12 ޖޫން 2024 - 14:44 0
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: މަސްވެރިންގެ އަޑު ސަރުކާރުން އަހައި، ދޭން ޖެހޭ ފައިސާ ދޫކުރުމަށް ގޮވާލެއްވި -- ފޮޓޯ: އެމްޑީޕީ
12 ޖޫން 2024 - 14:44 0
މަސްވެެރިންގެ އަޑު ސަރުކާރުން އަހައި، ފައިސާ ދޫކުރަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.
ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހުތިޖާޖުގެ އަޑު ސަރުކާރު އަހައި، މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށްގޮވާލާ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހުގެ ތެރޭގައި ފައިސާ ޖަމާ ކުރާނެ ކަމަށް ބުނެކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މަސްވެރިން ދަނީ އެ ވައުދު ތަކުރާރުކޮށް ސަރުކާރަށް ހަނދާން ކޮށްދެމުން ކަމަށެވެ.
"މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރިކަމަށް ދަނީ ބުނަމުން،" ޝާހިދު ބުންޏެވެ.
މިވަގުތު އިތުރު އިންތިހާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ހައްގަކަށްވާތީ ސަރުކާރުން އެ ހައްގު ވަގުތުން އަދާކުރުމަށް ވެސް ޝާހިދު ގޮވާލެއްވި އެވެ.
މަސްވެރިން އަންނަނީ ހުޅުމާލޭ ކަންނެލި ޖެޓީގެ އިތުރުން ގދ. މަޑަވެލީގައި އިހުތިޖާޖު ކުރަމުންނެވެ. ހުޅުމާލޭގައި އިހުތިޖާޖު ކުރަމުން އަންނަނީ ލޭނު އެޅުމަށް ސަރުކާރުން މަޝްވަރާ ކުރާތީ އެކަމާ ދެކޮޅަށެވެ. އަދި މަޑަވެލީގައި އިހުތިޖާޖު ކުރަމުން އަންނަނީ ކިރުވި މަހަށް ފައިސާ ނުދޭތީ އެވެ.
Comment