Advertisement

ފްރާންސްގެ ކުޅުން "ފޫހި" ކަމަށް ބުނާ މީހުންނަށް ޑެޝޯޕްމްސްގެ ރައްދެއް

9 ޖުލައި 2024 - 10:35 0


ފްރާންސްގެ ކުޅުން "ފޫހި" ކަމަށް ބުނާ މީހުންނަށް ޑެޝޯޕްމްސްގެ ރައްދެއް

9 ޖުލައި 2024 - 10:35 0

މިއުނިކް (ޖުލައި 9) - މި އަަހަރުގެ ޔޫރޯގައި ފްރާންސް އިން ކުޅެފައިވާ "ފޫހި" ފުޓްބޯޅައެއް ކަމަށްވާ ބުނެ، ފާޑުކިއުންތައް އަމާޒުކުރާ ފަރާތްތަކަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ މިރޭ ކުޅޭ ޔޫރޯގެ ސެމީ ފައިނަލްގެ ކުރިން ރައްދު ދީފި އެވެ.

ޔޫރޯގެ ސެމީ ފައިނަލްގައި މިރޭ ސްޕެއިންއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، މި މުބާރާތުގައި ފްރާންސް މިހާތަނަށް ދައްކަމުންދާ ކުޅުމަށް ގިނަ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

ގިނަ ފާޑުކިއުންތައް އަމާޒުވަނީ ފްރާންސަށް ބެލުންތެރިން ބަލާހިތްވާ ފަދަ ކުޅުމެއް ނުދެއްކޭތީއެވެ. މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ފްރާންސްއަށް އަދި މިހާތަނަށް މި އަހަރުގެ ޔޫރޯގައި "އޯޕަން ޕްލޭ" އިން ލަނޑެއް ނުޖެހެއެވެ. މިހާތަނަށް ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލަކީ ބައިކޮޅަށް ވަތް ގޯލެެވެ. ދެން ލަނޑެއް ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ.

މިރޭ ކުޅޭ ސެމީ ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސް އިން "ފޫހި" ފުޓްބޯޅައެއް ކުޅޭ ކަަމަށް ބައެއް ފަރާތްތަކުން ސިފަކުރާތީ ނޫސްވެރިޔަކު ސުވާލުކުރުމުން ޑެޝޯމްޕްސް ވަނީ އެކަމަށް ރައްދު ދީފައެވެ.

"ފްރާންސްގެ ފުޓްބޯޅަ ބަލަން ފޫހިވަންޏާ އެހެން މެޗެއް ބަލާ. ފްރާންސް ކުޅޭތަން ބަލާކަށް ނުޖެހޭ. އެއީ މަައްސަލައެއް ނޫން،" ޑެޝޯމްޕްސް ބުންޏެވެ. "ފަހަރެއްގައި މާޒީގައި ފްރާންސް އިން ދެއްކި ކުޅުން ނުފެނިދާނެ. އެހެންވިޔަސް، ފްރާންސްއަށް މި ދަތި ދަނޑިވަޅުގައިވެސް، ފްރާންސްގެ ރައްޔިތުންނަށް ހިނުތުންވުމަކާއި އުފާވެރިކަން ގެނެވޭނެ ފެންވަރު މި ޓީމުގައި ހުންނާނެ."

ޑެޝޯމްޕްސްގެ ފޯވާޑުންގެ ދިފާއުގައި

ފްރާންސްގެ ލަނޑު މަދުުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި އެންޓުއާން ގްރީޒްމަންގެ ފޯމު ދަށްވުމެވެ.

މި އަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ނޭފަތަށް ލިބުނު އަނިޔާއަކާ ގުޅިގެން އެމްބާޕޭ ދެންހުރި މެޗުތައް ކުޅުނީ މޫނު މަތީގައި މާސްކެއް އަޅައިގެނެވެ. އެހެންކަމުން އެމްބާޕޭއަށް އަސްލު ފެންވަރު ދެއްކުމަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ.

ގަތަރުގައި 2022 ވަނަ އަހަރު އޮތް ޥޯލްޑް ކަޕްގައި ފްރާންްސް އިން 16 ލަނޑު ޖެހިއިރު، އޭގެ ތެރެއިން 8 ލަނޑު ޖެހީ އެމްބާޕޭއެވެ.

މިރޭގެ ސެމީގައިވެސް ފްރާންސްގެ ފުރަތަމަ 11ގައި އެމްބާޕޭ ކުޅޭނެ ކަމަށް ބެލެވެއެވެ. ޑެޝޯމްޕްސް ބުނީ މާސްކެއް އަޅައިގެން ކުޅެންޖެހުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި މިރޭ ސްޕެއިންއާ ދެކޮޅަށްވެސް އެމްބާޕޭ "ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ" ކަމަށެވެ.

ފްރާންސްގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ގްޒީޒްމަނަށް އަދި މުބާރާތުގައި ލަނޑެއް ނުޖެހއެވެ.

މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ސްޕެއިން

މި އަހަރުގެ ޔޫރޯގައި ސައްތައިން ސައްތަ ރެކޯޑަކާއެކު އޮތް ހަމައެކަނި ޓީމަކީ ސްޕެއިންނެވެ.

އެހެންކަމުން މިރޭގެ ސެމީ ފައިނަލްގެ ކުރިން ފްރާންސްގ ކޯޗު ޑެޝޯމްޕްސް ވަނީ ސްޕެއިންގެ ޓީމަށް ތައުރީފްކޮށްފައެވެ. ޑެޝޯމްޕްސް ބުނީ މިހާތަނަށް މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ސްޕެއިންގެ ޓީމުން ކަމަށެވެ.

"ސްޕެއިންއަކީ ވަރަށް މޮޅު ޓީމެއް. މޮޅެތި ކުޅުންތެރިން އެބަތިބި. އަހަރެން ބޭނުމެއް ނޫން ސްޕެއިންއަށް ޕްރެޝަރެއް ދޭކަށް. އެކަމަކު މި މުބާރާތުގައި އަދި އެންމެ މޮޅު ޓީމަކަށް ފެނުނީ ސްޕެއިން،" ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްޕްސް ބުނީ ސްޕެއިންގެ ދެ ފަޅިއަށް ކުޅޭ ޒުވާން ދެ ކުޅުންތެރިން ކަމަށްވަ ލަމީން ޔަމާލް އާއި ނީކޯ ވިލިއަމްސްއަށް ސަމާލުވާނެ ކަމަށެވެ. އަދި އެ ކުޅުންތެރިން ހުއްޓުވުމަށް ފްރާންސް އިން ގޮތްތަކެއް ރާވާފައިވާ ކަމަށެވެ.