Advertisement

ކަރަންޓާއި ފެނުގެ އަގު ބޮޑުވެ، މި އަހަރު ފުރަތަމަ ފަހަރަށް އިންފްލޭޝަން މައްޗަށް

2 ޖުލައި 2024 - 07:41 0

އަމަން ހަލީމް

އަމަން ހަލީމް

ސްޓެލްކޯގެ ކަރަންޓު އުފައްދާ މައި ޕަވާ ސްޓޭޝަންގެ ދުންހޮޅިތަކެއް: ކަރަންޓާއި ފެން ބިލުތަކުގެ އަގާ ހުރެ އިންފްލޭޝަނަށް އަސަރުކުރީ ބިލުތަކަށް ސަރުކާރުން ޑިސްކައުންޓު ދިން މަހެއްގައި --- ފޮޓޯ: މިރާން ނާޝިމް/އަދަދު


ކަރަންޓާއި ފެނުގެ އަގު ބޮޑުވެ، މި އަހަރު ފުރަތަމަ ފަހަރަށް އިންފްލޭޝަން މައްޗަށް

2 ޖުލައި 2024 - 07:41 0

މި އަހަރު ފެށުނީއްސުރެން ކޮންމެ މަހެއްގައި މުދަލާއި ހިދުމަތުގެ އަގުތައް ތިރިވަމުން އައުމަށް ފަހު، ނިމުނު މެއި މަހުގެ ތެރޭގައި އިންފްލޭޝަން މައްޗަށް ޖެހިފައިވާ ކަމަށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކައިފި އެވެ.

ގައުމީ ސްޓެޓިސްޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ މެއި މަހުގެ ސީޕީއައިގައިވާ ގޮތުގައި މެއި މަސް ނިމުނުއިރު ޖުމްލަ އިންފްލޭޝަން އޭގެ ކުރީ މަހަށް ވުރެ 1.5 ޕަސެންޓު މަތިކޮށެވެ.

މެއި މަހުގައި އިންފްލޭޝަން މަތިވީ ސަބަބެއްގެ ގޮތުގައި ސްޓެޓިސްޓިކްސް ބިއުރޯއިން ފާހަގަކޮށްފައި ވަނީ ކަރަންޓާއި ފެނުގެ އަގަށް އައި ބޮޑު ބަދަލެވެ. އެގޮތުން ކަރަންޓުގެ އަގު 37.44 ޕަސެންޓު އުފުލުނުއިރު، ފެނުގެ އަގު އުފުލުނީ އެއަށް ވުރެ ވެސް މަތިކޮށް 45.70 ޕަސެންޓެވެ.

މައިގަނޑު ހުރިހާ ދާއިރާއެއްގެ ތެރެއިން މަހުގެ އަގާއި ތައުލީމުގެ ދާއިރާ ނަގާފައި މަހުންމަހަށް އަގު އުފުލުނު ހަމައެކަނި ދާއިރާއަކީ ވެސް ކަރަންޓާއި ފެނުގެ އަގުތައް ހިމެނޭ ކުއްޔާއި، ކަރަންޓާއި، ފެނާއި، ގޭހާއި، އެހެނިހެން ހަކަތައިގެ ދާއިރާ އެވެ. އެ ދާއިރާގެ އަގުތައް ވަނީ މެއި މަހުގެ ތެރޭގައި 7.53 ޕަސެންޓު އުފުލިފަ އެވެ.

އަގުތައް އެންމެ ބޮޑަށް ތިރިވީ ކާނާ އާއި ކާނާގެ އުފެއްދުންތަކާއި އަދި ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެހެން ހުރިހާ ދާއިރާއެއްގައި އަގަށް އައީ ނިސްބަތުން ކުޑަ ބަދަލެކެވެ.

ކަރަންޓާއި ފެން ބިލުގެ އަގު ބޮޑުވެގެން މެއި މަހު އިންފްލޭޝަން މައްޗަށް ޖެހެން މެދުވެރިވީއިރު، މާޗު، އޭޕްރީލް، އަދި މެއި މަހު ލިބުނު ކަރަންޓު ބިލުތައް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާކުރި އެވެ. އެކަމާ ގުޅިގެން ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކުން ބުނީ އެހެން ދިމާވީ ހޫނު ގަދަ ދުވަސްވަރަކާ ދިމާވުމުން ކަމަށެވެ.

މާޗު މަހާއި އޭޕްރީލް މަހުގެ ބިލުތަކަށް ސަރުކާރުން ޑިސްކައުންޓު ވެސް ދިނެވެ.