7 ޖުލައި 2024 - 10:58 0
މުހައްމަދު އުޝާމް
7 ޖުލައި 2024 - 10:58 0
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ވޯޓުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅަން ބާއްވާ ދަށު ކޯޓު ފަނޑިޔާރު މެންބަރުގެ އިންތިހާބު އޮންލައިންކޮށް ބޭއްވޭ ގޮތަށް ބަދަލުކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އާ އުސޫލެއް ނެރެފި އެވެ.
މީގެ ކުރިން އެ އިންތިހާބު ބާއްވަނީ މާލެއާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައި ވޯޓު ފޮށި ބަހައްޓައިގެންނެވެ. 2019 ވަނަ އަހަރު ބޭއްވި އިންތިހާބަށް ނެރުނު އުސޫލުގައި ވެސް ބުނަނީ އެ ގޮތަށެވެ.
ކުރީގެ އުސޫލު އުވާލުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އުސޫލުގައި ބުނަނީ އެ އިންތިހާބު ބާއްވާނީ ޑީޖޭއޭން ކަނޑައަޅާ "އިލެކްޓްރޯނިކް ނިޒާމެއް" މެދުވެރިކޮށް ކަމަށެވެ.
އެ ނިޒާމުގެ ތެރެއިން ވޯޓު ލުމަށް ބޭނުންވާ އިރުޝާދާއި ވޯޓު ލުން ކުރިއަށް ދާނެ ގޮތުގެ މައުލޫމާތު، އެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ފަނޑިޔާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަނޑިޔާރުންނަށް ފޮނުވަން ވާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެ އެވެ.
އިންތިހާބުގެ ކަންކަން ބަލަހައްޓައި ކުރިއަށް ގެންދަން ޑީޖޭއޭން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލަން ޖެހޭނެ އެވެ. އަދި އިންތިހާބަށް ބޭނުންވާ އިލެކްޓްރޯނިކް ނިޒާމަކީ، ވޯޓުގެ ސިއްރުކަން ނުގެއްލޭ ގޮތަށް އިތުބާރު ހިފޭ ނިޒާމެއް ކަން އެ ކޮމިޓީން ޔަގީން ކުރަން ވާނެ ކަމަށް އުސޫލުގައިވެ އެވެ.
Comment