ތުރުކީގެ
ހެމްބާގް (ޖޫން 27) - އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނު ޗެކް ރިޕަބްލިކް (ޗެކިއާ) 1-2 އިން ބަލިކޮށް، ތުރުކީން 16 އަހަރަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުން ވަނީ ފުރުސަތު ހޯދައިފި އެވެ.
ތުރުކީ އެންމެ ފަހުން ޔޫރޯގެ ގްރޫޕް ސްޓޭޖު ފަހަނަައަޅައި ދިޔައީ 2008 ވަނަ އަހަރު އެވެ. އެ ފަހަރުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ތުރުކީން ވަނީ ޗެކް ރިޕަބްލިކުން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-2 އިން މޮޅުވެފަ އެެވެ. ތުރުކީ ވަނީ އެ ފަހަރު ޔޫރޯގެ ތިން ވަނަ ހޯދައިފަ އެެވެ. އޭގެ ފަހުން، ދެ ފަހަރު ޔޫރޯގައި ކުޅުނުއިރު، ދެ ފަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ގްރޫޕް އީގެ އެފްގެ އެއް ވަަނަ ޓީމުގެ ގޮތުގައި ގަދަ 16 ޓީމުގެ ބުރަށް ދިޔައީ، މިރޭ ޖޯޖިއާ އަތުން 2-0 އިން ބަލިވި ޕޯޗުގަލް އެެވެ. ޕޯޗުގަލް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔައީ، ހަ ޕޮއިންޓް ހޯދި ތުރުކީ އެވެ. ތިން ވަނަ އަށް ދިޔަ ޖޯޖިއާ އަށް ވަނީ ހަަތަރު ޕޮއިންޓް ލިބިފަ އެވެ. އެ ޓީމަށް ވެސް ނޮކައުޓް ބުރުން ވަނީ ފުރުސަތު ލިބިފަ އެވެ. އެއީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
މި ގްރޫޕްގެ ފުލަށް ދިޔަ ޗެކް ރިޕަބްލިކަށް ދެ ޕޮއިންޓް ލިބުނެވެ. އެންމެ ފަހުން، ޔޫރޯގައި ޗެކް ރިޕަބްލިކް ކުއާޓާ ފައިނަލުގައި ކުޅުނެވެ.
ތުރުކީ އާއި ޗެކް ރިޕަބްލިކުން މެޗަށް ނުކުތްއިރު ވެސް ނޮކައުޓް ބުރަށް ދިއުމަށް މި މެޗުގެ ނަތީޖާ އޮތީ ވަރަށް މުހިންމުވެފަ އެވެ. އެ ގޮތުން، ދެ ޓީމުން ވެސް ވިސްނުންތެރިކާ އެކު، ޑިފެންސަށް އިސްކަންދީގެން މެޗު ފެށިއިރު، ބޮޑު މައްސަލަައަކާ ކުރިމަތިލާން ޖެހުނީ ޗެކް ރިޕަބްލިކާ އެވެ. އެއީ، މެޗުގެ 20 ވަނަ މިނިޓްގައި އެ ޓީމުގެ އެންޓޮނިން ބަރަކް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
އެކަމަކު، އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތު ތަނަވަސްކުރީ ޗެކް ރިޕަބްލިކުންނެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، ޑޭވިޑް ޖުރަސެކް ޖެހި ޝޮޓް ޗެކް ތުރުކީގެ ކީޕަރު، މާޓް ގޫނޮކް ވަނީ މަތަކޮށްފަ އެވެ.
ފުރަތަަމަ ހާފުގައި ތުރުކީ އަށް ގޯލާ ސީދާކޮށް ރަނގަޅު ހަމަލާއެއް ފޮނުވާނުލެވުނެވެ. އެ ގޮތުން، އެ ޓީމުގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ކެނާލް ޔިލްޑިޒް އާއި އާޑާ ގުލާ ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
ޗެކް ރިޕަބްލިކްގެ ކެޕްޓަން ސޯޝެކް އުފާފާޅުކުރަނީ.
ތުރުކީން ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފު ފަށައިގެން، ޗެކް ރިޕަބްލިކްގެ ގޯލާ އަމާޒުކޮށް ހަމަލާތައް ފޮނުވާލަން ފެށި އެވެ.
އެ ގޮތުގައި ދެ ވަަނަ ހާފު ފަށައި، ލަސްތަކެއް ނުވެ، ތުރުކީން ގޯލު ޖަހައި ލީޑުނެގި އެވެ. މި ލަނޑު ޖެހީ، 51 ވަނަ މިނިޓްގައި ހަކަން ޗަނޮނޯލޫ އެވެ. މިއީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ޗަނޮނޯލޫ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. މި ގޯލު ޖެހުމުގެ ކުރިން، ޗެކް ރިޕަބްލިކްގެ ކީޕަރު ޖިންޑްރިކް ސްޓަނެކް ވަނީ ތުރުކީގެ ޔިލްޑިޒް ޖެހި ބޯޅައެއް ހުއްޓުވައިފަ އެވެ. އެ ވަގުތު އަތަށް ލިބުނު އަނިޔާއަކާ ހެދި ވަނީ ބަދަލުކޮށްފަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނަސް ޗެކް ރިޕަބްލިކުން ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ. އެ ގޮތުން، މެޗުގެ 66 ވަނަ މިނިޓްގައި ޗެކް ރިޕަބްލިކުން ލަނޑު ޖަހައި އެއްވަރުކުރި އެވެ. މިއީ، ދިގު އެއްލުމެއްގައި އޭރިއާތެރެއަށް އައި ބޯޅައެއްގައި، ތުރުކީގެ ކީޕަރު މާޓް އަތުން ދޫވި ވަގުތު ޗެކް ރިޕަބްލިކް ކުޅުންތެރިން ހޯދައި ކުރި އެޓޭކުގައި، އެ ޓީމުގެ ކެޕްޓަން ތޯމަސް ސޯޝެކް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އެ ގޯލު ބަލައިގަންނަން ނިންމީ ކީޕަރު މާޓް އަށް ފައުލުކޮށްފައިނުވާތީ އެވެ.
އަނިޔާގެ ސަބަބުން ޗެކް ރިޕަބްލިކްގެ އެއް ވަނަ ފޯވާޑް، ޕެޓްރިކް ޝިކް މި މެޗުގައި ނުކުޅެ އެވެ.
ތުރުކީ މޮޅުވި ގޯލު ޖެހީ ބަދަލަކަށް އެރި ތަޖުރިބާކާރު ފޯވާޑް ޗެންކް ޓޮސުން އެވެ. އޭނާ މި ލަނޑު ޖެހީ އިތުރު ވަގުތުގެ ހަތަރު ވަަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ތުރުކީން ގަދަ 16 ބުރުގައި، ވާދަކުރަން ޖެހޭނީ އޮސްޓްރިއާއާ އެވެ.
ސްވިޒަލެންޑް - އިޓަލީ
ޖަރުމަނު - ޑެންމާކް
އިންގްލެންޑް - ސްލޮވާކިއާ
ސްޕެއިން - ޖޯޖިއާ
ފްރާންސް - ބެލްޖިއަމް
ޕޯޗުގަލް - ސްލޮވީނިއާ
ރުމޭނިއާ - ނެދަލެންޑްސް
އޮސްޓްރިއާ - ތުރުކީ
Comment