Advertisement

ނައީމާ މަރާލީ ސިހުރުގެ ތުހުމަތު އަޅުވައި އެ ރުޅީގައި ބަދަލު ހިފަން ވެގެން: ފުލުހުން

13 ޖޫން 2024 - 15:41 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނައީމާ އަދި މަރުގެ ތުހުމަތު ކުރެވޭ މީހުނާ އޮތް ގުޅުމާއި މަރުގެ މަގުސަދު ދައްކުވައިދީފައި - އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ނައީމާ މަރާލީ ސިހުރުގެ ތުހުމަތު އަޅުވައި އެ ރުޅީގައި ބަދަލު ހިފަން ވެގެން: ފުލުހުން

13 ޖޫން 2024 - 15:41 0

މިދިޔަ އަހަރު އޭޕްރީލް 7، ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލީ ރަށު ތެރޭގައި ދެކެވޭ ވާހަކަތަކުގައި ޖެހި އޭނާގެ ބޮލުގައި ސިހުރުގެ ތުހުމަތު އަޅުވައި އެ ރުޅީގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި ނައީމާ މަރާލި މަގުސަދަކީ ސިހުރުގެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވައި އެ ކަމުގެ ބަދަލު ހިފުން ކަމަށެވެ.

ނަމަވެސް މިހާތަނަށް ފުލުހުން ކުރި ތަހުގީގުގައި ނައީމާއަކީ އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވާ މީހެއް ކަން އެނގޭނެ ހަރުދަނާ ހެއްކެއް އަދި ގަރީނާއެއް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ހަމައެކަނި ރަށު ތެރޭގައި ބައެއް މީހުން ބުނާ ބުނުމުގެ އިތުރަށް އިތުރު އެއްވެސް ހަރުދަނާ ހެއްކެއް އޮތް ކަމެއްގެ ގޮތުގައި، ފުލުހުން މިހާތަނަށް ބެލި ބެލުމަކުން އެނގިފައެއް ނެތް،" ސާމިހު ވިދާޅުވި އެވެ.

މި މައްސަލާގައި އެ ރަށު ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. އެއީ؛

  • ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު
  • ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު
  • ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް

އި އެ ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އަހުޒަމް އަބްދުލްޝަކޫރު ހައްޔަރުކޮށްފައި ހުއްޓައި އޭނާ މަރުގެ މައްސަލައިގައި އެއްބަސްވެ ތަހުގީގަށް މައުލޫމާތު ދީފަ އެވެ. ފަވާޒު އާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

ކުރިން ކުށަށް އިއުތިރާފުވި ނަމަވެސް އަޒުހަމް ހިމެނޭހެން ތިން މީހުން ވެސް ފުރަތަމަ އަޑުއެހުމަށް ހާޒިރުވީ ގާނޫނީ ވަކީލުންނާ އެކު އެވެ. ދިފާއަށް ލިޔެކިޔުންތައް އެ ދުވަހު ފުރިހަމައަށް ލިބިފައި ނުވާތީ، އަދި މިހާތަނަށް ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީ ވުމުގެ ބައި އަދި ފެށިފައެއް ނުވެ އެވެ.

ނައީމާ މަރުވި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.