Advertisement

މުސާރަ ބޮޑުކޮށްދިނުމަށް އެދި ސިވިލް ސާވަންޓުންގެ ޕެޓިޝަނެއް ރައީސްއަށް

27 ޖޫން 2024 - 14:14 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މުސާރަ ބޮޑުކޮށްދިނުމަށް އެދި ސިވިލް ސާވަންޓުންގެ ޕެޓިޝަނެއް ރައީސްއަށް

27 ޖޫން 2024 - 14:14 0

ޕޭ ހާމަނައިޒޭޝަންއަށް މިއަހަރުގެ ބަޖެޓުގައި ހިމެނި ފައިސާގެ ތެރެއިން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޖުމުލަ 439 މީހުން ސޮއިކޮށް ހުށަހެޅި އެ ޕެޓިޝަނުގައި ބުނެފައި ވަނީ ސިވިލް ސާވަންޓުންނަކީ ގައުމު ހިންގަމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ ފަރާތް ނަމަވެސް އެ މީހުންނަށް ލިބޭ މުސާރަކީ އެންމެ އެކަށީގެންވާ ވަރުގެ މުސާރައެއް ނޫން ކަމަށެވެ.

"މިހާރު ސިވިލް ސާވަންޓުންނަށް ލިބެމުންދާ މުސާރައަކީ ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެން ސިވިލް ސާވަންޓުން ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެކަށީގެންވާ މުސާރައެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ، އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެން ދިވެހި ސިވިލް ސާވަންޓުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަނީ ނޭދެވޭ އަސަރުތައް ކުރަމުންނެވެ،" އެ ޕެޓިޝަންގައި ލިޔެފައިވެ އެވެ.

އެ ޕެޓިޝަނުގައި ވަނީ 2013 ގައި ރާއްޖެއިން ސޮއި ކުރި އީކުއަލް ރިމިއުނޭޝަން ކޮންވެންޝަންގެ ދަށުން އުފަން ކުރުވި ނެޝަނަލް ޕޭ ކޮމިޝަނަށް އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެކަށީގެންވާ ވަރުގެ ބަދަލެއް ގެނެސްފައި ނުވާ ކަމަށް ބުނެފަ އެވެ.

ސިވިލް ސާވަންޓަކަށް މިހާރު އެވަރެޖުކޮށް ލިބެނީ 7000ރ. އާއި 11000ރ. އާ ދެމެދުގެ މުސާރަ އެކެވެ.

ސިވިލް ސާވަންޓުންގެ މުސާރައަށް ބަދަލުތަކެއް ފުރަތަމަ ގެންނެވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އެއަށްފަހު މިދިޔަ ވެރިކަމުގެ ފަހުކޮޅު އޭރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފަ އެވެ.

މިއަހަރުގެ ބަޖެޓުގައި ވަނީ ޕޭ ހާމަނައިޒޭޝަންއަށް 500 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. ނަމަވެސް އެއީ ބްލޭންކެޓު ކޮށް ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރުމަށް ހިމަނައިފައިވާ ފައިސާއެއް ނޫނެވެ. ރައީސްއަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ސިވިލް ސާވަންޓުން ތިބީ އެ ފައިސާގެ ތެރެއިން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.