ކޮލޯން (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ރުމޭނިއާ އަތުން 2-0 އިން މޮޅުވެ، ބެލްޖިއަމް އިން މުބާރާތުގައި ކުރިއަށް ދިއުމަށް ދިރުމެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ގްރޫޕްގެ އީ ހަތަރު ޓީމު ވެސް ވަނީ ޕޮއިންޓު އެއްވަރުވެފަ އެވެ. އެއްް ވަނައިގައި އޮތް ބެލްޖިއަމް އާއި ދެ ވަނައިގައި އޮތް ރުމޭނިއާ އާއި ތިން ވަނައިގައި އޮތް ޔޫކްރެއިން އަދި ހަަތަރެއްގައި އޮތް ސްލޮވާކިއާ އަށް ވަނީ ތިން ޕޮއިިންޓް ލިބިފަ އެވެ.
ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ބެލްޖިއަމުން ނުކުންނާނީ ޔޫކްރެއިނާ ދެކޮޅަށެވެ. އަދި ރުމޭނިއާ ބައްދަލުކުރާނީ ސްލޮވާކިއާއާ އެވެ.
ފުރަތަމަ މެޗުން ސްލޮވާކިއާ އަތުން ބަލިވި ބެލްޖިއަމް އިން މިރޭގެ މެޗު ފަށައިގެން 72 ވަަނަ ސިކުންތުގައި ލީޑުނެގި އެވެ. މިއީ ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން ޔޫރީ ޓީލަމަންސް ޖެހި ގޯލެކެވެ. އޭރިއާރޮނގުކައިރިން ޓީލަމަންސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ރުމޭނިއާ އަށް އެއްވަރުކޮށްދޭން ޑެނިސް ޑްރަގޫސް ބޮލުން ޖެހި ބޯޅަ ބެލްޖިއަމްގެ ކީޕަރު ކޮއެން ކަސްޓީލްސް ވަނީ މަތަކޮށްފަ އެވެ. ބެލްޖިއަމަށް ފުރަަތަމަ ހާފުގައި ލީޑުފުޅާކޮށްދޭން ޑޯޑީ ލުކެބާކިއޯ އަށް ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ރުމޭނިއާ ކީޕަރު ފްލޯރިން ނީޓްސާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ލުކާކޫ ވަނީ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ބެލްޖިއަމް އަށް ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. މިއީ، މި ފަހަރުގެ ޔޫރޯގައި ލުކާކޫ ޖެހި ގޯލެއް ވީއޭއާރް އިން ކެންސަލްކުރި ތިން ވަނަ ފަހަރެވެ. ފުރަތަަމަ މެޗުގައި، ސްލޮވާކިއާއާ ކުޅުނު މެޗުގައި ލުކާކޫ ޖެހި ދެ ގޯލެއް އޮފްސައިޑް ކަަމަށް ނިންމި އެވެ.
ބެލްޖިއަމް އަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި ޑި ބްރޭނާ އެވެ. މިއީ މަތިމަތިން ރުމޭނިއާ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި ކީޕަރު ނީޓްސާ އަށް ލިބުމުގެ ކުރިން ޑި ބްރޭނާ ޖެހި ގޯލެކެވެ.
މިއީ 2012 ވަނަ އަހަރުގެ ފަހުން ބެލްޖިއަމާއި ރުމޭނިއާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މި މެޗުން މޮޅުވުމާ އެކު، ބެލްޖިއަމުން މި ވަނީ ރުމޭނިއާއާ ދެކޮޅަށް ކުޅުނު 13 މެޗުގެ ތެރެއިން ހަ ވަނަ މެޗުން މޮޅުވެފަ އެވެ. ރުމޭނިއާ އިން ފަސް މެޗުން މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.
Comment