Advertisement

ސަދާގެ މަރު: ކޯޓުން ބޭރުން ސުލްހަވުމުގެ ފުރުސަތު ދައުލަތުން ދޫކޮށްލައިފި

12 ޖޫން 2024 - 11:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފުވައްމުލަކުގައި މަރުވި އުމުރުން ހަ އަހަރުގެ ސަދާ-


ސަދާގެ މަރު: ކޯޓުން ބޭރުން ސުލްހަވުމުގެ ފުރުސަތު ދައުލަތުން ދޫކޮށްލައިފި

12 ޖޫން 2024 - 11:55 0

މީގެ ދެ އަހަރާއި ހަތް މަސް ކުރިން، ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންގެ އިހުމާލުން އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ ނިޔާވި މައްސަލާގައި މަދަނީ ބަދަލު ހޯދުމަށް އެދޭ މައްސަލަ ކޯޓުން ބޭރުން ސުލްހަކުރަން ދިން ފުރުސަތު ދައުލަތުން ދޫކޮށްލައިފި އެވެ.

ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން ސަދާ މަރުވެފައި އޮތް ކަން ފެންނަން އޮތުމުން އެ ކަމުގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް އާއިލާއަށް އެޗްއާރުސީއެމުން އެންގި އެވެ. މަދަނީ ބަދަލު ހޯދުމުގެ މައްސަލައެއް އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅީ އެ ހައްގު ބޭނުންކޮށްގެނެވެ.

ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު އިބްތިދާއީ އަޑުއެހުމެއް ބޭއްވި އެވެ. އިބްތިދާއީ އަޑުއެހުމުގެ ބޭނުމަކީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން ދެ ފަރާތުން ބޭނުންވޭތޯ ނުވަތަ ނޫންތޯ ސާފު ކުރުމަށް އަދި އެ މަޝްވަރާއަށް ފުރުސަތު ދިނުމެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތް ތަމްސީލްކުރާ އެޓާނީ ޖެނެރަލް އޮފީހުން ބައިވެރިވި ވަކީލުން އެދުނީ އޮފީހުގެ ވެރިން ނުވަތަ އެ ވަކީލުންގެ ސުޕަވައިޒަރުންނާ މަޝްވަރާ ކުރުމަށް ފުރުސަތެއް ދިނުމަށެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދާ ދައުލަތަށް ދެ ދުވަހުގެ ފުރުސަތެއް ދެއްވި އެވެ.

އެ މުއްދަތު ހަމަވެގެން މިއަދު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލް އޮފީހުން ބައިވެރިވި ވަކީލު މުހައްމަދު ސުދައިސް ވިދާޅުވީ ދައުލަތުން ބޭނުންވަނީ ޝަރީއަތުގެ މަރުހަލާއިން ގޮތެއް ނިންމުމަށެވެ. ކޯޓުން ބޭރުން ސުލްހަވުމުގެ ފުރުސަތު ދޫކޮށްލުމަށް ދައުލަތުން ބޭނުންވާތީ ދައުވާގެ ދިފާއުތައް ހުށަހަޅާފައިވާނެ ކަމަށެވެ.

އެހެންކަމުން އެންމެ ބޮޑެތި މައްސަލަތައް ހިމެނޭ ޓްރެކްގައި މައްސަލަ ހިމެނުމަށް ފަހު ޝަރީއަތް ފެށުމަށް ގާޒީ ނިންމެވި އެވެ. ޝަރީއަތް ގެންދާނެ ގޮތުގެ އިރުޝާދާއި ތާވަލު މިއަދުގެ ވަގުތެއްގައި ހަސްމުންނަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސައުދާގެ އާއިލާ ތަމްސީލްކުރައްވާ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ ކޯޓުން ބޭރުން ސުލްހަވާން އެދެނީ ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމަށް ދައުލަތުން ގަބޫލުކޮށް އެ ގޮތުގެ މަތިން މަޝްވަރާ ކުރުމަށް ކަމަށެވެ.

މީގެ ކުރިން ދައުލަތުން މަސައްކަތް ކުރީ ކޯޓުން މައްސަލަ ބޭރުކޮށްލުމަށެވެ. އީ އެ މައްސަލަ ހުށަހެޅީ މާ ލަހުން ކަމަށް ބުނެ އަދި ނުބައި ފޯމެއް މެދުވެރިކޮށް ކަމަށް ބުނެ އެވެ.

މައްސަލަ ހުށަހެޅީ ނުބައި ފޯމަކުން ކަމަށް ބުނެ ދައުލަތުން ދެއްކި ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމި އެވެ. އަދި އެފަދަ މައްސަލައެއް ހިނގާތާ 10 އަހަރު ދުވަހުގެ ތެރޭގައި ދައުވާ ކުރަން މަދަނީ އިޖުރާއަތުގައި ބަޔާންކޮށްފައިވާ ކަން ފާހަގަ ކުރި އެވެ.

މައްސަލައިގެ ފަސްފަހަތް:

މުހައްމަދު ޖަލާލުއްދީން ސްކޫލްގެ އެލްކޭޖީގައި ކިޔަމުން އައި ސަދާ ނިޔާވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޮކްޓޯބަރު 3، 2021 ގަ އެވެ. އާއިލާއިން އޭރު ތުހުމަތުކުރީ ސަދާގެ ގަޔަށް ހޮސްޕިޓަލުން އޮޅިގެން ނުބައި އިންޖެކްޝަނެއް ޖެހީ ކަމަށެވެ.

އެޗްއާރުސީއެމްއަށް މައްސަލަ ތަހުގީގު ކުރަން ހުށަހެޅީ އާއިލާގެ ފަރާތުންނެވެ. ސަދާގެ ބައްޕަ ސައުދުﷲ ހަސަނަށް އެ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މެޑިކަލް ކައުންސިލަށް މައްސަލަ ދިއުމުން، އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެޗްއާރުސީއެމްގެ ސިޓީ ފުލުހުންނަށް ލިބުމުން، މައްސަލައިގެ ތަހުގީގު ފުލުހުން ކުރުމަށް ފަހު ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަން ފުލުހުން މައުލޫމާތު ދިން ކަމަށް ވެސް ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން ވެސް ވަނީ ކުއްޖާގެ ކުރީގެ މެޑިކަލް ހިސްޓްރީ ޑޮކްޓަރުން ރަނގަޅަށް ބަލާފައި ނެތް ކަން ފާހަގަ ކޮށްފަ އެވެ. ކުއްޖާ އޮތް ހާލަތުގައި ވަގުތުން ފަރުވާ ދޭން ޖެހޭ އިރު ވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރި ކަން ވެސް އެ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ ސިއްހީ ކަންކަން ރަނގަޅުކުރުމަށް މިފަދައިން ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ބަލާ ސިއްހީ ހިދުމަތް ދޭ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް އަބަދުވެސް ކުރާނެ ކަމަށާއި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.