Advertisement

އަފްގާނިސްތާނަށް ފެންވަރު ދައްކާލައި ދެކުނު އެފްރިކާ ފައިނަލަށް

27 ޖޫން 2024 - 13:29 0


އަފްގާނިސްތާނަށް ފެންވަރު ދައްކާލައި ދެކުނު އެފްރިކާ ފައިނަލަށް

27 ޖޫން 2024 - 13:29 0

ސެން ފެނާންޑޯ، ޓްރިންޑާޑް އެންޑް ޓޮބާގޯ (ޖޫން 27) - ނުވަ ވިކެޓުން އަފްގާނިސްތާްން ބަލިކޮށް ފެންވަރު ދައްކާލުމަށް ފަހު، ދެކުނު އެފްރިކާ އިން ފުރަތަމަ ފަހަރަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޖާގަ ހޯދައިފި އެވެ.

ބްރިއާން ލާރާ ކްރިކެޓް އެކެޑަމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އަފްގާނިސްތާނުން ނިންމީ ކުޅެން އަރާށެެވެ.

އެ ގޮތުން، އަފްގާނިސްތާނުން ކުޅެން ނުކުމެ، 11.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 56 ލަނޑެވެ.

މިއީ، މި ފަހަރު އެ ޓީމުން ކުޅެން އަރައި އަފްގާނިސްތާންގެ ފަރާތުން ފެނުނު އެންމެ ދަށް އިނިންގްސް އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި، އަޒުމަތުﷲ އުމަރުޒާއި އަށް ވެސް ހެދުނީ އެންމެ 10 ލަނޑެވެ. މި އިނިންސްގައި ދެކުނު އެފްރިކާގެ މާކޯ ޖެންސަން އާއި ތަބުރައިޒް ޝާމްސީ ވަނީ ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، ދެކުނު އެފްރިކާ އިން ވަނީ، 8.5 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވިއިރު، 60 ލަނޑު ހަމަކޮށް، ނުވަ ވިކެޓުން މޮޅުވެފަ އެވެ.

ދެކުނު އެފްރިކާގެ ކުއިންޓަން ޑި ކޮކް ފަސް ލަނޑަށް ނުބައިވިއިރު، ދެން އެ ޓީމުން ކުޅެން އަރައިތިބި، ރިޒާ ހެންޑްރިކްގެ 29 ލަނޑާއި ކެޕްޓަން، އައިޑެން މަކްރަމްގެ 23 ލަނޑާ އެކު މެޗުން މޮޅުވީ އެެވެ.

ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ދެކުނު އެފްރިކާއާ ކުޅޭނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުންނެވެ. ދެ ވަނަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން، އިންގްލެންޑުން އިންޑިއާއާ ބައްދަލުކުރާނެ އެވެ. މެޗު ފަށާނީ 19:30 ގަ އެވެ.