މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓީސީގެ މުޒްދާން (ކ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ނައުޝަމް ވަހީދު/ އިމޭޖަސް.އެމްވީ
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ބްރޭކަަކަށް ފަހު މިއަދު ކުޅުން ފެށިއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އީދު ބަންދަށް މުބާރާތް މެދުކަނޑާލުމަށް ފަހު އަލުން ފެށިއިރު، މުބާރާތުގައި ވާދަކުރާ އަށް ޓީމަށް ވެސް ބާކީ އޮތީ ގްރޫޕްގެ ފަހު މެޗެވެ.
ގްރޫޕް އޭ ގެ އެއް ވަނަ ހޯދި ސަސް އާއި ދެ ވަނަ އަށް ދިޔަ ޓީސީ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި މި ވަގުތު އޮތް އޮޑި ސްޕޯޓްސް ކްލަބާއި ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، މި ދެ ޓީމަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތެއް ނެތެވެ.
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ސަސް އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލީޑުނެގީ ސަސް އިންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި މި ލަނޑު ޖެހީ ސަސްގެ މުހައްމަދު ހޫދު އަހުމަދު އެވެ. ޓީސީގެ ޑިފެންސް ތެރެއިން ދެ ކުޅުންތެރިން ކައިރިން ދެމިގަނެ، ހުސްޖާގައެއް ހޯދާލުމަށް ފަހު ހޫދު ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ޓީސީން ވެސް ގިނަ އެޓޭކްތަކެއް ކުރި މި މެޗުގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން އެއްވަރުކުރި އެވެ. އޭރިއާތެެރެއަށް ހުރަސްވި ބޯޅައަކުން މި ލަނޑު ޖެހީ، އަލީ މަނާލް މުސްތަފާ އެވެ. އޭނާ ފޮނުވާލި ޝޮޓް ގޯލަށް ވަނީ ސަސްގެ ކީޕަރު، އަބްދުﷲ ރަޒީފް އަތުގައި ޖެހިފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ޓީސީ އާއި ސަސް އަށް ވެސް އިތުރު ލަނޑެއް ނުޖެހުނުއިރު، މި ނަތީޖާ އަކީ ދެ ޓީމަށް ވެސް ރަނގަޅު ނަތީޖާ އެކެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި، ބުރުން ނުކުންނާނީ އޮޑިއާ ދެކޮޅަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment