Advertisement

ކަރަންޓު ކޭބަލެއް ވަގަށް ނެގުމުން، މަޖީދިއްޔާ ސްކޫލުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ

2 ޖުލައި 2024 - 09:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަޖީދިއްޔާ ސްކޫލު ހިމެނޭ ސަރަހައްދުގެ ޓްރާންސްފޯމަރަކުން ކޭބަލެއް ވަގަށް ނެގުން: އެ ސަރަހައްދުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި -- ފޮޓޯ: އެކްސް


ކަރަންޓު ކޭބަލެއް ވަގަށް ނެގުމުން، މަޖީދިއްޔާ ސްކޫލުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ

2 ޖުލައި 2024 - 09:58 0

ޓްރާންސްފޯމަރެއްގެ ކޭބަލެއް ވަގަށް ނެގުމުން، މަޖީދިއްޔާ ސްކޫލު ހިމެނޭހެން އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ކޭބަލް ވަގަށް ނެގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މަޖީދިއްޔާ ސްކޫލުގެ ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަމަށެވެ.

އެ ސަރަހައްދުގައި އާ ކޭބަލެއް އަޅައި، ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ތަންތަނަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ ކޭބަލްތައް ވަގަށް ނެގުމުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމު ކުރެވެމުންދާ ކަމަށެވެ.

"މިކަމުން ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި، މިކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިޔުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ފަހުމީ ވިދާޅުވި އެވެ.

މަޖީދިއްޔާ ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށްލައިގެން، އެ ތަކެތި ވަގަށް ނެގި މައްސަލައެއް މިއަދު ހެނދުނު 06:12 ގައި ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސްޓެލްކޯގެ ޓްރާންސްފޯމާތަކުން ކޭބަލްތައް ވަގަށް ނެގުން ވަނީ އިތުރުވެފައިވާއިރު، އެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ކޭބަލަށް ވަގަށް ނަގަން އުޅެނިކޮށް މާޗު މަހު ހުޅުމާލޭގައި މީހަކު ވަނީ ކަރަންޓުގައި ޖެހި މަރުވެސް ވެފަ އެވެ.