Advertisement

މަޖިލިސް މުށުތެރެއަށް ލައްވަން ރައީސް ދެއްވާ ނަގުދު ބައި ލައްކައިގެ ރިޝްވަތު

11 ޖުލައި 2024 - 11:03 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ނަގުދު ފައިސާތަކެއް މަތީ ހިންގަވަނީ - އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


މަޖިލިސް މުށުތެރެއަށް ލައްވަން ރައީސް ދެއްވާ ނަގުދު ބައި ލައްކައިގެ ރިޝްވަތު

11 ޖުލައި 2024 - 11:03 4

ދިވެހި ދައުލަތް ބިނާވެގެން ވަނީ މަސްހުނި ނުވެ ހިންގަންޖެހޭ ތިން ބާރެއްގެ މައްޗަށެވެ. މަޖިލީހާއި ޖުޑީޝަރީ މިނިވަންކޮށް ހިނގާނެ ކަމަށާއި އެ ދެ ބާރަތް އަތް ނުފޯރުވާނެ ކަމަށް، ވެރިކަމަށް ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކުވެސް ވިދާޅުވެ އެވެ. އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަޑައިގެންނެވީ އެ ވައުދާއެކު އެވެ.

ނަމަވެސް، ވެރިކަމާއެކު އަލަށް ހޮވި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ މި ސަރުކާރަށް ލިބުމާއެކު އިދިކޮޅުން އެންމެ ބޮޑަށް ކަންބޮޑުވި އެއް ކަމަކީ މަޖިލިސް މެންބަރުންނާއި މަޖިލީހުގެ ހިންގުން ރައީސްގެ މުށުތެރެއަށް ދިއުމެވެ. މުލީއާގެއިން މަޖިލީހަށް ބަސް ކިޔަން ފެށުމެވެ. ދެ ބާރު މަސްހުނި ވުމެވެ. ނަމަވެސް އެކަން އެހެން ނުވާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މި މަޖިލީހަކީ ނަމޫނާ މަޖިލީހަކަށް ވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެއި، 22 ގައި ވިދާޅުވި އެވެ. މަޖިލީހުގެ ރައީސްކަން އެމަނިކުފާނަށް ދެއްވަން ރައީސް މުލިއާގޭގައި ބައްދަލުކުރައްވާ އެދިލެއްވި ބައްދަލުވުމަށްފަހު އެވެ. މިހާރު އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ރައީސް އެހެން ވާހަކައެއްވެސް ހިއްސާކުރެއްވި އެވެ.

"ރައީސްގެ ފަރާތުން" ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މަހަކު 50،000ރ. ދެއްވާނެ ކަމަށް އެ ދުވަހު އެމަނިކުފާނު ވިދާޅުވި ކަމަށް އެ ޕާޓީގެ ތިން މެންބަރަކު "އަދަދު" އަށް ކަށަވަރު ކޮށްދެއްވަ އެވެ. އެކަމާ ބައެއް މެންބަރުން ދެކޮޅު ހެދުމުންވެސް ރައީސްގެ ޖަވާބަކަށްވީ "އެއީ އެއްވެސް މައްސަލައެއް ނޫން" ކަމަށެވެ.

ނަމަވެސް, ވަކި އަތަކަށް ނުޖެހި ސަބަބުވެރި ވިސްނުމަކުން ވިސްނާ މީހަކަށް އެއީ ތިން ބާރު ވަކިވެ އޮންނަ ވެރިކަމުގެ ނިޒާމަށް އޮތް ބޮޑު ނުރައްކަލެއްކަން އެނގޭނެ އެވެ. އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް އޮތް ހުރަހެއްކަން ސާފެވެ.

ވެރިކަންކުރާ ބާރުގެ އެންމެ މަތީ ފަރާތް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ، ގާނޫނު ހަދާ ބާރުގެ މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދެއްވުމަކީ "އެއްވެސް މައްސަލެއް ނޫން" ކަމަށް ވެދާނެ ހެއްޔެވެ. މުލީއާގެއިން ދިއްކުރާ ރަތް ނޫޓުގެ ބަންޑެލި ރިޝްވަތަށް ނުވާނެ ގޮތެއް އެބަ އޮތް ހެއްޔެވެ.

ޕާޓީއަށް ރައީސްގެ ބޮޑު ހަރަދުތަކެއް، ބަހަނީ ނަގުދު ފައިސާ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ޕާޓީގެ ޓިކެޓުގައި ހޮވުނު އަދި ހޮވުމަށްފަހު ސޮއިކުރި މެންބަރުން ހިމަނައިގެން ޕީއެންސީގެ ބިޔަ ބޮޑު ޕީޖީ ގްރޫޕުގައި 75 މެންބަރުން އެބަތިއްބެވެ. ރައީސް އެ ދެއްވާ ބައި ލައްކައިގެ ހަރަދު ބޮޑުވަނީ މި ހިސާބުންނެވެ.

ޕީޖީ ގްރޫޕަށް ދެއްވާ ނަގުދު ރިޝްވަތަށް ރައީސް މަހަކު 3.75 މިލިއަން ހަރަދުކުރައްވާނެ އެވެ. 500 ގެ ނޫޓުން ބަލާނަމަ 7،500 ނޫޓެވެ. ފަސް ސަތޭކަ ނޫޓުގެ، 100 ނޫޓުގެ ބޮނޑިން ގުނާނަމަ ކޮންމެ މެންބަރަކަށް ބޮނޑިއެކެވެ.

އަހަރެއްގެ މައްޗަށް މި ހަރަދު 45 މިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ ސަރުކާރުގެ ބައެއް އިދާރާތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މިންވަރަށްވުރެވެސް އިތުރު އަދަދެކެވެ.

މެންބަރުންނަށް ފައިސާ ދީފައި ރައީސް ނިންމަވާލައްވަނީކީ ނޫނެވެ. މި ނޫހާ ވާހަކަދެއްކި ޕީއެންސީގެ އިސް އޮފިޝަލުން ބުނާ ގޮތުގައި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށްވެސް ރައީސްގެ އެހީ ލިބެ އެވެ. ޕާޓީގެ އެހެން ހަރަދުތަކަށްވެސް ކޮންމެ މަހަކު ލައްކައިން ހޭދަ ކުރައްވަ އެވެ. ނަގުދު ފައިސާއިންނެވެ.

ރައީސް އާއި ނަގުދު ފައިސާ

ރައީސް މުއިއްޒާއި ނަގުދު ފައިސާގެ ވާހަކަ މީގެ ކުރިންވެސް އިވިފައިވެ އެވެ. އެތައް އަހަރެއް ވަންދެން މިލިއަނުން ނަގުދު ފައިސާ ރައްކާކުރެއްވި ކަމަށް ރައީސްގެ ފަރާތުން އެއްބަސްވެފައިވެ އެވެ. މި ވާހަކަތައް ފެންމަތިވީ ރިޔާސީ ކެމްޕޭނުގެ ތެރޭގަ އެވެ.

ރައީސްގެ އަމިއްލަ މިލްކިއްޔާތުގައި ހުރި މ. ދިމްޔާތު ގެ ހެދުމަށް މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏަށް އެމަނިކުފާނު ޖުމްލަ 13 މިލިއަން ރުފިޔާ ދެއްކެވި އެވެ. އޭގެ ތެރެއިން 11 މިލިއަން ރުފިޔާ އާރުސީސީއަށް ދެއްކީ ނަގުދުކޮށް ކަމަށް މި ނޫހުން އޭރު ހޯދި ލިޔެކިޔުންތަކުން އިނގެ އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ގެނެސްދިން ސިލްސިލާ ރިޕޯޓުތަކަށް ރައީސްގެ ކެމްޕޭނުން އޭރު ގެންދިޔައީ ރައްދު ދެއްމުންނެވެ. ކެމްޕޭން މެނޭޖަރުގެ ގޮތުގައި އޭރު ހުންނެވި އަދި މި ސަރުކާރުގެ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލު އޭރު ވިދާޅުވީ، އެ އެގާރަ މިލިއަނަކީ 2002 އިން ފެށިގެން އެމަނިކުފާނު އެއްކުރައްވަމުން ދިޔަ ފައިސާ ކަމަށެވެ.

"ގާނޫނާ ހިލާފަށް ހޯއްދަވާފައި ހުރި އެއްވެސް ފައިސާއެއް ނުހުންނާނެ، ޑރ. މުއިއްޒު އަށް އާއިލީ ގޮތުން ލިބިފަ ހުރި ފައިސާގެ ތެރެއިން ބޭންކަން ޖަމާނުކޮށް ހުރި ފައިސާ އަދި އެނގިވަޑައިގަންނަވާނެ ޑރ. މުއިއްޒަކީ 2002 އިން ފެށިގެން އަމިއްލަ މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެއް، އެކަމުން ލިބި ޖަމާނުކޮށް ހުރި ފައިސާ އެއީ [އާރުސީސީއަށް ދެއްކި 11 މިލިއަން ރުފިޔާ] އަކީ" ތޮލާލު ސެޕްޓެމްބަރު 4، 2023 ގައި ފޯނުން މި ނޫހާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

ފަހަރެއްގައި މިހާރު މެންބަރުންނަށް ދޭ ނަގުދު ފައިސާއަކީވެސް އެމަނިކުފާނު 2002 އިން ކުރެއްވި ބުރަ މަސައްކަތުން ހޯދާ ރައްކާކުރައްވާފައިވާ ފައިސާ ކަމަށް ވެދާނެ އެވެ. ހަމަގައިމުވެސް، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ.

ރައީސަށް ވެސް ނައިބު ރައީސަށް ވެސް އިތުރު އާމްދަނީ ނުހޯދޭނެ ގޮތަށް ގާނޫނު އަސާސީން ފުޅާ ރަތް ރޮނގެއް ވަނީ ދަމާފަ އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ގާނޫނު އަސާސީގެ 119 ވަނަ މާއްދާ


(ހ) ރައީސުލްޖުމްހުރިއްޔާއަކަށް ހުންނަ މީހަކު އަދި ރައީސުލްޖުމްހުރިއްޔާގެ ނައިބަކަށް ހުންނަ މީހަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެން ނުވާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތްތަކެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ އެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ރައީސުލްޖުމްހުރިއްޔާއަކަށް ހުންނަ މީހެއްގެ ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ނައިބަކަށް ހުންނަ މީހެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ އެވެ.

ގާނޫނުތަކަށް ގޮންޖަހާ ދެވަނަ ބާރު މުށުތެރެއަށް؟

ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ޖިނާއީ ކުށެއްކަން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އެންމެ އިސް ވެރިޔާއަށް ހަނދާން ކޮށްދޭން ޖެހޭނެ ކަމަކަށް ނުދެކެމެވެ. ނަމަވެސް ނެތިފައިވާ ހަނދާނެއް އާކޮޮށްލުމުގެ ގޮތުން ނަމަވެސް ހިމަނާލާނަމެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބުނެފައިވަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމާއި އެ މެންބަރުން ރިޝްވަތުގައި ހިފުމަކީ ކުށެއް ކަމަށެވެ. ގިނަވެގެން ހަތް އަހަރު ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް ލިބޭނެ ކުށެކެވެ.

"މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި، އެމީހަކު އަމިއްލައަށް، ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެހެންމީހެއްގެ ފަރާތުން ވިޔަސް، ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި، މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުވުމަށް، ނުވަތަ ނުކުރުވުމަށް، ނުވަތަ މިއިން ކަމަކަށް ޝައުގުވެރި ކުރުމަށް، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މި ނޫން ގޮތަކުން ވިޔަސް ރިޝްވަތު ދިނުމާއި، ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެއް،" އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެ އެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެކިލައްވާ ގޮތުގައި، މަޖިލިސް މެންބަރުންނަށް މިފަދައިން ފައިސާ ދެއްވުމުން މަޖިލީހުގެ މިނިވަންކަން އެކީ ނެތިގެންދާނެ އެވެ. ރައީސްގެ މުށުތެރެއަށް ދެވަނަ ބާރުވެސް ލެވޭނެ އެވެ. މިއީ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރުކުރުމަށް މަޖިލީހުން ކުރަން ޖެހޭ މަސައްކަތައް އެޅޭ ހުރަހެއްކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިހާ ހިސާބަށް ސަރުކާރުގެ އެއްވެސް ކަމެއްގަ ޖަވާބުދާރީއެއް ނުކުރެވޭ، މަޖިލީހުން ގައުމުގެ ބޮޑެތި ކަންތައްތަކެއްގެ ވާހަކަ ދައްކާއިރުވެސް އެކަންކަމާ ގުޅިގެން މަޖިލިސް ތެރޭގަ އިދިކޮޅުގެ މަދު މެންބަރުން ކޮޅު ނޫނީ ރަނގަޅު ބަހުސެއްވެސް ނުކުރެވޭ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވީ ޕީއެންސީ ކޯލިޝަނުން ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމު ނުކުރާ ކަމަށާއި، ސަރުކާރަށް ޑިމޮކްރަސީއަކީ ހަމައެކަނި ރައްޔިތުންގެ ކައިރިން ވޯޓު ހޯދަން ދައްކާ ވާހަކައެއް ކަމަށެވެ.

މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ރައީސް އަކީވެސް އާންމު ފަރުދުންނެކޭ އެއްގޮތަށް ގާނޫނަށް ތަބާވާން ޖެހޭ ފަރާތެއް ކަމެވެ.

"ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރެވިފަވާނެ އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ބާވަތެއްގެ އަމަލެއް، ހުންނެވި މަގާމުގެ ބޭނުންކޮށްގެން ވިޔަސް އެފަދަ އަމަލެއް ހިންގުމަކީ އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް،" ޖަމީލު ވިދާޅުވި އެވެ.

ފައްޔާޒު އެކޭ އެއްގޮތަށް ޖަމީލުވެސް ދެކިލައްވަނީ ރައީސްގެ މިއީ ދެ ބާރު މަސްހުނިކޮށް މަޖިލިސްވެސް އެމަނިކުފާނުގެ މުށުތެރެއަށް ލެއްވުމަށް ހިންގަވާ އަމަލެެއް ކަމަށެވެ.

"ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ފަރުމާކޮށްފަ އޮތް ގޮތަށް ބަލާފިކަމުގަ ވަންޏާމު ތިންބާރު ވަކިވެފަ އޮންނަ ސެޕެރޭޝަން އޮފް ޕަވާގެ ދަށުން އެގްޒެކެޓިވް ބްރާންޗަށް އެއްވެސް ހާލެއްގަ ޖާގައެއް ނުލިބޭ އަދި އެއް ޕާޓީއަކަށް ވީ ކަމުގައިވީ ނަމަވެސް އެ ފަރާތުން ލެޖިސްލޭޗާއަށް މިގޮތަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ހިންގުމަކަށް،" ގާނޫނީ ވަކީލުކަންވެސް ކުރައްވާ ޖަމީލު އިތުރަށް ވިދާޅުވި އެވެ.

އަމިއްލައަށް އިސްވެ މައްސަލަ ބަލާނެ ބަޔަކު ނެތް

ސަރުކާރުން މީގެ ކުރިން ވަނީ ޕީއެންސީގެ މެންބަރުންނަށް "މުލިއާގެއިން މަހަކު 50،000ރ. ދޭ" ވާހަކަ ދޮގު ކޮށްފަ އެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށެވެ.

ނަމަވެސް, މި ނޫހަށް އެނގިފައި ވާގޮތުގައި ހުސްވި މަހު ވެސް ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް "ރައީސްގެ ފަރާތުން" ބައިލައްކަ ރުފިޔާ ދީފައިވެ އެވެ. އެ މައުލޫމާތު ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި ޕާޓީގެ އިސް ބައެއް އޮފިޝަލުން ވަނީ ތަކުރާރުކޮށް ކަށަވަރުކޮށްދެއްވާފަ އެވެ.

"މިތާ މިއޮތީ ސާފު ސަރީހަކޮށް ރިޝްވަތުގެ އަމަލެއް ހިންގާފަ، އެހެންވީމަ ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުންނެވި ކަމުގައިވީނަމަވެސް އެކަންތައްތައް ތަހުގީގުކުރުމަކީ ރާއްޖޭގެ އެފަދަ ކަންތައްތައް ތަހުގީގުކުރާ އިދާރާތަކުން ތަހުގީގުކުރަން ޖެހޭ ކަމެއް މިއީ،" ޖަމީލު އިތުރަށް ވިދާޅުވި ގޮތުގައި މިއީ ބޮޑު ޖިނާއި ކުށެއް ކަމަށާއި މި މައްސަލަ މިހާރުން މިހާރަށް ބަލަން ޖެހޭނެ ކަމަށެވެ.

އޭނާގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ. އެތައް އާންމުންނެއް ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ނަމަވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން މިފަދަ މައްސަލައެއް ބަލާކަމެއް އެނގިފައެއް ނެތެވެ.

މިކަމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާތޯ ސާފުކުރުމަށް ސުވާލުކުރުމުން މިހާތަނަށް ރަސްމީ ބަހެއް ނުލިބެ އެވެ. ނަމަވެސް އިތުރަށް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އޭސީސީއިން މިފަދަ މައްސަލައެއް ބަލަމަކުން ނުދެ އެވެ.