޖެހޭނެ. އެސްޓީއާރުތައް ނުކުންނަން ޖެހޭނެ. ކުޑަ އަދަދެއްގެ ފައިސާއެއްގެ ވާހަކައެއް ނުދައްކަވަނީ," ޔާމީންގެ ކަންބޮޑުވުން ހިއްސާކުރައްވަމުން "އަދަދު" ގެ ސުވާލަށް ޖަވާބު ދެއްވި އެވެ.

"އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅަކަށް ތި ފައިސާ ތިހެން ދެއްވޭނެ ކަމަށް."

މެންބަރުންނަށް ފައިސާ ދީފައިވާކަން ޕީއެންސީގެ ތިން މެންބަރަކު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އެ ފައިސާއާ ނުލައި ވެސް މަޖިލިސް މެންބަރަކަށް ކޮމެޓީ އެލެވެންސްގެ ގޮތުގައި ލިބޭ 20،000ރ. އާއެކު ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 82،500ރ. ލިބެ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭން ނިންމިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މުލިއާގޭގައި މެއި 22، ގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނާއި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ޕީއެންސީގެ މެންބަރުންނަށް "މުލިއާގެއިން މަހަކު 50،000ރ. ދޭ" ވާހަކަ ދޮގު ކޮށްފަ އެވެ. ނަމަވެސް" މި ނޫހަށް އެނގިފައި ވާގޮތުގައި ހުސްވި މަހު ވެސް ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް "ރައީސްގެ ފަރާތުން" ބައިލައްކަ ރުފިޔާ ދީފައިވެ އެވެ.

އެ ފައިސާގެ އިތުރުން ޕީއެންސީގެ އެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންނަށާއި ޕީއެންސީ ހިންގުމަށް ވެސް "ރައީސްގެ ފަރާތުން" ފައިސާ ދޭ ކަމަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ "އަދަދު" އަށް މައުލޫމާތު ދީފަ އެވެ. އެ ފައިސާގެ ޖުމުލަ އަދަދު ހަ މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް އެ ބޭފުޅުން ކަށަވަރު މި ނޫހަށް ކަށަވަރު ކޮށްދިނެވެ.