Advertisement

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ދޭން ކުރާ ހޭދަ 63 މިލިއަނުން އިތުރުވެއްޖެ

30 ޖޫން 2024 - 12:03 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު. ގާތްގަނޑަކަށް ކުރީ ސަރުކާރަށް ވުރެ މުސާރަ ހޭދަ 15 ޕަސެންޓުން ވަނީ އިތުރުވެފައި --- ފޮޓޯ: ރައީސް އޮފީސް


ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ދޭން ކުރާ ހޭދަ 63 މިލިއަނުން އިތުރުވެއްޖެ

30 ޖޫން 2024 - 12:03 1

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރަމުންދާ ހޭދަ މިދިޔަ އަހަރަށް ވުރެ 15 ޕަސެންޓު އިތުރުވެފައިވާ ކަމަށް މިދިޔަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުންފުނިތަކުގެ ޕޭރޯލަށް ހަރަދުކުރަމުންދިޔަ އަދަދާއި މިހާރު ހަރަދު ކުރަމުންދާ ވަރު ހިއްސާކުރައްވާފަ އެވެ.

އެ މައުލޫމާތަށް ބަލާއިރު މި ސަރުކާރު އައުމަށް ފަހު ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. އަމީރު ތުހުމަތު ކުރެއްވި ގޮތުގައި ކުންފުނިތަކަށް ސިޔާސީ ގޮތުން ގިނަ މުވައްޒަފުންތަކެއް ވަނީ ނަގާފަ އެވެ.

ކުންފުނިތަކުގެ ޕޭރޯލް މިލިއަން ރުފިޔާއިން. ނޫ ކުލައިގައި މިދިޔަ އަހަރު ރަތް ކުލައިގައި މި އަހަރު


"މަސްވެރިންނަށް ފައިސާ ނުދެވޭ. މިފްކޯގެ 2023 ވަނަ އަހަރު 20 މިލިއަން ރުފިޔާ ހުރީ. މިހާރު 23 މިލިއަން ރުފިޔާގައި. އެމްޕީއެލްއަށް 350 މުވައްޒަފުން އިތުރަށް ނަގައިފި, ބައިވަރު މުވައްޒަފުންނަށް ޕްރޮމޯޝަން ދީފި. ހިތަދޫ ޕޯޓް ލިމިޓެޑް ސަބްސިޑަރީއެއްގެ ގޮތުގައި ހަދައިފި. އެތަނަށް އެތައް މުވައްޒަފުންނެއް ނަގައިފި," އަމީރު ވިދާޅުވި އެވެ.

މި މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަށް މަހަކު ހޭދަކުރަމުންދިޔައީ 429 މިލިއަނެވެ. އެ އަދަދު މިހާރު ވަނީ 63.4 މިލިއަނުން އިތުރުވެ 492.4 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

އެހެންކަމުގެ އަހަރެއްގެ ތެރޭ މުސާރައަށް 5.148 ބިލިއަން ހަރަދުކުރި ނަމަވެސް މިއަހަރުގެ ތެރޭ އެ އަދަދު 5.908 ބިލިއަން ހަރަދު ކުރާނެ އެވެ. ކުންފުނިތަކުގެ މުސާރަ ބިލު އަހަރެއްގެ މައްޗަށް 760 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފަ އެވެ.

"މާލީ ގޮންޖެހުންތަކެއް ހުރި ކަމަށް އަސްލު މި ބޭފުޅުން ގްރައުންޑުގައި ކަންތައް ކުރާ ގޮތުން ނުފެނޭ," އަމީރު ވިދާޅުވި އެވެ.

ބަރާބަރަށް މުސާރަ ދިނުމަށް ފަހު ހަރަދު ކުޑަ ކަމަށް ފެންނަނީ މަޝްރޫއުތައް ހުއްޓާލާފައިވުމުން ކަމަށް އަމީރު އިއްޔެ ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން، ދައުލަތުގެ ބައެއް ކުންފުނިތައް އުވާލައި، ކުންފުނިތަކެއް ވިއްކާލަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް "އަދަދު" ނޫހަށް ވަނީ އެނގިފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހުން ކެބިނެޓުގައި، ދައުލަތް ހިއްސާވާ ކުންފުނިތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަރުދާހަކަށް މަޝްވަރާކުރުމަށް ފަހު ސަރުކާރުން އަންނަނީ ކުންފުނިތަކާ ގުޅޭ ބޮޑެތި ނިންމުންތަކެއް ނިންމަން ތައްޔާރުވަމުންނެވެ.