19 ޖޫން 2024 - 21:06 1
މުހައްމަދު އުޝާމް
މާރިޔާ އަހުމަދު ދީދީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
19 ޖޫން 2024 - 21:06 1
ވެރިރަށް މާލެ ސަރަހައްދުގައި ކުށްކުރުން ގިނަވަމުންދާ މައްސަލާގައި އެ ކަން ދިމާވީ ކުރީގެ ސަރުކާރުގައި ޖަލުން މުޖުތަމައަށް މީހުން ދޫކޮށްލުމުގެ ސަބަބުން ކަމަށް ފުލުހުން ބުނުމުން، މި ސަރުކާރު އައި ފަހުން ދޫކޮށްލި މީހުންގެ އަދަދު ހާމަ ކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް އޮތް ކަމަށް "އަދަދު"ން ރިޕޯޓް ކުރުމުން، އެއީ "މީގެ 10 މަސް ދުވަސް ކުރިން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން" ވީ ގޮތެއް ކަމަށް ވިދާޅުވެ، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކަން ކުރީގެ ސަރުކާރާ ގުޅުވައިލެއްވި އެވެ.
ޝިފާންގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ފުރަތަމަ ލިޔުއްވާފައި ވަނީ އާދަކާދައިގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަ ކަމަކަށް ނުދައްކާ ކަމަށެވެ.
ލިޔުއްވުމުގައި އެއަށް ފަހު ގޮވައިލެއްވީ މި ސަރުކާރު އައި ފަހުން ދޫކޮށްލި ކުށްވެރިންގެ އަދަދު ހާމަ ކުރުމަށެވެ.
"އާ ސަރުކާރު (ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު) އައުމުންނާއި މަޖަލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން ގޮވާލަން،" މާރިޔާ ލިޔުއްވާފައިވެ އެވެ.
"މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!" މި ސުރުހީގެ ދަށުން "އަދަދު" ގައިި މިއަދު ޖެހި ރިޕޯޓް ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރައްވަމުން ޝިފާން ވިދާޅުވީ އެއީ "ހިތި ހަގީގަތް" ކަމަށް ފުލުހުން ގަބޫލު ކުރާ ކަމަށެވެ. އެހެން މެދުވެރިވި ސަބަބެއްގެ ގޮތުގައި ޝިފާން ވިދާޅުވީ މީގެ 10 މަސް ކުރިން ޖަލުން ދޫކޮށްލި 454 އެއްހާ މީހުން މުޖުތަމައަށް ދޫވެފައި ތިބުމެވެ.
"434 މީހުންގެ ބޮޑު [ކުށްވެރިންގެ] އާބާދީއެއް، މީގެ 10 މަސް ދުވަހުގެ ކުރިން އެމްސީއެސް އިން ދޫކޮށްލުމާއި، ޒަމާނާ އެކީގައި އުމްރާނީ ތަރައްގީގެ ބިނާތަކެއް ނުލިބުމުގެ ސަބަބުން، އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު [ކުށުގެ] ކާރިސާއެއްގައި،" ޝިފާން ލިޔުއްވާފައިވެ އެވެ.
ޝިފާން ވަނީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވެސް އެ ގޮތަށް ލިޔުއްވައިފަ އެވެ. ޝިފާންގެ އެ ވާހަކައަށް އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment