4 ޖުލައި 2024 - 14:32 0
ލީވާން އަލީ ނާސިރު
ގާދިއްފުށި ފެނަކަ ބްރާންޗަށް އަލަށް ނެގި މެނޭޖަރު އާދިލް: އޭނާ ވަނީ މިއަދު ވަޒީފާއަށް ނިކުމެފައި --
4 ޖުލައި 2024 - 14:32 0
ހަރަދު ކުޑަކުރަން ސަރުކާރުގެ ކުންފުނިތަކަށް އަންގާފައި ވަނިކޮށް، ތ. ގާދިއްފުށި ފެނަކަ ބްރާންޗުގައި މެނޭޖަރަކު ހުއްޓައި އާ މެނޭޖަރެއް ނަގައިފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ގާދިފުއްފުށި ފެނަކަ ބްރާންޗަށް އަލަށް ނަގާފައި ވަނީ އާދިލް އަބްދުﷲ ސާދިގު އެވެ. އޭނާ ވަނީ 2013 އިން 2019 ގެ ނިޔަލަށް އެ ބްރާންޗުގައި މެނޭޖަރެއްގެ މަގާމުގައި މަސައްކަތް ކޮށްފަ އެވެ.
އޭނާ "އަދަދު" އަށް ވިދާޅުވީ މިއަދުން ފެށިގެން ވަޒީފާއަށް ނިކުންނަން ފަށާފައިވާ ކަމަށާއި މެނޭޖަރެއް ހުއްޓައި މަގާމަށް އައްޔަން ކުރި ސަބަބު ނޭގޭ ކަމަށެވެ.
"ކުރީގެ މެނޭޖަރު ވަކިކުރި ކަމެއް ނުކުރާ ކަމެއް ނޭނގޭ. އަޅުގަނޑާއެކު ތިން މެނޭޖަރުން މިހާރު ވެސް އެބަތިބި މިތަނުގައި،" އާދިލް ވިދާޅުވި އެވެ.
ނަމަވެސް "އަދަދު" އަށް އެނގިފައިވާ ގޮތުގައި މިވަގުތު ގާދިއްފުށި ފެނަކަ ބްރާންޗުގައި ތިބީ އާދިލްގެ އިތުރުން ކުރީގެ މެނޭޖަރު މުހައްމަދު ސިވާޒް އެވެ.
އެ ބްރާންޗުގެ މެނޭޖަރަކަށް އާދިލް ނަގާފައި ވަނީ ކުރީގެ މެނޭޖަރު ސިވާޒްގެ މެނޭޖަރު ކަމުގެ އެއްބަސްވުން މިދިޔަ ޖޫން މަހު އާކޮށްފައި ވަނިކޮށެވެ. މެނޭޖަރުކަމުގެ އެއްބަސްވުން ކޮންމެ ތިން މަހަކުން އާކުރެ އެވެ.
މިކަމާ ގުޅިގެން ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ މެނޭޖަރެއް ހުއްޓައި، އިތުރު މެނޭޖަރަކު ނުނެގޭނެ ކަމަށާއި ނަމަވެސް ވަޒީފާގައި އުޅެމުންދާ މީހަކާ ހިންގުން ހަވާލު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އޮޕަރޭޝަނުގެ ތެރެއިން ބައެއް ފަހަރު ހިންގުން ހަވާލުކުރާނެ ވަޒީފާގައި އުޅެމުންދާ އެހެން މީހަކާ. ޕޮލިސީ ބުނާގޮތުން މެނޭޖަރަކަށް ހުންނަ މީހާ މަގާމުގައި ބަހައްޓާފައި އެހެން މީހަކާ ހިންގުން ހަވާލު ކުރެވޭނެ، ދެ މީހުންނަށް ވެސް މުސާރަ ހިނގާނެ. އެކަން އެގޮތަށް ކުރާނީ ކޮންމެހެން ކުރަން ޖެހިއްޖެނަމަ،" މުއާޒް ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާތީ ހަރަދު ކުޑަކުރަން ސަރުކާރުގެ ކުންފުނިތަކަށް އަންގާފައިވާއިރު، އިތުރު މުވައްޒަފުން ވެސް ނުނެގުމަށް ވެސް ވަނީ އަންގާފަ އެވެ. ނަމަވެސް ކުންފުނިތަކުން އަދިވެސް ދަނީ އިތުރު މުވައްޒަފުން ނަގަމުންނެވެ. އެއް މަގާމަކަށް ގިނަ މުވައްޒަފުން ވެސް ދަނީ ނަގަމުންނެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފަހައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު 2000 އަށް އަރާނެ ކަމަށް ބެލެވެ އެވެ. އެއީ ކުންފުނިތަކަށް އައްޔަނުކުރާ މެނޭޖަރުން ނުހިމަނަ އެވެ.
Comment