Advertisement

ސިޔާސީ މުވައްޒަފުންގެ އަދަދު މާލިއްޔަތު ކޮމެޓީއާ ވެސް ސަރުކާރުން ހިއްސާ ނުކުރި

26 ޖޫން 2024 - 15:47 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް މުއިއްޒު އައްޔަނު ކުރެއްވި ބައެއް ސިޔާސީ މުވައްޒަފުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިޔާސީ މުވައްޒަފުންގެ އަދަދު މާލިއްޔަތު ކޮމެޓީއާ ވެސް ސަރުކާރުން ހިއްސާ ނުކުރި

26 ޖޫން 2024 - 15:47 0

ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހިއްސާ ކުރުމަށް މާލިއްޔަތު ކޮމެޓީން މިއަދު އެދުމުން އެ މައުލޫމާތު ޖެހޭނީ ރައީސް އޮފީހުން ސާފު ކޮށްލަން ކަމަށް ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ސިޔާސީ މުވައްޒަފުންގެ އަދަދުގެ ތަފުސީލު ދިނުމަށް އެދިވަޑައިގެންނެވީ ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ އެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދު ފިނޭންސް މިނިސްޓަރަށް ވެސް އެނގިވަޑައިނުގަންނަވާތީ އެ މައުލޫމާތު ކޮމެޓީއާ ހިއްސާއެއް ނުކުރެއްވި އެވެ.

"މިހާރު މިދަނީ ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް މޮނީޓާ ކުރަމުން، ރައީސް އޮފީހުން އެގްޒެކްޓް އަދަދު ޖެހޭނީ ސާފުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން މިނިސްޓަރު ދެއްވި ޖަވާބުގައި މިހައިތަނަށް އެއްވެސް ސިޔާސީ މުވައްޒަފެއް މަދުކުރި ވާހަކައެއް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ތިބި ބޭފުޅުންގެ ތެރެއިން ރަނގަޅަށް މަސައްކަތް ނުކުރާ މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅަން ތައްޔާރުވަމުން ދާ ކަމަށެވެ.

"ޕާފޯމް ނުކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން މިދަނީ، ވަޒީރުންގެ މަޖިލީހުން ފާސްކުރާ ޕޭޕަރުގައި އޮންނަ ގައިޑްލައިނާ އެއްގޮތަށް،" ޝަފީގު ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ރަސްމީކޮށް ހާމަނުކުރާތީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ޔަގީން އަދަދެއް ނޭނގެ އެވެ.

ނަމަވެސް, "އަދަދު" ނޫހުން އެކި މަސްދަރުތަކުން ހޯދި ހޯދުންތަކުން ޔަގީން ކުރެވޭ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 2,000 އާ މިހާރު ގާތްކުރާނެ އެވެ.

އައްޔަނުކުރި މުވައްޒަފުން މަސައްކަތް ކުރުމަށް ބައެއް މިނިސްޓްރީތަކުގައި ގޮނޑި އާއި މޭޒު ވެސް ހަމައަށް ނެތް ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ޔަގީންކޮށްދީފަ އެވެ.

އެކަމުގެ ސަބަބުން ބައެއް ސިޔާސީ މުވައްޒަފުން އޮފީސް ގަޑީގައި މިނިސްޓްރީތަކުގެ ކައިރީގައި ހުންނަ ކެފޭ ރެސްޓޯރަންޓުތަކުގައި ވަގުތު ހޭދަކުރާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކަންކަން މިހެން ހުރިއިރު، ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރަން އެކި ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ. ނަމަވެސް މިހައިތަނަށް އެފަދަ ފިޔަވަޅެއް ސަރުކާރުން އަޅައިފައެއް ނުވެ އެވެ.