27 ޖޫން 2024 - 11:38 0
މުހައްމަދު ޝަހްޒާން
ކޮވިޑު ބަލި ފެތުރެމުންދިޔަ ދުވަސްވަރު ވެކްސިން ޖެހުމަށް ތައްޔާރު ވަނީ -- ފޮޓޯ: އަދަދު
27 ޖޫން 2024 - 11:38 0
މެނިންގޮކޯކޮލް ބަލި ރާއްޖޭގައި ފެތުރެމުން ނުދާތީ އާންމުން ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓަރީން ބުނެފި އެވެ.
އެ މިނިސްޓަރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އާންމު ރައްޔިތުންގެ ގަޔަށް މެނިންގޮކޯކޮލް ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ނެތް ނަމަވެސް އުމްރާއާއި ހައްޖުގެ އަޅުކަމަށް ދާ މީހުންގެ އިތުރުން މެނިންގޮކޯކަލް ބަލި އާންމުކޮށް ފެތުރޭ ގައުމުތަކަށް ދަތުރު ކުރާ މީހުން އެ ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މެނިންގޮކޯކޮލް ބައްޔަކީ ރާއްޖޭގައި މީގެ ކުރިން ވެސް ފެތުރޭ ބައްޔެއް ނޫނެވެ. އެ ބަލި ރާއްޖެއިން ފެނުނީ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި އެނބުރި ރާއްޖެ އައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، މުހައްމަދު އާރިފް (ބަކާ) ގައިންނެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފަ އެވެ.
އެ ހާދިސާއާ ގުޅިގެން އެޗްޕީއޭއިން ވަނީ ބަކާއާ ކޮންޓެކްޓުވެފައި ތިބި މީހުން ދެނެގަނެ އެމީހުންނަށް ބޭސް ދޭން ފަށައިފަ އެވެ.
މެނިންގޮކޯކޮލް ޑިޒީޒް އަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ.
މިބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.
އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.
މެނިންގޮކޯކޮލް ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި:
ހަމައެކަނި އިންސާނުންގެ ގައިން ފެންނަ މެނިންގޮކޯކޮލް ބެކްޓީރިއާއަކީ އެހައި ފަސޭހައިން ގައިން ގަޔަށް އަރާ ބެކްޓީރިއާއެއް ނޫނެވެ. މި ބެކްޓީރިއާ ގައިންގަޔަށް އަރަނީ ބަލި ޖެހިފައި ހުރި މީހަކާ ވަރަށް ގައިކޯޅިވެ، ނުވަތަ ވަރަށް ގިނަވަގުތު އެކުގައި އުޅުމުން އަނގައިގެ ތެރެއިން ނުވަތަ ނޭފަތުގެ ތެރެއިން މެނިންގޮކޯކޮލް ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށް ވާސިލުވެގެންނެވެ.
މެނިންގޮކޯކޮލް ބަލިން ފަސޭހަވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވެ އެވެ.
އެގޮތުން ކަންފަތުގެ އަޑުއިވުމުން މަހުރޫމުވުމާއި ލޮލަށް ފެނުމުގެ މައްސަލަތަކާއި ފިޓު ޖެހުމުގެ އިތުރުން ބަލީގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން މުޅި އުމުރު ދުވަހަށް ދެމި ހުރުން ފަދަ ކަންކަން މި ބަލި ޖެހޭ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކު ތަހަންމަލު ކުރަންޖެހެ އެވެ.
Comment