Advertisement

"ފުނެއް، އިމެއް ނޭނގޭ" ވަގު ވެހިކަލް ވިއްކުމުގެ ބޮޑު ނެޓްވޯކެއް، އެކަކުގެ ނަން މަތީގައި 100 ވެހިކަލް

13 ޖޫން 2024 - 15:03 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


"ފުނެއް، އިމެއް ނޭނގޭ" ވަގު ވެހިކަލް ވިއްކުމުގެ ބޮޑު ނެޓްވޯކެއް، އެކަކުގެ ނަން މަތީގައި 100 ވެހިކަލް

13 ޖޫން 2024 - 15:03 3

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ހުއްދައަކާ އެކު މެނުވީ ނުވަދެވޭ ސަރަހެއްދައްގައި އޮއްވައި ވަގަށް ގެންދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ހޯދައި ބެލިބެލުމުން އެކަމުގެ ފަހަތުގައި ވަގު ވެހިކަލް ވިއްކުމުގެ ބޮޑު ނެޓްވޯކެއް އޮތް ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އެ މައްސަލައިގައި ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓް އަދި އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މުހައްމަދު ހައިޝަމް, 42, މ. ސީނިއަސުރުމާގެ އެވެ.

އިސްކަންދަރު ކޮށީގައި މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ އެ ވެހިކަލް އެއާޕޯޓު ޕާކިންއިން ނެގުމަށް ފަހު ދުއްވާފައި ހުޅުމާލެ ގެންގޮސް ނަންބަރު ޕްލޭޓު ބަދަލުކޮށް އަނބުރާ މާލެ ގެނައި ކަމަށެވެ. އެ ވެހިކަލް އެތަނުން ނެގި ކަމަށް ބެލެވެނީ ހައިޝަމް އެވެ.

އެރޭ ދަންވަރު އެ ވެހިކަލް ގެނެސް ވެއްދީ ހ. އީރަމްގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖަކަށް ކަމަށާއި އެއީ ކުއްޔަށް ދޫކޮށްފައި ހުރި ގަރާޖެއް ކަމަށް ފުލުހުން ހާމަކުރި އެވެ. އެއީ ނާޒިމްގެ ގަރާޖެކެވެ.

އޭނާގެ ހާޒިރުގައި ގަރާޖު ބެލިއިރު އެ ވޭނާއި އިމިގްރޭޝަނުން ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފުރޮޅުލީ ވެހިކަލެއް ވެސް ފެނުނު ކަމަށް މާލެ އޭރިއާ-2 ގެ ކޮމާންޑަރުކަން ވެސް ކުރައްވާ ދާވޫދު ވިދާޅުވި އެވެ.

"100 ވެހިކަލް މި ދެންނެވި ގަރާޖު ހިންގާ ފަރާތުގެ ނަމުގައި, އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލެއް ރަޖިސްޓްރީކޮށްފައި އޮތްކަން. 86 ވެހިކަލް ބަހާލާފައިވަނީ ނިޒާމްގެ އަނބިކަނބަލުންގެ ނަމުގައި 42 ވެހިކަލެއް, ބާކީ ވެހިކަލް އޭނާގެ ނަމުގައި," ފުލުހުން މިއަދު ހާމަކުރި އެވެ.

"ގެންދާ ބޮޑެތި ވެހިކަލްތައް, އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށް އޭގެ އިންޖީނު ނަންބަރާއި ޗޭސިސް ނަންބަރު ކަހާލުމަށް ފަހު ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ދިޔައީ ކުރަމުން."

އޭގެ ތެރެއިން ވަގަށް ގެންގޮސްފައިވަނީ ކިހާ އަދަދެއްގެ ވެހިކަލެއްކަން ދަންނަވަން އެނގޭނީ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް ފުލުހުން ބުނެފިވެ އެވެ.

"ކޮންމެ ވެހިކަލެއް ގެނައި ނަމަވެސް އޭގެ އަސްލު މި އޮންނަނީ އޮޅުވާލާފައި. ޗޭސިސް ނަންބަރު މިއޮންނަނީ ބަދަލުކޮށްފައި, އިންޖީނު ނަންބަރު މިހުންނަނީ ބަދަލުކޮށްފައި. ދެން މި ހަދަނީ ވަގު ރަޖިސްޓްރީއެއް," އެކަމުގެ ސަބަބުން ވެހިކަލްތައް ދެނެގަންނަން އުނދަގޫތަކެއް ހުރިކަން ހާމަކުރައްވަމުން ދާވޫދު ވިދާޅުވި އެވެ.

އެ ވެހިކަލްތަކަށް ބޭނުންވާ ގަރާޖު ސިޓީ އޮންނަން ވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީ މެދުވެރިކޮށް ބެލިބެލުމުން އިތުރު ކަންކަން ހޯދިފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރި އެވެ.

"ވެހިކަލްތަކުގެ ރެޖިސްޓްރީ ޓްރާންސްޕޯޓު މެދުވެރިކޮށް 2023 ގެ ކުރީގައި, 2025, 2026, 2027, ބައްދަލުނުކުރާ އަހަރުތަކުގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކޮށް ރެޖިސްޓްރީ އިޝޫކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވޭ," ދާވޫދު ވިދާޅުވި އެވެ.

މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށާއި ޓްރާންސްޕޯޓު މިނިސްޓްރީން އެކަމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ލިބެމުންދާ ކަމަށް ވެސް ފުލުހުން މިއަދު ހާމަކުރި އެވެ.

ނިޒާމްގެ މައްސަލަ ޕީޖީއަށް ފޮނުވި ނަމަވެސް މި މައްސަލައިގެ "ބޮޑުކަމާއި, ފުންކަމާއި, އިންތައް ނޭނގޭތީ" ޓްރާންސްޕޯޓު ތެރެއިން ޖަރީމާ ހިންގުމުގައި ތިބި މީހުން ހޯދައި ފިޔަވަޅު އަޅަން ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

"ހަމަ ޔަގީނުން ވެސް ސިސްޓަމް ތެރެއިން މިކަން ކުރި މީހުން ހޯދުމަށްޓަކައި ތަހުގީގު ހިނގަމުންދާތީ އެ ތަނުން ބަޔަކު ވަކިކުރި ކަމެއް ނުކުރާ ކަމެއް އެނގިފައި ނެތް."

މީގެ ކުރިން ވެސް އެއާޕޯޓުން ތަކެތި ގެއްލޭ މައްސަލަ އާއި އެއާޕޯޓުގެ ސެކިއުރިޓީގައި ބޮޑެތި ބާގަނޑުތަކެއް ހުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ފުލުހުން ވަނީ އެއާޕޯޓުގެ މުހިންމު ތަންތަނުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް ވެސް ބުނެފަ އެވެ.