Advertisement

ރައީސް މުއިއްޒުގެ ދުޝްމަނު ނަންބަރު އެކެއް: ދިވެހި މަސްވެރިން

3 ޖުލައި 2024 - 13:15 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް މުއިއްޒު އަދި މަސްވެރިން. އެމަނިކުފާނުގެ ވައުދަކީ 20ރ. އަށް ވުރެ މަސް ގަންނަ އަގު ދަށްނުކުރުން ކަމަށް ވިޔަސް މިހާރު މަސް ގަންނަނީ 16ރ. އަށް --- އާޓްވޯކް: އިމްދާދު/އަދަދު


ރައީސް މުއިއްޒުގެ ދުޝްމަނު ނަންބަރު އެކެއް: ދިވެހި މަސްވެރިން

3 ޖުލައި 2024 - 13:15 1

ކުދި ޖަޒީރާ މި ދިވެހިރާއްޖޭގައި މަސްވެރިކަން ނުކުރާ ތާރީހެއް ފެންނާކަށް ނެތެވެ. ދިވެހިން މަހަށް ނުކުންނަތާ އެތައް ގަރުނެއް ފާއިތުވެފައިވާއިރު، މަސްވެރިކަމާ ގުޅޭ 900 އަހަރަށް ވުރެ މުސްކުޅި ލިޔެކިޔުން ފެންނަން އެބަހުއްޓެވެ.

މަސްވެރިކަމަކީ ގައުމުގެ ލޭނާރެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު އެކްސްޕޯޓެވެ. މަހާއި މަސްވެރިކަމާ ނުލައި ދިވެހިން ވާނީ ބަޔަކަށް ވިއްކާނެ އެއްޗެއް، ނިކަމެއްޗަކަށް ދިއްކޮށްލާނެ ފައިސާއެއް ނެތް ފުދުންތެރިކަން ނެތް ބަޔަކަށެވެ.

ގައުމުގެ ހިންގުން ކޮންމެ ފަސް އަހަރަކުން ދިވެހިން ހަވާލު ކުރާ ހާދިމުން މަސްވެރިންނަށް އެހާ ބޮޑު އިސްކަމެއް ދެނީ އެހެންވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާ ކޮންމެ ބޭފުޅަކަށް އޮފީހަށް ވަދެވަޑައިގެންނެވެނީ ވެސް މަސްވެރިންނަށް ހާއްސަ ވައުދުތަކެއް ވެގެންނެވެ.

މަސްވެރިން ރުއްސަން ވެވަޑައިގަންނަވާ އެ ވައުދުތައް ފުއްދުން އެއީ އެއްވެސް ރައީސަކަށް ފަސޭހަ މަސައްކަތަކަށް ނުވެ އެވެ. އެ ހިސާބުން ބަލަނީ ކޮންމެވެސް އެހެން ގޮތަކުން މަސްވެރިން ރުއްސޭތޯ އެވެ. ނަމަވެސް ވައުދުތައް ބޮލާލައިޖަހައި، މަސްވެރިންނާ ދެކޮޅަށް ނުކުތުމަކީ ދިވެހި ރައީސުލްޖުމްހޫރިއްޔާގެ ސިފައެއް ނޫނެވެ.

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މި ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ފެންނަނީ މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދާ ހިލާފަށް މަހުގެ އަގު ދަށް ކުރާ މަންޒަރެވެ. ފެނުނީ މަހުގެ ފައިސާ ނުދީގެން މުޒާހަރާ ކުރުމުން، ބައެއް މަސް ދޯނިތައް ބޮއިކޮޓް ކުރައްވާނެ ކަމަށް އިންޒާރު ދޭ މަންޒަރެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް 229 ދުވަސް ފާއިތުވިއިރު މަސްވެރިން ބަދަލުވެފައި މި ވަނީ އެމަނިކުފާނުގެ ދުޝްމަނު ނަންބަރު އެކަކަށެވެ. މަސްވެރިން މި ވަނީ ހަމަ ރަނގަޅަށް ވެސް ސަރުކާރުން އެއްލި ބިޔަ ދަލެއްގެ ދަށުވެފަ އެވެ. ވިއްކި މަހަށް އަގު ޑިމާންޑު ކުރި ވަރަކަށް މަހުގެ އަގު ދަށް ކުރަމުން ގޮސް މަސް ކިލޯއެއްގެ އަގު ވެސް 91 ސެންޓާއި 1.1 ޑޮލަރާ ހަމައަށް ވެއްޓިއްޖެ އެވެ.

ރައީސް މުއިއްޒު ވ. ދިވެހި މަސްވެރިން

ފުރަތަމަ މުޒާހަރާ (ކޫއްޑޫ، ފެބްރުއަރީ 18)

މަސްވެރިންނާއި ރައީސް މުއިއްޒާ ދެމެދު އެންމެ ފުރަތަމަ މައްސަލަ ޖެހުނީ އާ ވެރިކަމަށް ތިން މަސް ދުވަސް ވީ ތަނާ އެވެ. ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ގއ. ކޫއްޑޫގައި ހިންގާ މަސް ފެކްޓަރީގައި މަސްވެރިން ފެބްރުއަރީ 18، ގައި މުޒާހަރާ ފެށީ ފަހުން ދޭ ގޮތަށް ސަރުކާރުން ހޯދި މަހަށް ފައިސާ ނުދީ ގިނަ ދުވަސް ފާއިތުވުމުންނެވެ.

"އަޅުގަނޑުމެންގެ އިހުތިޖާޖުގެ ބޭނުމަކީ ތަނަށް ގެއްލުން ދިނުމެއް ނޫން. [ބޭނުމަކީ] ފައިސާއަށް ވީގޮތް އެނގުން. ބާނާ މަސް އެބަ ބޭރުކުރޭ، އެކަމަކު ލާރިއެއް ނުލިބޭ. އެމީހުންގެ ހުރިހާ ކަމެއް އެބަ ކުރެވޭ، މުސާރަ ދެވޭ، އެކަމު އަޅުގަނޑުމެންނަކަށް އެއްވެސް އެއްޗެއް ނުދެވޭ،" މަސް ދޯންޏެއްގެ ކައްޕި މުހައްމަދު ޔާސިރު، އެއިރު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދެއްކުމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑޫއަށް ވަޑައިގެންނެވި އެވެ. އެކަމަކު މިނިސްޓަރުގެ ވާހަކައިން ވެސް މަސްވެރިން "ރުޅި" މައިތިރިއެއް ނުވި އެވެ.

"އާދެ، [މަސްވެރިން] މުޒާހަރާގައި އެބަތިބި، ކޫއްޑޫގައި ވެސް އެބަ ތިބި، އައްޑޫ ސިޓީގައި ވެސް މުޒާހަރާގައި މަސްވެރިން ތިބީ. އަޅުގަނޑުމެން މި އެދެނީ އެންމެ ދުވަހެއްގެ އާމްދަނީ ވެސް މަދުނުކޮށް، މުޒާހަރާ ހުއްޓާލާފައި މަސްވެރިން ހަމަ އާމްދަނީ ހޯދުމަށް ޓަކައި މަހަށް ވަޑައިގަންނަވާށޭ،" ފެބްރުއަރީ 20، ގައި ކޫއްޑޫގައި މަސްވެރިންނާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ.

މުޒާހަރާ ކުރަން ފެށިތާ ހަތަރު ދުވަސް ފަހުން މަސްވެރިން ކޫއްޑޫ ދޫކޮށް ދިޔައީ ސަރުކާރުން މަސްވެރިންނަށް ދަރާފައި އޮތް ފައިސާ ދޫކުރަން ފެށުމުންނެވެ.

ދެ ވަނަ މުޒާހަރާ (ހުޅުމާލެ، މާލެ، ޖޫން 12)

ދެ ވަނައަށް މަސްވެރިން މުޒާހަރާ ކުރަން ފެށީ ލޭނު މަސްވެރިކަން ކުރަން ބޭރުގެ ދޯނިތަކަށް ހުއްދަ ދޭން ސަރުކާރުން މަސައްކަތް ކުރާތީ އާއި އަނެއްކާ ވެސް ފައިސާ ދޫނުކޮށް ގިނަ ދުވަސްވުމުންނެވެ.

އެންމެ ފުރަތަމަ އެ މުޒާހަރާ ފެށީ ހުޅުމާލޭ ފަޅުގަ އެވެ. އެ މުޒާހަރާގައި 35 މަސް ދޯނި ބައިވެރިވި އެވެ. ވަރަށް ސުލްހަވެރިކޮށް ކުރިއަށް ގެންދިޔަ އެ މުޒާހަރާގައި މަސްވެރިންގެ ޑިމާންޑުތައް އެމީހުން އިއްވަމުން ދިޔަ އެވެ.

"ބޮޑު ކަންނެލީގައި ލޭނު އެޅުމަށް ހުއްދަ ދިނުމުން މަސްވެރިން ނިކަމެތިވާނެ ކަމުގެ ބިރު އެބައޮތް. ފެކްޓްރީތަކަށް ލޭނު އެޅުމަށް ހުއްދަ ދިނުމުން މަސްވެރިން ބާނާ މަހަށް އޮތް ޑިމާންޑު އެއްކޮށް ގެއްލޭނެ. އެކަން ކުރެވޭނީ ވައުދުތައް ފުއްދުމަށްފަހު،" މުޒާހަރާ ކުރި މަސްވެރިޔަކު އެއިރު ބުންޏެވެ.

އެ މުޒާހަރާ މާލޭ ފަޅަށް ބަދަލު ކުރަން ނިންމީ މަސްވެރިކަމާ ބެހޭ މިނިސްޓަރު ޝިޔާމް މުޒާހަރާގެ ބައިވެރިންނާ ބައްދަލު ކުރަން ވަޑައިނުގަތުމުންނެވެ. ޝިޔާމް ވަޑައިގެން އެމީހުންނާ ވާހަކަ ދައްކައި، މައްސަލަތައް ހައްލު ކުރުމަކީ މަސްވެރިން އެދުނު އެންމެ ބޮޑު އެދުމެވެ.

ދޯނިތައް ވެރި ރަށަށް މިސްރާބު ޖަހައި ރަސްމީ ފާލަމާ ދިމާލުން މާލޭ ފަޅަށް ވަންނަން މަސައްކަތް ކުރުމުން ކޯސްޓްގާޑުން ނުކުމެ ދޯނިތަކަށް ހުރަސް އެޅި އެވެ. މަސްވެރިން ހުއްޓަން ކޯސްޓްގާޑުގެ ހަތަރު ވަރަކަށް އުޅަނދަކުން މަސައްކަތް ކުރި އެވެ.

ބައެއް މަސް ދޯނިތަކުން ފަޅަށް ވަންނަން މަސައްކަތް ކުރިއިރު، އެ ދޯނިތަކުގެ ކުރިމައްޗަށް އެރި ކޯސްޓްގާޑުގެ އުޅަނދުގައި ދޯނިން ޖެހުނެވެ. އެ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އެ މުޒާހަރާ ހުއްޓާލީ މަސްވެރިން އެދުނު ގޮތަށް ޝިޔާމް ވަޑައިގެން މަސްވެރިންނާ ވާހަކަ ދެއްކެވުމުންނެވެ. ނަމަވެސް މިނިސްޓަރު ދިނީ މަސްވެރިން އެންމެ ބޭނުންވި ޖަވާބެއް ނޫނެވެ.

"މި އަހަރަކު އަޅުގަނޑުމެންނަކަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށެއް. މިފްކޯ އޮތީ އެ ހާލަތަކު ނޫން. މިފްކޯ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، ދައުރުގެ ވަރަށް ކުރީކޮޅު ވައުދުތައް ފުއްދަމުންނޭ މި ދަނީ، އެ ކަން ވެސް ސަރުކާރުގެ ވައުދާ އެއް ގޮތަށް ހިނގަމުންދާނެ،" ޖޫން 12، ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ހަމަ އެ ދުވަހު ގދ. މަޑަވެލީގައި ވެސް މަސްވެރިން މުޒާހަރާ ކުރި އެވެ. އެ ރަށުގައި މަސްވެރިން މުޒާހަރާ ކުރީ ދަރަންޏަށް ކިރުވި މަހަށް ފައިސާ ނުދީ ގިނަ ދުވަސްވުމުންނެވެ.

"އަޅުގަނޑުމެންނަށް މިދިޔަ ރޯދަ ނިމިގެން ހަ ރޯދައަށްފަހު ފައިސާ ޖަމާނުވޭ. ސަރުކާރަށް އެތައް ފަހަރު މަތިން ފައިސާ ޖަމާކޮށްދޭން އެދިފިން. ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރިން. އެންމެ ފަހުން އިހުތިޖާޖު ކުރަން ފެށީ އެއްވެސް ހައްލެއް ނުލިބޭތީ،" އެ ދުވަހު މަޑަވެލިން މި ނޫހާ ވާހަކަ ދެއްކި މަސްވެރިޔަކު ބުންޏެވެ.

ތިން ވަނަ މުޒާހަރާ (އައްޑޫ، ޖޫން 22 އިން ފެށިގެން ޖުލައި 1، އަށް)

އައްޑޫގައި 10 ދުވަސް ވަންދެން މަސްވެރިން ކުރި ބޮޑު މުޒާހަރާއަކީ ވެސް ފައިސާގެ މައްސަލައިގައި ކުރި މުޒާހަރާއެކެވެ. އެއިރު ވެސް ސަރުކާރުން އޮތީ 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޭންޖެހިފަ އެވެ.

އައްޑޫގައި މަސްވެރިން މުޒާހަރާ ކުރަމުންދިޔައީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ކައިރީގަ އެވެ. އެ މުޒާހަރާގައި 15 ދޯނި އަދި 80 މަސްވެރިން ބައިވެރިވި އެވެ. ވަރަށް ސުލްހަވެރިކޮށް އެ މުޒާހަރާ ކުރިއަށް ގެންދިޔަ ނަމަވެސް ފައިސާ ދޫކުރަން ބާރުއެޅުމުގެ ގޮތުން މަސްވެރިން މަސް ފެކްޓަރީން ކަރަންޓު ކަނޑާލި އެވެ.

ދެން މަސްވެރިން ކުރި ކަމަަށް ސަރުކާރުން ބުނާ ކަމަކީ މަސް ފެކްޓަރީގެ ކެންޓީނަށް ވަދެ ކެއުމެވެ. ކަރަންޓު ކަނޑާލުމާއި ކެންޓީނަށް ވަދެ ކެއި ކަމަށް ބުނާ މައްސަލައިގައި ސަރުކާރުން ވަރުގަދަ އިންޒާރުތަކެއް މަސްވެރިންނަށް ދިނެވެ.

ސަރުކާރުން ބުނީ އައްޑޫ މަސް ފެކްޓަރީ އޮޕަރޭޝަނަށް ގެނައުމަށް ހުރަސް އަޅާ މަސް ދޯނިތައް ބޮއިކޮޓް ކުރާނެ ކަމަށެވެ. ވަކިވަކި ދޯނިތަކުން މަސް ނުކިރާނެ ކަމަށް ބުނެ މީގެ ކުރިން ސަރުކާރަކުން އެފަދަ އިންޒާރެއް ދީފައެއް ނުވެ އެވެ.

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓު ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މިދަނީ މަސައްކަތް ކުރަމުން. އަދި ތަން އޮޕަރޭޝަނަށް ގެނެސް އާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރެވޭނޭ ވާހަކަ ދެންނެވިން،" ޖޫން 23، ގައި މިފްކޯއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މަސްވެރިންގެ އެ މުޒާހަރާގައި އެމީހުންގެ އާއިލާތަކުން ވެސް ބައިވެރިވި އެވެ. އައްޑޫ މަސްވެރިންގެ މުޒާހަރާ ހުއްޓާލީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރަން ފެށުމުންނެވެ.

ހަތަރު ވަނަ މުޒާހަރާ (ޖޫން 25، ދ. ކުޑަހުވަދޫ)

ކުޑަހުވަދޫގެ މަސްވެރިން ވެސް މުޒާހަރާ ކުރީ ފައިސާގެ މައްސަލައިގަ އެވެ. އެންމެ ދުވަހަކަށް ކުރިއަށް ގެންދިޔަ މުޒާހަރާގައި އެ ރަށުގެ ވަރަށް ގިނަ ދޯނިތައް އަދި މަސްވެރިން ބައިވެރިވި އެވެ.

ކުޑަހުވަދޫގެ މަސްވެރިން މުޒާހަރާ ކުރީ އެމީހުންގެ ޑިމާންޑުތައް ލިޔެފައި ހުރި ޓީޝާޓު ލައިގެން ޝުއޫރުތައް ފާޅުކޮށްފައި ހުރި ބޯޑުތައް ހިފައިގެންނެވެ.

އެ މުޒާހަރާ ހުއްޓާލީ މަސްވެރިން ބޭނުންވާ ވަރަށް ޝުއޫރު ފާޅު ކުރުމަށްފަހު ސަރުކާރަށް ވަރަށް ވަރުގަދައަށް މަސްވެރިންގެ އަޑު އިއްވައިދީފަ އެވެ.

މަހުގެ އަގާ ގުޅޭ ގޮތުން ކެންޑިޑޭޓު މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުތައް

މި ސަރުކާރުގެ ވެރިކަމަށް އައި އިރު މަސް ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާގަ އެވެ. ނަމަވެސް މިހާރު ވެސް ދެ ފަހަރަކަށް މި ސަރުކާރުން މަގުގެ އަގު ދަށްކޮށްފި އެވެ.

އެންމެ ފުރަތަމަ މަސް ގަންނަ އަގު ކުޑަ ކުރީ ފެބްރުއަރީ މަހު މަސްވެރިން ކުރި މުޒާހަރާއަށްފަހު 20 ރުފިޔާއަށެވެ. އޭގެ ފަހުން އައްޑޫގައި މަސްވެރިން މިދިޔަ ޖޫން މަހު ކުރި މުޒާހަރާއަށްފަހު މަހުގެ އަގު ވަނީ ވަރަށް ބޮޑުތަނުން ތިރިކޮށްފަ އެވެ.

މިހާރު ގަނޑުކުރި މަސް ކިލޯއެއް ސަރުކާރުން ގަންނަނީ 16 ރުފިޔާއަށެވެ. ގަނޑުނުކުރާ މަސް ކިލޯއެއް ސަރުކާރުން މިހާރު ގަންނާނީ 14 ރުފިޔާއަށެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރައްވާނެ ކަމަށް އެތައް ފަހަރަކު ވައުދުވެވަޑައިގެންފަ އެވެ. މަހުގެ އަގު 14 ރުފިޔާއަށް ވައްޓާލާނެ ކަމަށް ދުވަހަކު ވެސް ވިދާޅެއްނުވެ އެވެ.

ތިރީގައި މި ގެނެސްދެނީ މަހުގެ އަގާ ގުޅޭ ގޮތުން ރައީސް ވެވަޑައިގެންނެވި ބައެއް ވައުދުތަކެވެ.

އޯގަސްޓު 19، 2023 (މ. ދިއްގަރު)

"އެގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނ،ީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަކ،ީ ރާއްޖޭގައި މަސް ގަންނ،ަ ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން."

އޯގަސްޓު 31، 2023 (ޅ. ނައިފަރު)

"ދެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެން އޮންނާނީ އިއުލާންކޮށްފައި މިހާރު ރޯމަސް ގަންނަ އަގު އެންމެ ކުޑަ އަގެއްގެ ގޮތުގައި 20 ރުފިޔާ ހަމަ ޖައްސާނެ ވާހަކަ، ކިލޯއަކަށް."

ސެޕްޓެމްބަރު 5، 2023 (ކ. ގާފަރު)

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނ،ީ އެއް ކަމަކަށް އަޅުގަނޑު މިހާރު ވާނީ ބާނާ މަހުގެ އަގުގެ ވާހަކަ އިއުލާން ކޮށްފައި. އެއީ ހަމަ ތަކުރާރުކޮށްލަން، 20 ރުފިޔާ އެއީ މިނިމަމް އަގުގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާ އެގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން."

ސެޕްޓެމްބަރު 6، 2023 (އާސްކް މުއިއްޒު ޕްރޮގްރާމް)

"އަޅުގަނޑުމެން މި ހުށަހަޅައިގެން މިއުޅެނ،ީ މުޅި މަސްވެރިކަމުގެ ސިނާއަތް އެއްކޮށް ނަގާ ކޮޅަށްޖެހުމުގެ ހުށަހެޅުމެއް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނީ އެގޮތަށް. އެއް ކަމަކީ ތިޔަ ވިދާޅުވި އަގުގެ ވާހަކަ. އަގު އަޅުގަނޑުމެންގެ ޓާގެޓަކ،ީ ރޯމަސް އަގު، މިނިމަމް ކިލޯގެ އަގު 20 ރުފިޔާއަށް. 20 ރުފިޔާއަކީ މިނިމަމް އަގު ކަމަށް. ދެން ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ ނުވަތަ އޭ-ގްރޭޑް ވެއްޖިއްޔާ 100 ރުފިޔާއަށް. އެކަހަލަ އަގުތަކެއް ހުންނާނެ ހުށަހަޅާފައި."

ސެޕްޓެމްބަރު 28، 2023 (ވަން ޓު ވަން ރައްޔިތުންނާއެކު ޑރ. މުއިއްޒު ޕްރޮގްރާމް)

"އަޅުގަނޑުމެން މި ހުށަހަޅަނީ ހެޔޮ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމެއް. އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ޓާގެޓަކީ 20 ރުފިޔާ މިނިމަމް އަގުގެ ގޮތުގައި ހިފެހެއްޓުމޭ."

-

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންގެ ތާއިދާއެކު އެވެ. ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވުނީ މަސްވެރިންގެ ވޯޓު ވެސް ލިބިގެންނެވެ. މަސްވެރިކަން ކޮޅަށް ޖެހުމަކީ ބުރަ މަސައްކަތެކެވެ. އެކަމަކު، ވެވަޑައިގެންނެވި ވައުދެއް ވެއްޖެއްޔާ ފުއްދަވަން ޖެހެ އެވެ. ފައިސާއަށް މަސްވެރިން ޑިމާންޑު ކުރުމުން މަސްވެރިންނަށް އެކި ކަހަލަ ޕްރެޝަރު ކުރުން ހުއްޓާލަންޖެހެ އެވެ.