Advertisement

ދީނީ މައުލޫމާތު ވަނީ އިތުރެވެ. ހިލާފުވުން ވަނީ ގިނަ އެވެ. ކީއްވެ؟

އިސްލާމީ މަރުކަޒަށް ނަމާދަށް އަރަނީ. -- ފޮޓޯ: އަދަދު


ދީނީ މައުލޫމާތު ވަނީ އިތުރެވެ. ހިލާފުވުން ވަނީ ގިނަ އެވެ. ކީއްވެ؟

އަހަރެންގެ ދަރިވަރުންނަށް އަހަރެން އެއްފަހަރަކު ބުނީމެވެ. ރަށަކުން އައި ބީރަށްޓެއްސަކު އައިސް ތިޔަ ކުދިން ކައިރީގައި ބުނެފި އެވެ. ތިމަންނާ ވަރަށް އަވަހަށް ފުރަންޖެހެ އެވެ. ލިބިފައިވަނީ އޮތީ އެންމެ ގަޑިއިރެކެވެ. އެގަޑިއިރުގެ ތެރޭގައި އޭނާ ބޭނުންވަނީ އިސްލާމްދީން އުގެނޭށެވެ. ގަޑިއިރެއްގެ ތެރޭގައި ތިޔަ ކުދިންނަށް އެކަން ކުރެވިދާނެ ހެއްޔެވެ؟ އަހަރެންގެ ދަރިވަރުން ބުންޏެވެ. ތިޔައީ ކުރެވޭނެ ކަމެއް ނޫނެވެ. އޭނާއަށް ތައުޙީދާއި ތަޖުވީދާއި ތަފްސީރާއި ހަދީސްއާއި ފިޤުހު އާއި އޭގެ އުސޫލުތައް އުގަންނައިދޭންޖެހެ އެވެ. މިބީދައިން ގޮސް މި ކުދިންގެ ވާހަކަތައް ފަންސާސްއަހަރުގެ ރާސްތާއިން ނޫނީ ކަޑައްތުނުވާނޭ މައްސަލަތަކުގެ ތެރެއަށް ވަދެއްޖެ އެވެ.

އަހަރެން ބުނީމެވެ. ﷲ ގެ ހުސްތާހިރުވަންތަކަމާ އެވެ! ރަށްފުށުން އަންނަ އައުރާބީ މީހާ މާތް ﷲ ގެ ރަސޫލާގެ އަރިހަށް އައިސްފައި، އެންމެ ދުވަހަކު އިތުރު އެކަލޭގެފާނާއެކު ވަގުތު ހޭދަކޮށް ނުވަތަ ބައި ދުވަހު ވަގުތު ހޭދަކޮށް، އިސްލާމްދީން ހިފައިގެން އެނބުރި އޭނާގެ ގައުމަށް، ދީނީ ދައުވަތައިގެން ގޮސްފައި ނުވޭހެއްޔެވެ؟ އަދި އޭނާގެ ގައުމުގައި އޭނާއަކީ ދީނަށް ގޮވާލާ އިލްމުވެރިއަކަށް، ލަފާދާރަކަށް ވެފައި ނުވޭއްހެޔެވެ؟ އިސްލާމްދީނަށް ގޮވާލާ ދާޢީއަކަށް އޭނާ ވެފައި ނުވޭ ހެއްޔެވެ؟ އަދި އެއަށްވުރެ ވެސް އިތުރަށް ބުނަންހެއްޔެވެ؟ ހަމަޔަގީނުން މާތް ނަބިއްޔާ ވަނީ އެންމެ ތިން ޖުމުލައިން މުޅި އިސްލާމްދީން ޝަރަޙަކޮށްދެއްވާފަ އެވެ. މާތް ﷲ ގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް އިންސާނެއްގެ ސޫރައިގައި ވަޑައިގެން، ސުވާލުކުރެއްވި ރިވާޔަތުގަ އެވެ. އެރިވާޔަތުގައި ޖިބްރީލްގެފާނު އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމާއި ބެހޭގޮތުން ސުވާލުކުރުމުން މާތް ނަބިއްޔާ ޖަވާބުދެއްވާފައިވެ އެވެ. މިކަން މިހެން އޮތްއިރު، އެއްގަޑިއިރުގެ ތެރޭގައި އަހަރެމެންނަށް މީހަކަށް އިސްލާމްދީން ޝަރަހަކޮށްނުދެވެންވީ ކީއްވެހެއްޔެވެ؟ ދެންނެވުނު އިބާރާތްތަކަކީ އަޅުގަނޑުގެ އަމިއްލަ އިބާރާތްތަކެއް ނޫނެވެ. އިސްލާމީ މަޝްހޫރު މުފައްކިރެއްކަމުގައިވާ އައްޝައިޚް އަލީ ޠަންޠާވީ އޭނާގެ ފޮތް "އިސްލާމްދީނުގެ އާންމު ތައާރަފެއް" މިފޮތުގައި ލިޔުއްވާފައިވާ އިބާރާތްތަކެއްގެ ތަރުޖަމާއެވެ. އަލީ ޠަންޠާވީއަކީ ގިނަ އަދަދެއްގެ އިސްލާމީ މައުލޫއަށް ފޮތް ލިޔުއްވާފައިވާ އިސްލާމީ މުފައްކިރެކެވެ. ދީނީ އިލްމު ފެތުރުއްވުމާއި އިސްލާމީ ތާރީހާއި އިސްލާމީ ފިކުރީ މައުލޫތަކުގައި އޭނާގެ ޒަމާނުގައި އެފަދަ ދެވަނައެއް ނެތްފަދަ ދެލިހިނގާ ގަލަންކޮޅެއް ގެންގުޅުއްވި ހިދުމަތްތެރިއެކެވެ.

އިޝާރާތްކުރެވުނު "އިސްލާމްދީނުގެ އާންމު ތައާރުފެއް" މިފޮތަކީ އޭނާގެ އިސްލާމީ ހިދުމަތްތެރިކަމުގެ މައްޗަށް އޮތް ވަރުގަދަ ހުއްޖަތެކެވެ. މި ލިޔުމުގެ ފެށުމުގައި ނަކަލުކޮށްފައިވާ އެފޮތުގެ އިބާރާތްތަކުގައި އޭނާ ބަޔާންއެކުރައްވަނީ، އެފޮތް ލިޔުމަށް މެދުވެރިވީ ސަބަބުގެ ވާހަކައެވެ. އާދޭހެވެ! ޝައިޚް އަލީ ޠަންޠާވީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މިޒަމާނުގައި އިސްލާމީ ސްކޫލްތަކާއި ޔުނިވަސިޓީތައް ހެދިފައި ހުންނައިރު، ފަސް އަހަރުން މެނުވީ އިސްލާމްދީން އުގެނެވޭކަމަކަށް ނުވެއެވެ. އަދި މިފަސްއަހަރުން ކިޔަވައިގެން އެނބުރި ގައުމަށް ދާ ގިނަ ބޭފުޅުންވެސް އިސްލާމްދީނަށް ހިދުމަތްކުރާތަން ފެންނަނީ މަދުންނެވެ. އެކަމަކު އިސްލާމީ ތާރީހުން އަހަރެމެންނަށް އެނގޭ ގޮތުގައި، ރަށްފުށުން އަންނަ އައުރާބީއަކު މާތް ނަބިއްޔާއާ އެންމެ ފަހަރަކު ބައްދަލުވެފައި ދެން އޭނާ އެނބުރި ރަށަށް ގޮސް އޭނާއަކީ އިސްލާމްދީނުގެ ދައުވަތު ދޭ މީހެއްކަމުގައި ވެފައިވެ އެވެ. އަދި މުޅި އުމުރު އޭނާ އިސްލާމްކަންމަތީގައި ހޭދަކުރެއެވެ. އެކަމަކު މިޒަމާނުގައި އިސްލާމީ ތައުލީމުދޭ ޔުނިވަސިޓީތަކުން ދިހަ ބާރަ އަހަރު ކިޔެވީމާ ވެސް އެ ނަތީޖާ ނުނުކުންނަނީ ކީއްވެތޯއެވެ؟ އަދި އޭރު މާތް ނަބިއްޔާ އެފަދަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިސްލާމްދީން އުގަންނައިދެނީ ކިހިނަކުންތޯއެވެ؟

ޝައިޚް އަލީ ޠަންޠާވީގެ މިކަންބޮޑުވުމަށް ޙައްލެއް ހޯދޭނެ މަގެއް ފެނޭތޯ އޭނާ ރެޔާ ދުވާލު ވިސްނާފިކުރުކުރެއްވިއެވެ. އަދި އޭގެ ނަތީޖާއަކަށްވެގެންދިޔައީ އޭނާގެ ފޮތް "އިސްލާމްދީނުގެ އާންމު ތައާރަފެއް" މިފޮތެވެ. ދުނިޔޭގެ އަށް ބަހަކަށް ތަރުޖަމާކުރެވިފައިވާ މިފޮތަކީ ކޮންމެ ދިވެއްސަކު ވެސް މިފޮތް ހޯދައިގެން ކިޔާލުން މުހިންމު ފޮތެކެވެ. ދިވެހި ބަހުން ވެސް މިފޮތް ތަރުޖަމާކުރެވިފައިވެއެވެ. އަޅުގަނޑަށް ނޭނގެނީ ލިބެންހުރި ތަނެކެވެ. ފޮތް ދިވެހި ބަހަށް ތަރުޖަމާކުރެއްވީ ދިވެހި އިސްލާމީ މުފައްކިރެއްކަމުގައިވާ އިސްމާޢީލް ނާޖީ އެވެ.

ދަންނަވަންތޯއެވެ! ރާއްޖޭގައި އިސްލާމް މާއްދާ ކިޔަވައިދެވެ އެވެ. އަދި އެއީ ދޫކޮށްނުލެވޭނެހެން އޮތް މަޖުބޫރު މާއްދާއެކެވެ. ގްރޭޑް ބާރަ ނިންމާ އެއްވެސް ދަރިވަރަކު ބާރަ އަހަރުވަންދެން އިސްލާމް މާއްދާ ކިޔާ މާއްދާއަކުން އިސްލާމްދީން ކިޔަވާފައި ނޫނީ ދިވެހިންގެ ތައުލީމީ ނިޒާމުގެ ތެރެއިން ބޭރެއް ނުވާނެއެވެ. އަދި ދަންނަވަންތޯއެވެ! ރާއްޖޭގައި ދިރިއުޅުއްވާ ޝޭޚުންގެ އަދަދު ރާއްޖޭގެ އާބާދީއަށް ބަލާއިރު އިންތިހާއަށް ގިނައެވެ. އަދި އޭގެ ތެރެއިން ގިނަ ޝައިޚުން ސޯޝަލް މީޑިއާއާއި އަދި އެނޫންވެސް ޒަމާނީ ވަސީލަތްތަކުގެ އަލީގައި އިސްލާމްދީނުގެ މައުލޫމާތު ފަތުރަމުން ގެންދަނީ އިންތިހާއަށެވެ.

އެކަމަކު ދީނާ ހިލާފުވާ މިންވަރު ވަނީ އިތުރެވެ. ވައްކަން ވަނީ އިތުރެވެ. ސްކޭމްތައް ވަނީ ގިނަ އެވެ. އޮޅުވާލުންތައް ވަނީ ގިނަ އެވެ. ކުރިޔާ ބަލާއިރު ހުރިހާ ކަމެއް ވަނީ އިތުރަށް ގޯހެވެ. ސަބަބަކީ ކޮބާތޯ އިލްމުވެރިން ވިސްނާންޖެހެ އެވެ. މީގެ ފަންސާހަކަށް އަހަރު ކުރިޔަށް ބައްލަވާށެވެ! އޭރުގެ ދިވެހިންނަކީ ދީނަށް ލޯބިކުރި ދީންވެރި ބައެކެވެ. އާދޭހެވެ! ދީނުގައި އޮންނަ ގޮތް ސާފުވެފައި ނުވާތީ، އިންތިހާއަށް ދިވެހިންގެ ތެރޭގައި ބިދުއަވެރި ބިދުއައިގެ ކަންކަން ހުއްޓެވެ. އެކަމަކު އޭރުގައި އެއްވެސް މީހަކު ދީނާ މެދު ސުވާލު އުފައްދައި، އިސްލާމްދީނަށް އުޅެންޖެހޭ ކަމާމެދު ސުވާލު އުފައްދައި، މިކަންކަމަކީ ކުރަމުންދިޔަ ކަންކަމެއް ނޫނެވެ.

ޒަމާނީ ތަހުޒީބާއި ތަމައްދުނާއެކު، ދުނިޔެ ބަދަލުވެއްޖެއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ދުނިޔޭގެ ކޮންމެ އޮއިވަރެއް ކޮންމެ ވަޔެއް މިއަދު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ބީހެމުންދާކަމެވެ. އިންސާނިއްޔަތު ކުރިއަރާފައިވަނީ މީގެ ފަންސާހަކަށް އަހަރު ކުރީގައި އިންސާނަކު ހިތަށް ނާރާނެ މިންވަރަކަށެވެ. އެކަމަކު އަހަރެމެންގެ ރާއްޖޭގައި އިސްލާމް މާއްދާ ކިޔަވައިދިނުމާއި ދީނީ ދަރުސްދިނުމުގެ ކަންކަމުގެ މައިގަނޑު އަދިވެސް ބިނާކޮށްފައި މިއޮތީ، މީގެ ފަންސާހަކަށް އަހަރު ކުރީގައި ވެސް އެންމެ އިސްކަމެއް ދިން ކަންތަކުގެ މައްޗަށެވެ. ކަންކަމުގެ ހަރާން ހަލާލް ބަޔާންކޮށްދިނުމުގެ މައްޗަށެވެ.

ޒަމާނުގެ ތަރައްގީއާއެކު، ގިނަ ޒުވާނުންނަށް އިނގިރޭސި ބަސް އެނގެއެވެ. ފަރިތަކަމާއެކު އެބަސް ނޭނގޭ މީހާއަށް ކޮންމެވެސް އެހެން ބޭރު ބަހެއް އެނގެއެވެ. އިސްލާމްދީނުގެ އަޙްކާމްތައް، އެކި ފިޤުހީ މަޒުހަބުތަކުގެ ތަފާތު ރައުޔުތަކާއެކު ތަފުސީލުކުރެވިފައިވާ އޮންލައިން އެތައް ވެބްސައިޓްތަކެއް އެބަހުއްޓެވެ. އެނގެން ބޭނުން ދިވެއްސަކަށް އިސްލާމްދީނުގައި ކަން އޮތް ގޮތް އެނގޭނެ އެތައް މަގެއް މިއަދު ހުޅުވިފައިވެއެވެ. އާއެކެވެ. މީގެ ކުރިން ދިވެއްސަކަށް ނަމަ އޮތީ ބޮޑު ތަރުތީބާއި ތަޢުލީމުއްދިޔާނާއެވެ. އެވެސް އޮންނަނީ މަދު މީހެއްގެ އަތުގައެވެ. އެކަމަކު މިހާރު ޒަމާން ބަދަލުވެއްޖެއެވެ. ކަން އޮތް ގޮތް ދެނެގަނެވޭނެ އެތައް ވަސީލަތެކެވެ. ދެންނެވޭތޯ މިބަލަނީ، އޭރު އެޒަމާނުގައި ދިވެއްސަކު ދީނާ ހިލާފު ކަމެއް ކުރަނީ ދީނުގައި ކަންއޮތްގޮތް ނޭނގޭތީއެވެ. މިޒަމާނުގައި ދީނާ ހިލާފަށް ކަމެއް ކުރާނަމަ ކުރަނީ ދީނުގައި އޮތްގޮތް ބަލަން ބޭނުންނުވާތީއެވެ. ދީނުގެ މުހިންމުކަން ގަބޫލުނުކުރާތީއެވެ. "ލާދީނީ" ކަމުންނެވެ. މިކަމުގެ ފަރުވާއަކީ، އަނެއްކާ ވެސް ދީނުގައި އޮތްގޮތް ބުނެދިނުމެއް ނޫނެވެ.

އާދޭހެވެ! އަހަރެމެން އިސްލާމް މާއްދާ ކިޔަވައިދޭ ގޮތް ބަދަލުކުރާންވެއްޖެއެވެ. އެކި މިސްކިތްތަކުގައި ދެވޭ ދީނީ ދަރުސްތައް ދީނުގައި ކަންއޮތްގޮތް ބަޔާންކުރުމުގެ ބަދަލުގައި، ދީނުގެ މުހިންމުކަމާއި ދީނަށް އުޅެންޖެހެނީ ކީއްވެކަން ވިސްނައިދިނުމުގެ އަސާސްގެ މައްޗަށް ބަދަލުކުރާންޖެހެއެވެ. ދުނިޔެ ބަދަލުވެއްޖެއެވެ. ބަދަލުވެފައިވާ ދުނިޔޭގައި ދީނުގައި ކަންއޮތްގޮތް އެންމެންނަށް ވެސް އެނގެއެވެ. އެގޮތް ނުހަދަނީ ދީނުގެ މުހިންމުކަން ނުވަތަ ދީނަށް އުޅެންޖެހެނީ ކީއްވެކަން އެ ޒުވާނާއަށް ނޭނގޭތީއެވެ. ނުވަތަ ނުވިސްނޭތީއެވެ. ދީނަށް ދައުވަތުދޭ މީހުންގެ ހައިސިއްޔަތުން އަހަރެމެންގެ އަމަލުތައް ބައްޓަންވާންވާނީ އޭނާގެ އެ ވިސްނުން ބަދަލުކުރެވޭނެ ގޮތްތަކެއްގެ މައްޗަށެވެ. ދީނުގެ ނަމުގައި އަހަރެމެން ދޭ ފަތުވާތަކެއްގެ ސަބަބުން އެމީހުން ދީނަށް ކުރަމުންދާ ނަފުރަތު އިތުރަށް ބޮޑުވާނެ ގޮތެއްގެ މައްޗަކަށް ނޫނެވެ.

މީގެ ދެ ހަފުތާއެއް ވަރުކުރިން، އަޅުގަނޑު ލިޔުނު މަޒުމޫނެއްގައި، ކީރިތި ޤުރުއާނުގެ އާޔަތެއް އަޅުގަނޑު މާނަކޮށްފައިވާ ގޮތުން ވަރަށް ގިނަ ލޮބުވެތި އަޚުން އަޅުގަނޑަށް މެސެޖްކުރިއެވެ. އެއީ އެ އާޔަތުގައި އޮތް "ޔަދު ﷲ" މި ޖުމުލަ "ﷲ ގެ ޔަދު ގުދުރަތް" މިގޮތަށް ތަރުޖަމާކުރުމުންނެވެ. ގިނަ އަޚުންގެ ބަހުސް ގޮސް ހުއްޓުނީ "ޢިލްމުލްކަލާމް" އާއި އިސްލާމީ ފަލްސަފާގެ ބޮޑެތި ފޮތްތަކުގައި ހުރި ބަހުސްތަކުގެ ތެރެއަށެވެ. އޭގެ ފަހުން އަޅުގަނޑު ލިޔުނު ލިޔުމެއްގައި، އެ ޖުމުލައިގެ ލަފުޒީ މާނަ އޮތްގޮތަށް "ﷲ ގެ އަތްޕުޅު" މިގޮތަށް ވެސް ލިޔެފައިވާނެއެވެ. އަޅުގަނޑަށް ވެސް އެނގެއެވެ. އެއީ ތައުޙީދުގެ ޢިލްމުވެރިން ބަހުސްކުރައްވާފައި ހުރި ކަންކަމެވެ. ތަންކޮޅެއް ބާރަށް އެކަމުގައި ހިއްޕަވާ ބޭކަލުން "ޔަދުﷲ" މާނަކުރާ ގޮތެއްގެ މައްޗަށް މީހާގެ އަގީދާ ފާސިދުވެއްޖެކަމުގައި ވެސް ބައްލަވައެވެ.

އެކަމަކު ދަންނަވަންތޯއެވެ! އަޅުގަނޑަށް މުހިންމީ ޔަދުﷲ ގެ މާނަ އަހަރެމެން ގަބޫލުކުރާ ގޮތަށް ގަބޫލުކުރާ ޖީލެއްގެ ކުރިން ﷲ އަށް އީމާންވާ ޖީލެއް ބިނާކުރުމެވެ. އަޅުގަނޑަށް ދިވެހި ޒުވާނުން އެބަފެނެއެވެ. ދުނިޔެ ބަދަލުވަމުންދާ ގޮތް އެބަ ފެނެއެވެ. މިއަދުގެ ތަރައްގީ އޮތް ހިސާބަށް ބަލާއިރު ދީނުގައި ކަންއޮތްގޮތް އޮޅުންފިލުވުމަށް ހުރި މަގުތައް ތަނަވަހެވެ. ފުޅަލެވެ. ނެތީ ދީނާ ދިމާއަށް ގެންދާނެ ބާރެވެ.

ރާއްޖޭގެ ސްކޫލްތަކުގައި، އިސްލާމް މާއްދާ ކިޔަވައިދެމުން ގެންދަނީ ރަނގަޅަށް ކަމުގައިވާނަމަ، މިހާރު ދިވެހިންގެ ތެރެއިން މިފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް މިގޮތަކަށް އޮންނާނެ ކަމުގައި އަޅުގަނޑަށް ހާދަ ހީނުވެއެވެ. އަދި ރާއްޖޭގައި ދީނީ ދައުވަތު ދެވެމުންދަނީ ރަނގަޅަށް ނަމަ މިއަށްވުރެ އަހަރެމެންގެ ހާލަތު ރަނގަޅުވާނެއެވެ. އިސްލާމް މާއްދާ ކިޔަވައިދިނުމާއި އެމާއްދާ ލާޒިމުކޮށްފައި އޮތުމާއި، މިސްކިތްތަކުގައި ދީނީ ދަރުސްދިނުމާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ދީނީ މައުލޫމާތު އާންމުކުރުން ފުޅާކޮށްފައި މިއޮތް އޮތުމަކީ އަޅުގަނޑު އިންތިހާއަށް އުފާވާ ތާއީދުކުރާ ކަންކަމެވެ.

އެކަމަކު މަދުވަނީ ކޮން އެއްޗެއްތޯ ވިސްނާފިކުރު ނުކުރަނީނަމަ، އަންނާން އޮތް މުސީބާތުގެ ބޮޑުކަމާއެވެ! އެއްޗެއް އެބަ މަދުވެއެވެ. އެކަން ޔަގީންކުރަން ބޭނުންނަމަ އަޅުގަނޑު ތައާރަފުކޮށް އެރުވި، ޝައިޚް އަލީ ޠަންޠާވީގެ ފޮތް "އިސްލާމްދީނުގެ އާންމު ތައާރަފެއް" މިފޮތް ވިދާޅުވާށެވެ. އަދި އަހަރެމެންގެ ދީނީ ދައުވަތުން އުނިވާ ކަންތައް ފޫބައްދަން ބޭނުންނަމަ، މިފަދަ ފޮތްތައް ކިޔަވައިދެއްވާށެވެ! ދަރުސްތަކުގައި ޝަރަޙަކޮށްދެއްވާށެވެ! ބާރަ އަހަރުން ކިޔަވައިދޭ އިސްލާމް މާއްދާއަށްވުރެ 192 ދެ ސަފުހާގެ މިފޮތުން، ދިވެހި ޒުވާނުން އިސްލާމްދީނާ ކައިރިކުރާނެ މިންވަރު އިތުރުކަން އަޅުގަނޑަށް ގައިމުވެފައި ޔަގީނެވެ.