Advertisement

ސިޔާސީ މުވައްޒަފުންގެ އަދަދު އެނގެން ބޭނުން، އަންނަ ހަފުތާގައި ހާމަކުރާނެ: އަޒާން

4 ޖުލައި 2024 - 20:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން އަހުމަދު މަރުޒޫގު: ސިޔާސީ މުވައްޒަފުންގެ އަދަދު އެނގެން ބޭނުންވާ ކަމަށާއި އަންނަ ހަފުތާގައި ހާމަކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ މަޖިލިސް


ސިޔާސީ މުވައްޒަފުންގެ އަދަދު އެނގެން ބޭނުން، އަންނަ ހަފުތާގައި ހާމަކުރާނެ: އަޒާން

4 ޖުލައި 2024 - 20:42 0

ސަރުކާރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރަ އަށް ހޭދަކުރާ މިންވަރު އެނގެން ބޭނުންވާ ކަމަށާއި އަންނަ ހަފްތާގައި ސަރުކާރުން އެ އަދަދު ހާމަކުރާނެ ކަން އެނގިވަޑައިގެންފައިވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަ ކުރަން ލާޒިމުވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް އިއްޔެ އަޒާން ވޯޓު ދެއްވި އެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި ހުންނެވި އިރު މައުލޫމާތު ހާމަކުރަން ވަކާލާތު ކުރައްވައި ގިނަ އަދެއްގެ އާރުޓީއައި ހުށަހެޅުއްވި އަޒާން ކުއްލި މައްސަލައާ އެއްކޮޅަށް ވޯޓު ނުދެއްވުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފަ އެވެ.

އެކަމާ ބެހޭ ގޮތުން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަޒާން ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އެއީ ހާމަކުރަން ޖެހޭނެ ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށާއި އެ މައުލޫމާތު ސަރުކާރުން އަންނަ ހަފްތާގައި ހާމަކުރާނެ ކަމަށެވެ.

"އަންނަ ހަފްތާގައި ސަރުކާރުން މައުލޫމާތު ހާމަކުރާ ގޮތަށް [އޮތީ]، މައުލޫމާތު ލިބޭ ގޮތުގައި. ވަރަށް އަވަހަށް ހާމަކުރާނެ. އަޅުގަނޑުމެން ވެސް އެނގެން ބޭނުންވާ މައުލޫމާތު އެއީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކާއި މި ހުރިހާ އެއްޗެއް. މައުލޫމާތު ލިބޭ ގޮތުގައި ރައީސް މިހާރު ވަނީ އަންގަވާފައި އެ ހުރިހާ މައުލޫމާތެއް ހާމަކުރަން. އެހެންވީމަ ހާމަކުރާނެ،" އަޒާން ވިދާޅުވި އެވެ.

ކުރީ ސަރުކާރެކޭ އެއް ގޮތަށް މިސަރުކާރުން ވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ފަސް އަހަރުވެއްޖެނަމަ ކަންބޮޑުވާނެ ކަމަށާ މި ސަރުކާރު ކުރީ ސަރުކާރު ގޮތަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދަތުރުތަކުގެ ހަރަދުތައް ހާމަކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި މިސަރުކާރުން މައުލޫމާތު ހާމަކުރާ ކަމުގެ މިސާލެކެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުން ލަސްވަނީ ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ނަމަވެސް ޔަގީނުން ވެސް އަންނަ ހަފްތާގައި އެ އަދަދު ހާމަކުރާނެ ކަމަށް އަޒާން ތަކުރާރުކޮށް ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ އާރްޓީއައި ގާނޫނަށް ވެސް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ބައެއް އިދާރާތަކުން ގާނޫނުގައި ހުންނަ މާއްދާތައް "އެބިއުޒް" ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.