12 ޖޫން 2024 - 15:20 0
ލީވާން އަލީ ނާސިރު
މަސްވެރިން ކުރަމުންދާ މުޒާހަރާ: މަސްވެރިން އެދެނީ މިނިސްޓަރު އެމީހުންނާ ބައްދަލުކުރެއްވުމަށް -- ފޮޓޯ: މިރާން ނާޝިމް / އަދަދު
12 ޖޫން 2024 - 15:20 0
ލޭނު އެޅުމަށް ހުއްދަ ދިނުމާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ މަސްވެރިން ބޭނުންވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައްދަލު ކުރަން ކަމަށް މަސްވެރިން މިއަދު ބުނެފި އެވެ.
ހުޅުމާލެ ކަންނެލި ޖެޓީގައި ގާތްގަނޑަކަށް 35 މަސް ދޯނި ދަނީ މުޒާހަރާ ކުރަމުންނެވެ. މަސްވެރިން އަންނަނީ ސަރުކާރަށް ޑިމާންޑުތައް ހުށަހަޅަމުންނެވެ. އެގޮތުން ލޭނު އެޅުމަށް ހުއްދަ ދިނުމުގެ މަޝްވަރާތައް ހުއްޓާލައި، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް މިނިސްޓަރު އެތަނަށް ވަޑައިގަތުމަށް މަސްވެރިން ދަނީ ގޮވާލަމުންނެވެ.
މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ހުރެ ބޮޑު ކަންނެލި ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިނިސްޓަރަށް ގޮވާލަނީ އިހުތިޖާޖު އޮތް ތަނަށް ވަޑައިގެން މަސްވެރިންނާ މަޝްވަރާ ކުރުމަށް ކަމަށެވެ.
ސަރުކާރުން މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެއްވެސް ވައުދެއް ނުފުއްދާ ހާލު، ލޭނު އެޅުމަށް ބޭރުގެ ކުންފުނިތަކަށް ސަރުކާރުން ހުއްދަ ދޭން އުޅުން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށެވެ.
މަސްވެރިން ކުރަމުންދާ އިހުތިޖާޖު: މަސްވެރިން އެދެނީ މިނިސްޓަރު އެމީހުންނާ ބައްދަލުކުރެއްވުމަށް -- ފޮޓޯ: މިރާން ނާޝިމް / އަދަދު
"މި ސަރުކާރުން ވެރިކަމަށް އައި އިރު ވައުދުވި މިފްކޯއަށް ބޮޑު ކަންނެލި ކިރަން ފަށާނަމޭ. އެ ވައުދުވެސް ނުފުއްދާ. ސަރުކާރަށް ލޭނު އެޅުމުގެ ކަންތަކާ މަޝްވަރާ ކުރެވޭނީ އަޅުގަނޑުމެންނަށް ވީ ވައުދުތައް ފުއްދާފައި،" ނަޝީދު ބުންޏެވެ.
މީގެއިތުރުން މަސްވެރިކަމުގައި 39 އަހަރު ހޭދަކޮށްފައިވާ އަންވަރު އަބްދުﷲ ބުނީ ލޭނު އެޅުމުގެ ހުއްދަ ބޭރުގެ ކުންފުނިތަކަށް ސަރުކާރުން ދީފިނަމަ، ބޮޑު ކަންނެލިއަށް މިހާރު އޮތް ޑިމާންޑު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށާއި ބޮޑު ކަންނެލި މަސްވެރިން ވަރަށް ބޮޑަށް ނިކަމެތި ވެސް ވާނެ ކަމަށެވެ.
"ސަރުކާރުން އެބަ ޖެހޭ މިކަމާ ގުޅޭ ރަނގަޅު ދިރާސާއެއް ވެސް ފުރަތަމަ ހަދަން. އަޅުގަނޑުމެން ބާނާ މަހަށް ހަމައަގު ނުލިބި ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމައިފިނަމަ ވަރަށް ގެއްލުންވާނެ،" އަންވަރު ބުންޏެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން އަލުން ފަށަން މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދޭ ކޯޓާގެ ދަށުން ރާއްޖެއަށް ކަނޑައަޅާ ކޯޓާ ހަމަކުރަން ކަމަށް ބުނެ އެވެ.
ރާއްޖޭގެ ކަނޑުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރީން ދަނީ ބޮޑު ކަންނެލި ޔޫނިއަންގެ އިތުރުން ވެސް ކަމާގުޅުންހުރި އެހެން ފަރާތްތަކާ ބައްދަލު ކުރަމުންނެވެ. އެކަމުގައި ގޮތެއް ނިންމާނީ ހުރިހާ އެންމެންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެ އެވެ.
މަސްވެރިންނަށް މިފްކޯ އިން ދޭން ޖެހޭ ފައިސާ ނުދޭތީ މަޑަވެލީގައި ވެސް މިއަދު އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެ ރަށުގެ މަސްވެރިން ބުނާ ގޮތުގައި ރޯދަ މަހަށް ފަހު އަދި މަސްވެރިންނަށް ފައިސާ ދީފައެއް ނުވެ އެވެ.
Comment