Advertisement

ޝިޔާންގެ ގޯލުތަކުން މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ އަށް

28 ޖޫން 2024 - 01:08 0

ޓީސީން މެޗަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


ޝިޔާންގެ ގޯލުތަކުން މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ އަށް

28 ޖޫން 2024 - 01:08 0

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 2-1 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެރޭ ޓީސީން ފައިނަލުގައި ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ. ޓީސީ އާއި ސަސް ވަނީ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެެވެ. އެ މެޗު 1-1 އިން ވަނީ އެއްވަރުވެފަ އެވެ.

ސަސް އިން މި ވަނީ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލުން ޖެހިޖެހިގެން ދެ ފަހަރު ޖާގަ ހޯދައިފަ އެވެ. ސަސް، 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުން ބަލިވި އީގަލްސް އަތުން މި ފަހަރު ވަނީ ސެމީގައި ކާމިޔާބު ހޯދައިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި، ފުރަތަމަ ނުވަ މިނިޓް ތެރޭ ޓީސީގެ އާދަމް ޝިޔާން މުހައްމަދު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ ތިން ވަނަ މިނިޓްގައި ޓީސީގެ މުޒްދާން ހަސަން ނަގައިދިން ހުރަހަކުން ޝިޔާން ވަނީ ވެއްޓިގެންފައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި، އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

މެޗުގެ ނުވަ ވަނަ މިނިޓްގައި، ޝިޔާން ދެ ވަަނަ ލަނޑު ޖެހީ، އޭރިއާބޭރުން ފޮނުވާލި ޝޮޓަކުންނެވެ. އެ ބޯޅަ ގޯލަށް ވަނީ މާޒިޔާގެ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

މާޒިޔާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލަނޑެއް ޖަހައި މެޗުގައި ކުރިއަށްދާން އުންމީދެއް ހޯދައިފަ އެެވެ. އެ ގޮތުން، މެޗުގެ 43 ވަނަ މިނިޓްގައި މާޒިޔާގެ ގޯލު ޖެހީ، އަހުމަދު މިލްހާން މުހައްމަދު އެވެ. މިލްހާން މި ލަނޑު ޖެހީ، އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ބޮލުންނެވެ.

ޓީސީ ފައިނަލަށް ގެންގޮސްދިން ކޯޗަކީ، އެންމެ ފަހުން، މި މުބާރާތް ކާމިޔާބުކުރި އީގަލްސްގައި ހުރި ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ.