1 ޖުލައި 2024 - 12:25 0
ލީވާން އަލީ ނާސިރު
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު: ސިހުރު މައްސަލައާއި ރައީސް މުއިއްޒުއާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
1 ޖުލައި 2024 - 12:25 0
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ރައީސް ނޫނީ އެމަނިކުފާނުގެ އާއިލާއިން ވެސް ހުށަހަޅާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ މުލީއާގޭގެ ކުރީގެ ކައްކާ ހުސެއިން ސަމީރު އެވެ. މިހެން ނަމަވެސް މި ހުރިހާ ކަމެއް ހީނާ ވަނީ ދޮގުކުރައްވާފަ އެވެ.
"ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވޭ. އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެއް،" ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ނަމަވެސް އެ ތިން މީހުން ހައްޔަރުކޮށްގެން ބަލަމުންދަނީ ރައީސްއަށް ސިހުރު ހެދިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޝަމްނާޒްއާއި އޭނާގެ ކޮއްކޮއަށް މިއަދު އިތުރު ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފަ އެވެ. އަދި މައްސަލައިގައި ހިމެނޭ ނަސީރު ވަނީ ކޯޓުން މިއަދު ދޫކޮށްލާފަ އެވެ.
ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ހައްޔަރު ކުރީ ޖޫން 23 ވަނަ ދުވަހު އެވެ. އެ ދެ މީހުން ހައްޔަރު ކުރުމުގެ ކުރިން ދިރިއުޅެމުންދިޔަ އެޕާޓްމެންޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސް ކުރި އެވެ. އެ ގެއިން ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔަ އެވެ. ޝަމްނާޒުގެ ފޯނު ވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޝަމްނާޒް ހައްޔަރު ކުރި ފަހުން, އޭނާ އާއި އޭނާގެ ކުރީގެ ފިރިމީހާ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކުރި އެވެ.
""ސިހުރު މައްސަލައާ ރައީސް މުއިއްޒާ ގުޅުމެއް ނެތް" ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ކަމަށް މި ހަބަރުގެ ސުރުހީގައި ކުރިން ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ހީނާ ވިދާޅުވެފައި ވަނީ ރައީސްގެ އާއިލާއިން އެއްވެސް މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިނުވާ ކަމަށެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment