Advertisement

ކްރިމިނަލް ކޯޓަށް ދިން އިމާރާތުގެ ގްރައުންޑް ފްލޯ އަތުލައިފި

3 ޖުލައި 2024 - 14:17 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޖޭއެސްސީގެ މެމްބަރުން ކްރިމިނަލް ކޯޓަށް ދީފައިވާ އިމާރާތުގެ މަސައްކަތް ބައްލަވާލައްވަނީ: ބޮޑު ބިމެއްގައި ހުންނަ މި އިމާރާތް އެންމެ ފަހުން މަރާމާތުކުރީ ކޮވިޑު ބަލިމީހުންނަށް ހާއްސަކޮށްގެން --- ފޮޓޯ: ޖޭއެސްސީ


ކްރިމިނަލް ކޯޓަށް ދިން އިމާރާތުގެ ގްރައުންޑް ފްލޯ އަތުލައިފި

3 ޖުލައި 2024 - 14:17 0

ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ ހަލާކުވުމުން ވަގުތީ ގޮތުން އެ ކޯޓު ހިންގަން ދިން ހުޅުމާލެ ކޮވިޑް ފެސިލިޓީ ކުރިން ހިންގި އިމާރާތުގެ ގްރައުންޑް ފްލޯ އެ ކޯޓަށް ނުދޭ ގޮތަށް ސަރުކާރުން ފަހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ މެންބަރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ އެ އިމާރާތުގެ ގްރައުންޑް ފްލޯ ކްރިމިނަލް ކޯޓަށް ނުލިބުމަކީ "ސެކިއުރިޓީ މައްސަލަތަކެއް" ދިމާވާނެ ކަމެއް ކަމަށެވެ. ޖުޑީޝަރީގެ ބަޖެޓުން 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ތައްޔާރުކުރާ އެ އިމާރާތް ދީފައި ވަނީ އެންމެ ފަސް އަހަރަށް ކަމަށް ވުމަކީ ވެސް ދައްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓަށް އެ އިމާރާތުގެ ގްރައުންޑް ފްލޯ ނުލިބުމުގެ ކަންބޮޑުވުން އެ ކޮމިޝަނުގެ ފަރާތުން މިހާރު ވަނީ އެޓާނީ ޖެނެރަލް އަށް ވެސް ހުށަހަޅައިފަ އެވެ.

"އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ ރައީސް އޮފީހުން އެެކަމަށް ހައްލެއް ގެނެވޭނެ ކަމަށް، އެއީ ކްރިމިނަލް ކޯޓު ކަހަލަ ތަނެެއްގައި އިތުރު މަސައްކަތެއް ނުކުރެވޭނެ، އެއީ މުޖުރިމުންނާ މުއާމަލާތް ކުރަމުންދާ ތަނެއް ވީމާ، އެތަނަކީ އެތަނުގެ އެއްވެސް ފްލޯއެއްގައި އެހެން ބަޔަކު އުޅޭ ތަނަކަށް ވެއްޖެއްޔާ، އެއީ ކޯޓެއް ހިންގަން އެެންމެ އެކަށީގެންވާ ތަނަކަށް ނުވާނެތީ، އެކަން އަޅުގަނޑުމެން އޮންނާނީ ސަމާލުކަމަށް ގެނެސްގައި،" ރިޒާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒުނާ ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓު ހިންގުމަށް ޓަކައި ކޮވިޑް ފެސިލިޓީ ތައްޔާރުކުރަން ކުރާ މަސައްކަތުގައި ބަޖެޓް ނެތުމުގެ މައްސަލަ ވެސް އެބަ އޮތެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ޖުމްލަ 33 މިލިޔަން ރުފިޔާ ހަރަދުވާ އިރު އެޗްޑީސީއަށް މިހައިތަނަށް ދީފައި ވަނީ 10 މިލިޔަން ރުފިޔާ އެވެ. އެފައިސާ ދިނީ 2023 ވަނަ އަހަރު ކަމަށާ މިއަހަރުގެ ބަޖެޓުގައި އެކަމަށް އެ މަސައްކަތަށް ޖަހާފައި އޮތީ 15 މިލިޔަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"އެ 15 މިލިޔަން އެޗްޑީސީއަށް ޓްރާންސްފާ ކުރުމަށް ޓަކައި އަޅުގަނޑުމެން ވާނެ ފިނޭންސް މިނިސްޓްރީގައި ޖެނުއަރީ 2024 ގައި ރިކްއެސްޓް ކުރެވިފައި، އެހެން ނަމަވެސް އެކަން އެގޮތަށް ހިނގި ކަމުގެ މައުލޫމާތު ނުއެއް ލިބޭ، ދެން މިފަހުން ބަޖެޓް އުނިކުރެވި، ބަޖެޓްތައް ރިއެލޮކޭޓްކުރި އިރު އެފައިސާ މިހާރު އުނިވެސް ކުރެވިފައި ވަނީ ޑީޖޭއޭގެ ބަޖެޓުން،" ރިޒްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޖެޓުން ފައިސާ އުނިކުރުމުގެ ސަބަބުން ޑީޖޭއޭގެ ބަޖެޓްގައި އެ މަސައްކަތަށް މިހާރު އޮތީ އެންމެ ފަސް މިލިޔަން ރުފިޔާ އެވެ.