Advertisement

"ވާނުވާ" ނިމުމަކަށް ގެނެސް، ޖަމީލުގެ މައްސަލަ ތަހުގީގުކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފި

1 ޖުލައި 2024 - 15:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖޭގެ ޖަލެއް: "ވާނުވާ" ނިންމައި، ޖަމީލުގެ މައްސަލަ ތަހުގީގުކުރަން ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައި -- ފޮޓޯ: އަހުމަދު ޝުރާއު


"ވާނުވާ" ނިމުމަކަށް ގެނެސް، ޖަމީލުގެ މައްސަލަ ތަހުގީގުކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފި

1 ޖުލައި 2024 - 15:16 0

"ވާނުވާ" ބަންދުގައި ޖަލުތަކުގައި މީހުން ބޭތިއްބުމުގެ އުސޫލު ނިމުމަކަށް ގެނެސް، ޖަލުގައި ދާދި ފަހުން މަރުވި މުހައްމަދު ޖަމީލުގެ މައްސަލައިގެ ތަހުގީގު އަވަސްކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.

ޓްރާންސްޕޭރެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖުލައި 1، ގައި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ކ. މާފުށި ޖަލުގައި ބަންދުކޮށްފައި ހުރި ޖަމީލްގެ މަރާ ގުޅިގެން ކަންބޮޑުވާ ކަމަށާއި އާއިލާއަށާއި ރަހުމަތްތެރިންނަށް ތައުޒިޔާ ކިޔާ ކަމަށެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތެއް މިފަދަ ކުއްލިގޮތަކަށް ނިޔާވުމަކީ އެ ފަރާތްތަކުގެ އާއިލާތަކާއި އާންމު ރައްޔިތުންވެސް ނުހަނު ކަންބޮޑުވާކަމެއް. ރާއްޖޭގެ ޖަލުތައް ހިންގުމުގެ ހާމަކަންް އިތުރުކޮށް، ޖަވާބުދާރީވުން ކަށަވަރުކުރުމަށްޓަކައި މިފަދަ މަރުގެ މައްސަލަތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ފުރިހަމައަށް ތަހުގީގު ކުރަންޖެެހޭ،" ޓްރާންސްޕޭރެންސީން ބުންޏެވެ.

ރާއްޖޭގެެ ޖަލުތަކުގައި ހުރި ނިޒާމީ ގޮތުން ފުރިހިމަ ނުވާ ކަންތައްތަކާއި އުނި ކަންތައްތައް ދެނެގަނެެ އެފަދަ މައްސަލަތައް ހައްލު ކުރުމަށް ދެމެހެއްޓެނެވި އިސްލާހީ ބަދަލުތައް ގެނެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް, ވަކިން ހާއްސަކޮށް އެންމެ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ލިބެންޖެހޭ ރައްކާތެރިކަމާއި އެފަރާތްތަކުގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުކުރުމަށާއި ކަށަވަރުކުރެވޭ ފަދަ ގޮތަކަށް އިސްލާހުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ބަންދުގައި ބައިތިއްބާ ފަރާތްތަކާއި ޖަލުގައި ތިބި ފަރާތްތަކަށް އެއްވެސް ތަފާތުކުރުމެއް ނެތި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަކީ އެ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހައްގެއްކަން ފާހަގަކުރަމުން ޓްރާންސްޕޭރެންސީން ބުނީ ޖަމީލަކީ ނަފްސާނީ އެހީތެރިކަމާއި ފަރުވާ ބޭނުންވާ ފަރާތެއްކަން ދެނެގަނެވިފައިވާއިރު, އޭނާއަށް އެންމެ ބޮޑަށް ބޭނުންވާ ނަފްސާނީ ސިއްހީ ފަރުވާ ދިނުމުގެ ބަދަލުގައި ޖަލުގައި ހައްޔަރުކުރެވި ބެހެއްޓިފައިވާކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"ޖަމީލު ނިޔާވިި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަނަށް މި ޖަމްއިިއްޔާއިން ގޮވާލަ. މި މައްސަލައިގައި ޖަލު ބަންދުގައި ތިބޭ ފަރާތްތަކަށް ލިބިފައިވާ ހައްގުތަކާއި މިނިވަންކަމަށް އަރައިގަނެވިފައވޭތޯބަލާ، ތަހުގީގުކޮށް އިހުމާލުވެފައިވާނާމަ އެ ފަރާތްތައް ޖަވާބުދާރީކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލަން،" ޓްރާންސްޕޭރެންސީން ބުންޏެވެ.

ޖަލުގައި ތިބި ފަރާތްތަކަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތާ ގުޅޭ ގޮތުން މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ޖުމްލަ 231 ޝަކުވާ ހުށަހަޅާފައިވާއިރު، ބޭނުންވާ ބޭސް ލިބުން ލަސްވުމާއި ފޮލޯއަޕް ލަސްވުމާއި ހާއްސަ ޑޮކްޓަރުންގެ ފަރުވާ ހޯދުން ލަސްވުން އޭގެ ތެރޭގައި ހިމެނެ އެވެ.

ޓްރާންސްޕޭރެންސީން ބުނީ ވަކި މުއްދަތެއް ނޭންގޭގޮތަށް "ވާނުވާ" ބަންދުގައި މީހުން ބެހެއްޓުމަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ މުހިންމު އުސޫލުތަކާއި ހިލާފު އަދި ބަންދުގައި ތިބޭ ފަރާތްތަކުގެ އަސާސީ އިންސާނީ ހައްގުތަކުން މަހުރޫމްވެގެންދާ ކަމެއް ކަމަށެވެ.

އދ. ގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނޮވެމްބަރު 29، 2021 އިން ޑިސެމްބަރު 9، 2021 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު ރާއްޖޭގެ ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން 30 ޕަސަންޓު މީހުންނަކީ ޝަރީއަތުގެ ކުރިން ބަންދުގައި ހުރި މީހުންކަން ފާހަގަކޮށްފައިވެ އެވެެ.

މީގެއިތުރުން ކަމާބެހޭ ފަރާތްތަކުން ޝަރީއަތުގެ ކުރިން ބަންދުގައި ހޭދަކުރާ އެވަރެޖް މުއްދަތަކީ ގާތްގަނޑަކަށް 1.5 އަހަރު ކަމަށް ރިޕޯޓްކޮށްފައިި ވީނަމަވެސް ޝަރީއަތުގެ ކުރިން ބަންދުގައި ތިން އަހަރާއި ހަތަރު އަހަރާއި އެއަށްވުރެ ގިނަ ދުވަހު ތިބުމަކީ ވަރަށް އާންމު ކަމެއް ކަމަށްް ވޯކިން ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ. އެފަދަ އަމަލުތަކަކީ އައިސީސީޕީއާރުގެ ނުވަ ވަނަ މާއްދާއާއި މުޅިން ހިލާފު ކަންކަމެކެވެ.

ޓްރާންސްޕޭރެންސީން ގޮވާލި އިތުރު ކަންކަން:

• ޝަރީއަތުގެ ކުރިން ބަންދުކުރުމަކީ ހަމައެކަނި ހާއްސަ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާ ކަމެއްކަން ކަށަވަރުކުރުމާއި އެކު, ބަންދުގެ ބަދަލުގައި އެޅިދާނޭ ފިޔަވަޅުތައް, މިސާލަކަށް ޝަރުތު ކުރުމަށްފަހު ދޫކުރުމާއި، ކަފާލާތުގެ ދަށުންދޫކުރުމާއި އިދާރާއަކަށް ރިޕޯޓްކުރާގޮތަށް ދޫކުރުންފަދަ ފިޔަވަޅުތައް އިސްކޮށް، މިހާރު އަމަލުކުރަމުންދާ އުސޫލުތައްް އިސްލާހު ގެނައުން,

• ރާއްޖޭގެ އާންމު ސިއްހީ ރައްކާތެރިކުރުމުގެ ހިދުމަތް ތަކުގެ ނިޒާމްގެ ތެރެއިން އާންމު ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް އެންމެނަށް އެއް ހަމައެއްގައި ލިބުމާއި އަދި ހާއްސަކޮށް ނަފްސާނީ ބަލިތަކާއި މަސްތުވާ ތަކެތީގެ ސަބަބުން ދިމާވާ ބަލިތައް ތަހައްމަލްކުރާ ފަރާތްތައް ޖަލުގައި ބަންދު ކުރުުން މަދުކުރުމަށާއި ސިއްހީ ހިދުމަަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިދާނޭ ފަދަ ކަންކަން މަދުކުރުމަށް ސިއްހީ ނިޒާމަށް އިތުރަށް އިންވެސްޓްކުރުމަށް ނޫނީ ހޭދަ ކުރުން,

• ޖަލުގައި ތިބޭ ފަރާތްތަކާއި މެދު އަމަލުކުރާ ގޮތް މޮނިޓަރ ކުރުމަށް އޯވާސައިޓް މެކޭނިޒަމްތައް ހަރުދަނާކޮށް, މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ އެ އިސްލާހުތައް ގެނެއުމަށް މަސައްކަތްކުރުން,

• ޖަލުތަކާއި ބެހޭ ނިޒާމު އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި, ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ކަމާބެހޭ ހުރިހާ އިދާރާތަކެއްގައި ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަންގެ ހިދުމަތްތައް ކްލައިންޓުންނަށް ލިބޭނެ ގޮތް ކަށަވަރުކުރުން,

• އިިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ ފަރާތުން ތަހުގީގުގެ މަރުހަލާ އަވަސްކޮށް, ހޯދާ ހޯދުންތައް އާންމުކުރުމެވެ.