Advertisement

މައުލޫމާތު ހާމަކުރަން ހުށަހެޅި މައްސަލައަށް އަޒާނު ވޯޓެއް ނުދެއްވި!

4 ޖުލައި 2024 - 07:03 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން


މައުލޫމާތު ހާމަކުރަން ހުށަހެޅި މައްސަލައަށް އަޒާނު ވޯޓެއް ނުދެއްވި!

4 ޖުލައި 2024 - 07:03 1

ސަރުކާރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރަ އަށް ހޭދަކުރާ މިންވަރު ހާމަ ކުރުމަށް، ކުރިން ނޫސްވެރިޔަކަށް އަދި އާރުޓީއައި އެކްޓިވިސްޓަކަށް އުޅުނު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިހާރު ދެކޮޅުކަން އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގެ ތަފްސީލުން ނަތީޖާއިން ހާމަވެއްޖެ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަ ކުރަން ލާޒިމުވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ޕީއެންސީގެ ވޯޓުން ބޭރުކޮށްލި އެވެ.

މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައަށް އަޒާން ޖަހާފައިވަނީ ބަހުސް ކުރަން ނުފެންނަ ކަމަށް.


އެ މައްސަލައަށް ވޯޓަށް އެހިއިރު މަޖިލީހުގެ ރައީސްއާއެކު ތަޅުމުގައި ތިއްބެވީ 68 މެންބަރުންނެވެ. ރިޔާސަތު ފިޔަވައި އެހެން މެންބަރުން އެ ވޯޓުގައި ބައިވެރިވެވަޑައިގަތެވެ. އެ މެންބަރުންގެ ތެރެއިން މައްސަލަ ބަލައިގަތުމަށް 11 މެންބަރަކު ވޯޓު ދެއްވިއިރު، މައްސަލަ ބޭރުކޮށްލަން 56 މެންބަރަކު ވޯޓު ދެއްވި އެވެ. މައްސަލަ އަށް ބަހުސްކުރަން ވޯޓު ދެއްވި 11 މެންބަރުން ނިސްބަތް ވަނީ އެމްޑީޕީ އަށެވެ. އެ މެންބަރުންނަކީ؛

  1. ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
  2. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
  3. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް
  4. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
  5. ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
  6. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
  7. ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
  8. ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
  9. މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު
  10. މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
  11. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ނޫސްވެރިއެއްގެ ގޮތުގައި އަދި މައުލޫމާތު ހާމަކުރާ އެކްޓިވިސްޓެއްގެ ގޮތުގައި އަޒާން ފާހަގަ ވެފައިވާއިރު، އޭނާ ދިޔައީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މުހިއްމު މައުލޫމާތު ހޯދަން ހުށަހަޅަމުންނެވެ.

މީކާއިލް ކުއްލި މައްސަލަ ހުށަހެޅީ، ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން އެދިފައިވާ ފަރާތްތަކަށް ސަރުކާރުން ނުދޭތީ އާއި، އެ އަދަދު މާލިއްޔަތު ކޮމިޓީ އަށް ވެސް ފިނޭންސް މިނިސްޓަރު ދެއްވާފައި ނުވާތީ އެވެ.

ހާމަ ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމެއް ހާމަ ނުކޮށް ހުރުމަކީ ކުށެއް ކަމަށާއި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ނުކުރެއްވުމުން އެކަމުގެ އަދަބު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާނެ ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އިއްޔެ ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފަހައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު 2000 އަށް އަރާނެ ކަމަށް ބެލެވެ އެވެ.