Advertisement

ދައުލަތުގެ ދެ ބާރުގެ އިންތިހާބު އެއްކޮށްލުމުގެ ބަދަލުގައި ދާންވީ މިޑްޓާމް އިންތިހާބަކަށް: ފައްޔާޒު

9 ޖުލައި 2024 - 10:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ސަރުކާރު ޖަވާބުދާރީ ކުރެވޭނީ މިޑްޓާމް އިންތިހާބަކުން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ދައުލަތުގެ ދެ ބާރުގެ އިންތިހާބު އެއްކޮށްލުމުގެ ބަދަލުގައި ދާންވީ މިޑްޓާމް އިންތިހާބަކަށް: ފައްޔާޒު

9 ޖުލައި 2024 - 10:27 0

ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމުން ޖަވާބުދާރީ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލިގެންދާ ކަމަށާއި އެހެންކަމުން ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލުގައި މިޑް ޓާމް އިންތިހާބެއް ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކައުންސިލުތަކުގެ ސައިޒު ކުޑަކޮށް، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވާނެ ކަމަށާއި އެކަން ކުރަން ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން އިއުލާން ކުރައްވާފަ އެވެ.

ސަންގު ޓީވީގައި ރޭ އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ދައުލަތުގެ ވަކި ބާރެއް ގޮތުގައި އޮތް މަޖިލިސްގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން އެހާ ބުއްދިވެރި ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ނަމަވެސް, ރިޔާސީ އިންތިހާބާ އެކުގައި ކައުންސިލް އިންތިހާބު ބޭއްވުމުގައި މާ ބޮޑު މައްސަލައެއް ނެތް ކަމަށާއި އެއީ ކައުންސިލަރުންނަކީ ރަށުގެ ކަންކަން ހިންގުމަށް ދައުލަތާއި ގުޅިގެން މަސައްކަތް ކުރާ ބަޔަކަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު މަޖިލިސްއަކީ އެ މީހުން ޖަވާބުދާރީ ކުރަން އަންނަ ބައެއް. އެ ދެބައި އެއްކުރުމަކީ އަޅުގަނޑަށް އެހާ ރަނގަޅު ކަމެއް ނޫން. ހަގީގަތަކީ މާ ރަނގަޅު ހަ މަސް ދުވަސް ކުޑަކޮށް ލަސްކޮށްލުން. އަހަރު ދުވަހަށް. މިޑްޓާމަކަށް ދާން. އޭރުން ރައްޔިތުންނަށް އެނގޭނެ ސަރުކާރުން ކަންތައް ކުރަނީ ކިހިނެއްތޯ،" ފައްޔާޒް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވަނީ މަޖިލިސް އިންތިހާބު ނިމެންދެން އެކި ވާހަކަތައް ދައްކައި ރައްޔިތުންނަށް އޮޅުވާލާފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަންކަން މިހާރު ތިލަވަމުންދާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުން މޮޅުވާ ބައެއް މަޖިލިސް އިންތިހާބު އަންނަ އިރު ޖަވާބުދާރީ ކުރުވަން ރައްޔިތުންނަށް ފުރުސަތު ލިބޭ ކަމަށާއި ނަމަވެސް ދެ އިންތިހާބު އެއްކޮށްލުމުން އެ ފުރުސަތު ވެސް ގެއްލޭ ކަމަށެވެ.

އޭގެއިތުރުން, ފައްޔާޒު ވިދާޅުވީ ބޭކާރު ހަރަދެއްގެ ގޮތުގައި ދެކުނު ނަމަވެސް ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އިންތިހާބުތައް ބާއްވަން ޖެހޭ ކަމަށެވެ.