Advertisement

ކުއްލި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތަކުގެ އަދަދު އިތުރުވެ ހަރަދު ނުތަކާ ވަރަށް ދިޔުމުން: ފައްޔާޒު

3 ޖުލައި 2024 - 10:48 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް. ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރެއްވި -- ފޮޓޯ: އެމްޑީޕީ


ކުއްލި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތަކުގެ އަދަދު އިތުރުވެ ހަރަދު ނުތަކާ ވަރަށް ދިޔުމުން: ފައްޔާޒު

3 ޖުލައި 2024 - 10:48 0

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަ ކުރަން ލާޒިމުވާ ގޮތަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ހިލާފަށް ކަމަށާއި ގައުމުގެ އިގުތިސާދު ހީނަރުވެފައި މިވަނީ ރައްޔިތުންނަށް ކަންކަން އޮޅުވައިލުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައި ތިބި މީހުންގެ އަދަދު ހާމަ ކުރުން ލާޒިމުވާ ގޮތަށް ކުއްލި މައްސަލައެއް މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުން އެކަންޏެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 56 މެންބަރަކު ވޯޓު ދިނެވެ.

މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އިތުރުވެ ދައުލަތަށް އެކަމުގެ ހަރަދު ނުތަކާ ވަރަށް ގޮސްފައިވާ ކަމަށެވެ.

"ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގްތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއް. ހާމަނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވައުދުވީ،" ފައްޔާޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ކުރުން ސަރުކާރަށް ލާޒިމުވާ ގޮތަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލިއިރު، ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހާމަ ކުރަން ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް އެ މައުލޫމާތު ހާމަ ނުކުރާއިރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ވަނީ އެ ސިޔާސީ މަގާމުތަކުގެ އަދަދުތައް ހާމަ ކުރަން ދެކޮޅު ހަދައިފަ އެވެ.

ނަމަވެސް އެއްވެސް މި ވެރިކަމުގައި އެއްވެސް މައުލޫމާތެއް ނުލިބިގެން ނޫސްވެރިން އުޅެން ނުޖެހޭނެ ކަމަށާއި މައުލޫމާތު ހޯދުމަށް އާރުޓީއައި ހުށަހަޅަން ނުޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި މައުލޫމާތެއް ނުލިބިއްޖެ ނަމަ ހުދު އެމަނިކުފާނު ވެސް އެކަމަށް އެޓެންޑުވެވަޑައިގަންނަވާނެ ކަމަށް ޑިސެމްބަރު 5، 2023، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މައުލޫމާތު ހިއްސާ ކުރާނެ. ތިޔަބޭފުޅުން މިސާލަކަށް، އެކަހަލަ ހާލަތެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށް ވެސް އިޝާރާތެއް ކޮށްލަންވީ. އަޅުގަނޑަށް ޔަގީން [އެފަދަ ހާލަތެއް] ދިމައެއްނުވާނެ،" ރައީސް ވިދާޅުވި އެވެ. "ތިޔަބޭފުޅުން އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއްނުވޭ ދާންޖެހޭނެހެނެއް އިނގޭތޯ. ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ."

ސިޔާސީ މަގާމުތަކުގެ މައުލޫމާތު ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާއިރު، ސަރުކާރުން ވަނީ އާރްޓީއައި ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފަ އެވެ. ނަމަވެސް އެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތަފުސީލެއް ސަރުކާރުން އަދި ނުދެ އެވެ.