Advertisement

ރޮނާލްޑޯ އާއި ޕެޕޭ އަދި ޕޯޗުގަލް އިން ރިޓަޔާކުރަން ނުނިންމާ

6 ޖުލައި 2024 - 10:24 0


ރޮނާލްޑޯ އާއި ޕެޕޭ އަދި ޕޯޗުގަލް އިން ރިޓަޔާކުރަން ނުނިންމާ

6 ޖުލައި 2024 - 10:24 0

ހެމްބާގް (ޖުލައި 6) - ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން ބަލިވެ, ޕޯޗުގަލުން މުބާރާތުން ކެޓިއިރު، އެ ޓީމުގެ އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕެޕޭ ރަސްމީކޮށް ރިޓަޔާނުކުރާ ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ޕެޕޭ އަކީ ޔޫރޯ ފުޓުބޯޅަ މުބާރާތެއްގައި ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އެވެ. މި ފަހަރުގެ ޔޫރޯގައި ޕެޕޭ ކުޅުނުއިރު, އޭނާގެ އުމުރަކީ 41 އަހަރެވެ.

އަނެއްކޮޅުން، މިއީ ރޮނާލްޑޯގެ ހަ ވަނަ ޔޫރޯ އެވެ. މިއާ އެކު, ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ޔޫރޯގެ ހަ މުބާރާތުގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ސްލޮވޭނިއާގެ މައްޗަށް ޕޯޗުގަލް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ޔޫރޯ ކަމަށް ބުނެފަ އެވެ. ރޮނާލްޑޯ އަށް މެންޗެސްޓާ ޔުނައިޓެޑްގައި ކޯޗުކޮށްދިން އަލެކްސް ފާގަސަން ވަނީ މި ފަަހަރުގެ ޔޫރޯ އަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށް ވެސް ބުނެފަ އެެވެ.

ރޭގެ މެޗަށް ފަހު ޕެޕޭ ރުއި މަންޒަރު ފެނުނެވެ. އެކަމަކު މާޓިނޭޒް ބުނީ އެއީ މިވަރުގެ މެޗެއް ކުޅެ, ގައުމަށް ގުރުބާންވެ, އެކަން ކާމިޔާބު ނުވީމަ އެކަމުގެ ދެރައިގައި ޕެޕޭ ޖަޒުބާތުގައި ޖެހުނީ ކަމަށެވެ.

"ޕެޕޭ އަކީ އަހަރެންގެ ޓީމުގައި މުހިންމު ކުޅުންތެރި އެއް. މި ފަހަރުގެ މުބާރާތުގައި އޭނާ އެކަން ސާބިތު ކޮށްދީފި. އޭނާ އަކީ ނަމޫނާ ކުޅުންތެރި އެއް" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ ރޭގެ މެޗަށްފަހު އަދި އެއްވެސް ކުޅުންތެރިޔަކު ރިޓަޔާވާން ނުވިސްނާ ކަމަށެވެ.

ރޮނާލްޑޯ ރޭގެ މެޗަށްފަހު ޔޫރޯ މުބާރާތައް އަލްވަދާއުކީއިރު, އޭނާ އަކީ މި މުބާރާތުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އެވެ. މުބާރާތުގެ ގިނަ ރެކޯޑުތަކެއް ރޮނާލްޑޯ އަތުގައި އެބައޮތެވެ. އެ ގޮތުން 14 ގޯލު ޖަހައިގެން މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ ރޮނާލްޑޯ އަތުގަ އެވެ.

މީގެ އިތުރުން، އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯ އެވެ. ރޭގެ މެޗަކީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރޮނާލްޑޯ ކުޅުނު 52 ވަނަ މެޗެވެ.