Advertisement

ފަރުވާ ހޯދަން ދާ މީހުންނަށް އެންޑީއޭއިން ކިއު ނަންބަރު ވިއްކާ ކަމުގެ ތުހުމަތު

30 ޖޫން 2024 - 19:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ


ފަރުވާ ހޯދަން ދާ މީހުންނަށް އެންޑީއޭއިން ކިއު ނަންބަރު ވިއްކާ ކަމުގެ ތުހުމަތު

30 ޖޫން 2024 - 19:57 0

ނެޝަނަލް ޑްރަގް އޭޖެންސީއަށް ފަރުވާ ހޯދަން ދާ މީހުންނަށް އެތަނުގެ ކިއު ނަންބަރުތައް ވިއްކަމުން ދާ ކަމުގެ ޝަކުވާތައް އިދިކޮޅު އެމްޑީޕީއަށް ލިބިފައިވާ ކަމަށާއި އެކަން ބަލައި އިސްލާހު ކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ކުރީގެ އަންޑާ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒް އަހުމަދު މައުރޫފް ވިދާޅުވީ އެންޑީއޭގެ ކިއު ނަންބަރުތައް ވިއްކަމުން ދާ މައްސަލަ އެމްޑީޕީން ކުށްވެރި ކުރާ ކަމަށާއި އެކަމާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.

"ނެޝަނަލް ޑްރަގް އޭޖެންސީގެ ހާލަތާ ބެހޭގޮތުން އާންމުންގެ ތެރޭގައި، އަދި ހާއްސަކޮށް ޑްރަގުގެ ބައްޔަށް ފަރުވާ ހޯދާ ކުދިންނާއި އަދި އެކުދިންގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ޕާޓީއަށް ޝަކުވާ ލިބެމުން އެބަދޭ، ފަރުވާ ހޯދަން ދާން، އެންޑީއޭގައި އެ އޮންނަ ކިއު ތަރުތީބު ނަންބަރު އެތަނުގެ ބައެއް މުވައްޒަފުން ވިއްކަމުންދާ ކަމުގެ ޝަކުވާ އިނގޭތޯ؟، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރަން، އަދި މިކަމުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަން،" މައުރޫފް ވިދާޅުވި އެވެ.

ޑްރްގާ ދޭތެރޭގައި އދ. އިން މިހާރު ބަލަނީ ސިއްހީ މައްސަލައެއްގެ ގޮތުގައި ކަމަށާއި ޑްރަގުގެ ވަބާއަކީ ފަރުވާ ދީގެން ރަނގަޅު ކުރެވޭ ކަމެއްގެ ގޮތުގައިކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ މި ސަރުކާރުން އެކަމާ ގުޅިގެން ވެސް ގެންގުޅެނީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

މައުރޫފް ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު، އދ. އިން ކަނޑައެޅި ގޮތަށް މަސްތުވާތަކެތީގެ މައްސަލައަކީ ސިއްހީ މައްސަލައެއް ކަމަށް ގަބޫލުކޮށް އެންޑީއޭ ހެލްތު މިނިސްޓަރީގެ ދަށަށް ބަދަލު ކުރި ކަމަށެވެ.

"ޑްރަގާ ދޭތެރޭގައި އަޅުގަނޑުމެން ގެންގުޅޭ މުޅި އެޕްރޯޗު އަޅުގަނޑުމެން ބަދަލު ކޮށްފައި ވާނެ، އެއީ އދ. އިން ވެސް ކަނޑައަޅައިފައި ވާގޮތަށް ހެލްތު އިޝޫއެއްގެ ގޮތުގައި އިނގޭތޯ؟، އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ، އެންޑީއޭގެ ތެރެއަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ގެންނަމުން ދިޔައީ އެހެން، އަދި އަޅުގަނޑުމެން މަސްތުވާތެކެތީގެ ގާނޫނަށް ގެންނަން އޭރު މަޝްވަރާ ކުރެވުނު އިސްލާހުތަކުގައި ވެސް މައިގަނޑު ގޮތެއްގައި މަފުހޫމަކީ އެއީ،" މައުރޫފް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ހެލްތު މިނިސްޓަރީގެ ދަށުން ހިންގަމުންދިޔަ އެންޑީއޭ ހޯމް މިނިސްޓަރީގެ ދަށަށް ބަދަލު ކުރުމުން މި ސަރުކާރުން މަސްތުވާތަކެއްޗާ މެދު ގެންގުޅޭ ވިސްނުން ބަދަލުވެފައިވާކަން ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ތަންފީޒީ މިނިސްޓަރީއެއްގެ ދަށަށް އެންޑީއޭ ބަދަލު ކުރުމުގެ މާނައަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ބަޔަކަށް ފަރުވާ ދީގެން އެމީހުން ރަނގަޅު ކުރުމުގެ ބަދަލުގައި ގަދަ ބާރުން އެމީހުންނަށް ހަރުކަށި ފިޔަވަޅު އަޅައިގެން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ކަމަށެވެ.

އެމްޑީޕީން ވަނީ އެންޑީއޭގެ ކިއު ނަންބަރުތައް ވިއްކަމުންދާ މައްސަލަ ބަލައި އެކަން ކުރާ ބަޔަކާ މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވައިލާ ކަމަށާއި އެންޑިއޭއިން ފަރުވާ ހޯދަން ދާ މީހުންނަށް އަވަހަށް ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސައިދިނުމަށް ސަރުކާރަށް ގޮވައިލާ ކަމަށް ބުނެފަ އެވެ.