15 ޖޫން 2024 - 19:55 0
ސާއިފް ޝިޔާދު
ސަފީރު ވާން ލިޖިން ރައީސް މުއިއްޒުއަށް ޝީގެ ސިޓީ ހަވާލުކުރައްވަނީ. ދެ ގައުމުގެ މެދުގައި އޮތް ގުޅުން ކުރިއަށްވުރެ އިތުރަށް ވަނީ ގާތްވެފައި --- ފޮޓޯ: ރައީސް އޮފީސް
15 ޖޫން 2024 - 19:55 0
މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް 46 އަހަރު ފުރިވަޑައިގަތުމާ ގުޅިގެން އުފަން ދުވަހުގެ ތަހުނިޔާ ޗައިނާގެ ރައީސް ޝީ ޖިންޕިން ހާއްސަ ސިޓީއެއް މެދުވެރިކުރައްވައި އެމަނިކުފާނަށް ފޮނުއްވައިފި އެވެ.
މިއަދު މެންދުރު ޗައިނާގެ ފަރާތުން ރާއްޖޭގައި ހުންނަވަ ސަފީރު ވާން ލިޖިން ވަނީ ރިޔާސީ ގަނޑުވަރަށް ވަޑައިގެން ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. އެ ޒިޔާރަތުގައި ސަފީރު ވަނީ ރައީސް ޝީ ފޮނުއްވި މަރުހަބާގެ ހާއްސަ ސިޓީއެއް ރައީސްއާ ހަވާލުކުރައްވާފަ އެވެ.
ރައީސަށް މަރުހަބާ ވިދާޅުވެ އެމަނިކުފާނަށް ހެޔޮއެދޭކަން ޝީގެ ސިޓީގައި ފާހަގަކުރެއްވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެ އެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށް ވިދާޅުވެ ޝީ ވަނީ ދެ ގައުމުން އެކުގައި ގުޅިގެން މުސްތަގުބަލަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާކަން ތަކުރާރު ކުރައްވާފަ އެވެ.
މިފަދަ ސިޓީއެއް ލިބިވަޑައިގަތުމުން ވަރަށް އުފާ ކުރައްވާ ކަމަށް ރައީސް ވަނީ ސަފީރުގެ އަރިހުން ވިދާޅުވެފަ އެވެ. ރައީސް ޝީ ވެސް އުފަންވެވަޑައިގަތީ ޖޫން 15, ގައި ކަމުން އެމަނިކުފާނަށް މަރުހަބާ އާއި އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސް މުއިއްޒު ވެސް ވަނީ ލިޔުއްވާފަ އެވެ.
ސަފީރުއާއެކު ކުރެއްވި މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަ ކުރުމަށާއި ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ އަދި ކުރިއަށް އޮތް ތަނުގައި ސޮއިކުރަން ނިންމާފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައީސް ވާހަކަ ދެއްކެވި އެވެ.
އިގުތިސޯދީ ކުރިއެރުމަށް ޗައިނާގެ ފަރާތުން ރާއްޖެއަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ. އަދި, ދިވެހި ސަރުކާރުން އެހީ ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން ސަފީރު ވާން ލިޖިން ރައީސްގެ އަރިހުން އެއްސެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އުމުރުން 46 އަހަރުގެ ރައީސް މުއިއްޒު އުފަންވެވަޑައިގަތީ ޖޫން 15, 1978 ގައި ވެރިރަށް މާލޭގަ އެވެ. ރައީސް ޝީ އުފަންވެވަޑައިގަތީ އޭގެ 25 އަހަރު ކުރިން ޖޫން 15, 1953 ގައި ޗައިނާގެ ވެރިރަށް ބެއިޖިންގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment