Advertisement

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ފަސްކުރީ މި އަހަރު ފަހުކޮޅަށް

30 ޖޫން 2024 - 23:00 0


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ފަސްކުރީ މި އަހަރު ފަހުކޮޅަށް

30 ޖޫން 2024 - 23:00 0

އަންނަ ބުރާސްފަތި ދުވަހު ބާއްވަން ކުރިން ތާވަލުކުރި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ފަސްކުރީ މި އަހަރު ފަހު ކޮޅަށް ކަމަށް ސްޕޯޓްސް މިނިސްޓްރިން މިރޭ ބުނެފި އެވެ.

ސްޕޯޓްސް މިނިސްޓްރީން އެންމެ ފުރަތަމަ މި އަހަރު ސްޕޯޓްސް އެވޯޑްސް ބާއްވަން ތާވަލުކުރީ މި މަހު 27 ގަ އެވެ. އެކަމަކު، އިތުރަށް ފުރިހަަމަ ކުރަން ހުރި ކަންކަމަށް ވަގުތު ބޭނުންވާތީއާ އެކު، އަންނަ މަހުގެ ހަތަރަކަށް (އަންނަ ބުރާސްފަތި ދުވަހަށް) އެވޯޑް ފަސްކުރީ އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ, ސްޕޯޓްސް އެވޯޑްސް ފަސްކުރަން ނިންމީ އެކަމާ ގުޅުންހުރި ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު, ރައީސުލްޖުމްހޫރިއްޔާ، ޑރ، މުހައްމަދު މުއިއްޒު ނިންމަވާފައިވާ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އެވޯޑް ހަފްލާ ފަސްކުރަން ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމިއިރު، ގިނަ ތައްޔާރީތަކެއް ވަނީ ވެފަ އެވެ. އެގޮތުން ރަސްމިއްޔާތު ބާއްވަން ނިންމި, ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ރަސްމިއްޔާތު ބާއްވަން ނިންމި ސްޓޭޖް ވެސް ވަނީ ތައްޔާރު ކޮށްފަ އެވެ.

ސްޕޯޓްސް އެވޯޑްސް މި އަހަރު ފަހު ކޮޅު ބާއްވާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނި ނަމަވެސް އެ ވުޒާރާއިން މި ރަސްމިއްޔާތު ދެން ބާއްވާނެ ދުވަހެއް ބުނެފަ އެއް ނުވެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ މިދިޔަ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފް ފެއްޓެވި މަސައްކަތެކެވެ. މިދިޔަ ސަރުކާރުން ސްޕޯޓްސް އެވޯޑްސް ބާއްވާފައިވަނީ، ކުޅިވަރުގެ ބައިނަލްއަގުވާމީ މަޝްހޫރު ތަރިން ރާއްޖެ އަށް ދައުވަތުދީގެންނެވެ. މި ފަދަ ބޮޑު ހަރަދުތަކެއް ކޮށްގެން، ސްޕޯޓްސް އެވޯޑްސް ހަފްލާ ބާއްވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު، މި ސަރުކާރުން ސްޕޯޓްސް އެވޯޑްސް ހަފްލާ ބާއްވަން ނިންމާފައިވާއިރު، ބޭރުގެ ބައިނަލްއަގުވާމީ ކުޅިވަރު ތަރިން ގެންނަން ނިންމާފައިނުވެ އެވެ.