ފުރަތަމަ ލެގުގައި ކްރޮއޭޝިއާ އިން ފްރާންސް ބަލިކުރިއިރު، ޑެންމާކް އަތުން ޕޯޗުގަލް އަށް ނާކާމިޔާބު

20 މާރިޗު 2025 - 22:08 0


ފުރަތަމަ ލެގުގައި ކްރޮއޭޝިއާ އިން ފްރާންސް ބަލިކުރިއިރު، ޑެންމާކް އަތުން ޕޯޗުގަލް އަށް ނާކާމިޔާބު

20 މާރިޗު 2025 - 22:08 0

ކޯޕެންހާގެން، ޑެންމާކް (މާޗް 21) - ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ފްރާންސްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކްރޮއޭޝިއާ ކުރިހޯދިއިރު، ޑެންމާކުން 1-0 ގެ ނަތީޖާ އަކުން ޕޯޗުގަލް ބަލިކޮށްފި އެވެ.

ކޯޕަންހޭގަންގައި ކުޅުނު މެޗު ފަށައިގެން ވެސް ޑެންމާކުން ވަނީ މޮޅަށް ކުޅެ ޕޯޗުގަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާއިފަ އެވެ.

މި މެޗުގެ 24 ވަނަ މިނިޓްގައި ޑެންމާކަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނުއިރު، ޑެންމާކުގެ ކްރިސްޓަން އެރިކްސަން ފޮނުވާލި ޕެނަލްޓީ، ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ދިފާއުކޮށްފަ އެވެ. މީގެ އިތުރުން ވެސް މެޗުގެ ފުރަތަމަ ހާފުގައި ކޮސްޓާގެ ފަރާތުން މޮޅު ގިނަ ސޭވްތަކެއް ފެނިގެންދިޔަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނިޓްގައި ޑެންމާކަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ރަސްމުސް ހޮއިލުންޑް އެވެ. މިއީ ޑެންމާކް ޓީމަށް ހޮއިލުންޑް ޖަހައިދިން އަށް ވަނަ ގޯލެވެ.

މީގެ އިތުރުން މިރޭ ފްރާންސްގެ މައްޗަށް ކްރޮއޭޝިއާ އިން ކުރިހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ.

އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އިން ކުޅުނު މި މެޗުގެ އަށްވަނަ މިނިޓްގައި އެ ޓީމަށް ގޯލު ޖަހަން ރަނގަޅު ފުުރަސަތެއް ލިބުނެ އެވެ. އެކަމަކު އަންޑްރޭއި ކްރަމަރިޗް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

މި މެޗުގެ ލީޑު ކްރޮއޭޝިއާ އިން ނެގީ މެޗުގެ 26 ވަނަ މިނިޓްގައި އެންޓި ބުޑެމިއޭ ޖަހައިދިން ގޯލުންނެވެ. މިއީ އިވާން ޕެރިސިޗްގެ އެހީތެރިކަމާ އެކު އޭނާ ޖެހި ގޯލެކެވެ.

އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާ އިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ގޯލު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެރިސިޗް އެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ ފްރާންސްގެ އެޓޭކަރުން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި އޮސްމާން ޑެމްބެލޭ އަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގައި ފޮނުވާލި ހަމަލާތައް ކްރޮއޭޝިއާގެ ކީޕަރު، ޑޮމިނިކް ލިވާކޮވިޗް ވަނީ މަތަކޮށްފަ އެވެ.

ކުއާޓާ ފައިނަލް މެޗުތަކުގެ ދެ ވަނަ ލެގުގެ މެޗުތައް ކުޅޭނީ އާދިއްތަ ދުވަހުގެރޭގަ އެވެ.