Advertisement

ޖަރުމަނަކީ ފޭވަރިޓުން ކަމަށް ވިޔަސް ޑެންމާކް ދުލެއް ނުދޭނެ

29 ޖޫން 2024 - 12:40 0


ޖަރުމަނަކީ ފޭވަރިޓުން ކަމަށް ވިޔަސް ޑެންމާކް ދުލެއް ނުދޭނެ

29 ޖޫން 2024 - 12:40 0

ޑެންމާކް (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި މިރޭގެ މެޗަށް ނުކުންނައިރު ޖަރުމަނަކީ ފޭވަރިޓުން ކަމަށާއި އެހެން ނަމަވެސް އެ ޓީމާ ދެކޮޅަށް ޑެންމާކުން ދުލެއް ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު ކެސްޕާ ހިއުލްމަންޑް ބުނެފި އެވެ.

މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތެއްގެ ނޮކައުޓް ބުރުގައި ޑެންމާކާއި ޖަރުމަނު ކުޅުނީ 1992 ވަނަ އަަހަރު އެވެ. އެ މެޗަށް ނުކުތްއިރު ވެސް ފޭވަރިޓަކީ ޖަރުމަނު ކަމަށް ވިޔަސް، ޑެންމާކުން ވަނީ 2-0 އިން މޮޅުވެ، ތަށި އުފުލާލައިފަ އެވެ.

ޑެންމާކްގެ ކޯޗު ހިއުލްމަންޑް ބުނީ އަދިވެސް ހާލަތާއި ފެންނަން ހުރި ކަންކަމަށް ބަަލާއިރު ފޭވަރިޓަކީ ޖަރުމަނު ކަމަށެވެ.

"ޖަރުމަނަކީ މުބާރާތުގެ ވެސް ފޭވަރިޓެއް. މި މެޗުގައި ވެސް އެ ޓީމަށް ގިނަ ބަޔަކު ބުރަވާނީ. މީގެ މި ވަގުތަށް އޮތް ދެރައަކީ އަހަރެމެންނާ އެ މީހުން އެ ކުޅެނީ. ޖަރުމަނުން މެޗުތަކުގައި އެ ދެއްކި ކޮލިޓީ އަކީ ކޮންމެ ޓީމަކުން ވެސް ވިސްނާނެ ކަމެއް،" ހިއުލްމަންޑް ބުންޏެވެ.

"އެކަމަކު، އަހަރެމެންނަކީ ވެސް ދަށް ޓީމެއް ނޫން. އެކުގައި ކުޅޭ ވަރަށް ރަނގަޅު ޓީމެއް. ޖަރުމަނުން ވަރަށް ވަރަށް ރަނގަޅަށް ކުޅެގެން އަހަރެމެން ބަލިކުރެވޭނީ،"

ޖަރުމަނުން މި މެޗުގައި، ކައި ހަވާޓްޒްގެ ބަދަލުގައި ނިކްލަސް ފުލްކްރޫގް ފުރަތަމަ އެގާރައިގައި ހިމަނާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، ހިއުލްމަންޑް ބުނީ ކޮންމެ ކުޅުންތެރިއަކު ކުޅުނަސް ޖަރުމަނުގެ ކޮލިޓީ ރަނގަޅުވާނެ އެވެ. ބަނޑުގައި ރިއްސާތީ، ކްރިސްޓިއަން އެރިކްސަން އާއި ތޯމަސް ޑެލަނީ އަށް ޑެންމާކްގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވުނަސް، މެޗަށް ދެ ކުޅުންތެރިން ފިޓްވާނެ ކަމުގެ ޔަގީންކަން ހިއުލްމަންޑް އަށް އެބައޮތެވެ.

ޖަރުމަނާއި ޑެންމާކް ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.