16 ޖޫން 2024 - 09:30 0
16 ޖޫން 2024 - 09:30 0
ސްޓުޓްގާޓް (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޑެންމާކްއާ ދެކޮޅަށް ސްލޮވޭނިއާ ނުކުންނައިރު ބޭނުންވަނީ ޖެހިލުންނުވެ ކުޅެ ރަނގަޅު ނަތީޖާ އެއް ނެރެން ކަމަށް ސްލޮވީނިއާގެ ކޯޗު މަޓްޖަޒް ކެކް ބުނެފި އެވެ.
ސްލޮވީނިއާ އިން އެންމެ ފަހުން ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ކުޅުނީ 2010 ވަނަ އަހަރެވެ. އެ އަހަރުގެ ވޯލްޑް ކަޕުގެ ފަހުން ސްލޮވީނިއާ ބައިނަލްއަގްވާމީ ބޮޑު މުބާރާތަކަށް ކޮލިފައި ނުވެ އެވެ.
ޖަރުމަނުގެ ސްޓުޓްގާޓްގައި މި މެޗު ކުޅޭއިރު, މި މެޗު ބަލަން ސްލޮވީނިއާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޓިކެޓް ގަނެފަ އެވެ. އެކަމަކު، ކެކް ދެކޭގޮތުގައި މިއީ ސްލޮވީނިއާ އަށް އޮތް ޕްރެޝަރެއް ނޫނެވެ.
"ކާކު ބޭނުންނުވާނީ ޓީމަށް ސަޕޯޓު ނެތް ދަނޑެއްގައި ކުޅެން؟ މިއީ އަހަރެމެން އަށް ލިބޭ އެޑުވާންޓޭޖެއް." މުހިންމު ކަމެއް ފާހަގަކުރުމުގެ ގޮތުން ކެކް ބުންޏެވެ.
މި މެޗަށް ނުކުންނައިރު, ޑެންމާކް ކުޅުންތެރިންނަށް އޮތް އެޑްވާންޓޭޖް ބޮޑު ކަމަށް ކެކް ގަބޫލުކުރެ އެވެ. ކެކް ބުނީ ސްލޮވީނިއާ ސްކޮޑުގެ ގިނަ ކުޅުންތެރިންނަކީ ކުލަބް ލެވަލްގައި ވެސް މިކަހަލަ މެޗުތައް ކުޅެފައިނުވާ ކުޅުންތެރިން ކަމަށެވެ.
"މި ކަހަލަ މެޗުތަކަށް ޑެންމާކުގެ ތަޖުރިބާ މާ ރަނގަޅުވާނެ. މިއީ ގިނަ އަހަރުތަކަކަށްފަހު އަހަރެމެން ކުޅޭ ފުރަތަމަ މެޗު. އަހަރެމެންގެ ސްކޮޑުގައި މިތިބި ގިނަ ކުޅުންތެރިންނަކީ މިކަހަލަ މެޗުތައް މިހާތަނަށް ކުޅެފައިވެސް ނުވާ ކުޅުންތެރިން" ކެކް ބުންޏެވެ.
ކެކް ބުނީ ތަޖުރިބާ އާއި ހުރިހާ ގޮތަކުން ވެސް ޑެންމާކަށް އެޑުވާންޓޭޖް އޮތް ނަމަވެސް, ސްލޮވީނިއާ އިން މި މެޗަށް ނުކުންނާނީ ބިރެއް ނެތި ކުޅުން ކަމަށެވެ. އަދި ޖެހިލުންވެ, ކުޅެއްޖެ ނަމަ ލަނޑު ލިބުން ނޫން ގޮތެއް ނެތް ކަމަށް ކެކް ގަބޫލުކުރެ އެވެ.
"މި ވަގުތައް ބަލާއިރު, އަހަރެމެން މިތިބީ އެންމެ ރަނގަޅު ފޯމުގައި. ޒުވާން ކުޅުންތެރިންނާއި, ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ރަނގަޅަށް ހިފިއްޖެ ނަމަ ކާމިޔާބުވާނެކަން ޔަގީން" ކެކް ބުންޏެވެ.
މި ފަހަރުގެ ޔޫރޯގައި ސްލޮވީނިއާ ހިމެނިފައި އޮތީ ގްރޫޕް ޑީގަ އެވެ. މި ގްރޫޕުގައި ސްލޮވޭނިއާ އާއި ޑެންމާކުގެ އިތުރުން ދެން ހިމެނެނީ ސާބިއާ އަދި އެންމެ ފަހުގެ ރަނަރަޕް އިންގްލަންޑެވެ.
ސްލޮވީނިއާ އިން ޑެންމާކާ ދެކޮޅަށް ކުޅުނު ހަ މެޗުގައި ވެސް ކާމިޔާބެއް ނުލިބެ އެވެ. އޭގެ ތެެރެއިން އެންމެ މެޗު ވަނީ އެއްވަރުކޮށްފަ އެވެ. ޑެންމާކް އާއި ސްލޮވީނިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Comment