9 ޖުލައި 2024 - 09:54 2
އަހުމަދު އާއިދު
ނައިބު ރައީސް ހުސެއިން: އެމަނިކުފާނު ވިދާޅުވީ ހަރުކަށި ފިކުރާއި ޖިހާދަށް ދިއުމަކީ ދިވެހިންގެ ސަލާމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް - ފޮޓޯ: ރައީސް އޮފީސް
9 ޖުލައި 2024 - 09:54 2
ހަރުކަށި ފިކުރު ފެތުރުމާއި ޖިހާދުގެ ނަމުގައި ހަނގުރާމައިގެ ސަރަހައްދުތަކަށް ދިޔުމުގެ އިތުރުން ރާއްޖޭގެ ފަސްގަނޑުގައި ޓެރަރިސްޓު ހަމަލާތައް ރޭވުމަކީ ދިވެހިންގެ ސަލާމަތަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ ފެށުމަށް މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ބައެއް މީހުންގެ ފިކުރީ އަދި ސިޔާސީ ނާޖާއިޒު މަގުސަދުތަކެއް ހާސިލްކުރުމަށް ޓެރަރިޒަމާއި ހައްދުފަހަނައެޅުން ފަދަ ކަންކަމަށް ވާގިދޭ ކަމަށެވެ.
މިކަމުގެ ސަބަބުން ބީރަށްޓެހި ހަރުކަށި ފިކުރުތައް އިތުރުވެ ރާއްޖޭގެ އެއްބައިވަންތަކަށް ބުރޫއަރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަންކަމުން ގައުމު ސަލާމަތް ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށް ނައިބު ރައީސް ވެސް ވިދާޅުވި އެވެ.
"ހައްދުފަހަނައަޅާ ދިއުމުގެ ޝިކާރައަކަށް ބައެއް ދިވެހިންވެ، ވަސްވާސްތަކަށް ހެއްލި، ހާއްސަކޮށް ޒުވާނުން ހަނގުރާމަވެރި ސަރަހައްދުތަކުގައި ޖިހާދުގެ ރަހުމުކުޑަ އުދުވާންތައް ހިންގުމާއި ދިވެހި ފަސްގަނޑުގައި ވެސް ނޭއްގާނީ އެކި އެކި މަގްސަދުގައި ޓެރަރިސްޓު ހަމަލާތައް ރާވާ ހިންގުމުގެ މަސައްކަތް ކުރުމަކީ ދިވެހިންގެ އެއްބައިވަންތަ ކަމަށާއި ސަލާމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމުގައި ޝައްކެތް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.
މިފަދަ ކަންކަން ހައްލުކުރުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށާއި ދީނުގެ ނަމުގައި ނުވަތަ އެހެން ނަންނަމުގަިއ އަނިޔާވެރިކަން ފަތުރާ ފިތުނަ އުފެއްދުމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސް ކަމުގައި ވެސް ނައިބު ރައީސް ވަނީ މިއަދު ވިދާޅުވެފަ އެވެ.
އޭގެ އިތުރުން، ރަނގަޅު ތައުލީމުގެ ތެރެއިން އިސްލާމް ދީނުގެ ރަނގަޅު މައުލޫމާތު ދީ ރައްޔިތުން، ޓެރަރިޒަމް ފަދަ ވަސްވާސްތަކުން ސަލާމަތް ކުރަން ސަރުކާރުން މަސައްކަތް ކުރާނެކަން ވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އާދަމް
9 months ago
ހަރުކަށި ފިކުރާއި ޓެރަރިޒަމާއި ހައްދު ފަހަނައެޅުމުގެ ވާހަކަ މަނިކުފާނު ދައްކަވާއިރު، އެކަމަށް މީސްތަކުން ހޭލުންތެރިކުރުމުގެ ގޮތުން ދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދެމުން ނުދާކަން ހިތާމަޔާއެކު ފާހަގަކުރަން. ރާއްޖެތެރޭގެ ގިނަ މިސްކިތްތަކަކީ ހަމައެކަނި ނަމާދުކޮށްލަން ދާ ތަނަކަށް ވަނީ ވެފައި. ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އެތައް ގުނައެއް އަމިއްލަ ޖަމާޢަތްތަކުން ކުރޭ. މިސާލަކަށް ޖަމިއްޔަތުއް ސަލަފް ފަދަ.
ނަގުދު
9 months ago
މިގައުމަށް އެންމެ ނުރައްކާވަނީ " ހަރުކަށި ފިކުރު " ގެ މީހުންގެ ސަބަބުންކަމަށް ސިޔާސީ މީހުން ގަބޫލު ކުރިޔަސް ރައްޔިތުން އެކަން ގަބޫލެތް ނުކުރެއެވެ. ރައްޔިތުން ގަބޫލުކުރަނީ ގައުމަށް އެންމެ ނުރައްކާވަނީ ގޭގްތަކާއި ޑްރަގް ސަބަބުންނެވެ.
Comment