Advertisement

800 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލުމުގައި ފަސޫހާ އަށް ހުއްޓުމެއް ނެތް

13 ޖޫން 2024 - 10:20 0

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ފަސޫހާ ދުވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


800 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލުމުގައި ފަސޫހާ އަށް ހުއްޓުމެއް ނެތް

13 ޖޫން 2024 - 10:20 0

ރާއްޖޭގެ އަންހެނުންގެ 800 މީޓަރު ދުވުމުގެ ރެކޯޑް، ފަސޫހާ އަހުމަދު އަނެއްކާ ވެސް މުގުރާލައިފި އެވެ.

މިއީ ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ފަސޫހާ މި ރެކޯޑް މުގުރާލި ފަސް ވަނަ ފަހަރެވެ.

އެންމެ ފަހުން ފަސޫހާ މި ރެކޯޑް ހެދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ގައުމީ ގްރޯން ޕްރީގަ އެވެ. އެ މުބާރާތުގައި، ދެ މިނިޓް، 19.73 ސިކުންތުން ދުވެގެން ފަސޫހާ ހެދި ރެކޯޑް މުގުރާލީ، އިންޑިއާގެ ކަރްނާޓަކާގައި ބޭއްވި އެ ގައުމުގެ ގްރޯން ޕްރީ ތިނެއްގަ އެވެ.

ފަސޫހާ، މި ފަހަރު ރެކޯޑް ހެދީ، އިންޑިއަން ގްރޯން ޕްރީގެ 800 މީޓަރު ދުވުމުގެ އިވެންޓް، ދެ މިނިޓް 14.53 ސިކުންތުން ދުވެގެންނެވެ.

މީގެ ކުރިން، މިދިޔަ އަހަރުގެ ޖޫން މަހު ފަސޫހާ ވަނީ، 800 މީޓަރު ދުވުމުގައި، ދެ މިނިޓް 27.92 ސިކުންތުން ދުވެ 13 އަހަރުވީ ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. އެ އަށް ފަހު، މިދިޔަ އަހަރު ޖުލައި މަހު ކުރިއަށްދިޔަ ގައުމީ ޓީމްގެ ޓައިމް ޓްރަޔަލްގައި އޭނާ ވަނީ ދެ މިނެޓު 21.83 ސިކުންތުން ދުވެ ގައުމީ ރެކޯޑު އާކޮށްފަ އެވެ. އަދި އެ އަށް ފަހު، ސެޕްޓެމްބަރު މަހު، ޗައިނާގެ ހަންޒޫގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ދުވެ ފަސޫހާ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އަނެއްކާ ވެސް އާކުރީ ދެ މިނެޓު 20.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެންމެ ފަހުން، ޑިސެމްބަރު މަހު ގައުމީ ގްރޯން ޕްރީގައި އަނެއްކާ ވެސް އެ އިވެންޓުން ގައުމީ ރެކޯޑް އާ ކުރީ ދެ މިނިޓް 19.73 ގެ ޓައިމިން އަކާ އެކު އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި ގްރޯން ޕްރީ އާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ފަސޫހާ އަކީ މި ފަހުން އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދަމުން އަންނަ އެއް އެތުލީޓެވެ.

ފަސޫހާ ވަނީ މި މަހު 27-30 އަށް އިންޑިއާގެ 63 ވަނަ އިންޓަސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިފަ އެވެ. ފަސޫހާގެ އިތުރުން ދެން ހިމެނެނީ، ހުސެއިން ރިޒާ (ކުޑަރިޒާ)، ހުސެއިން ޒީކް ސުއާދު، ހައްވާ މުޒްނާ ފާއިޒް، އާދަމް ރިއްފަތު އަދި އައިޝަތު ނަ އަދު އައްސަދު ވަޖުދީ އެވެ.