12 ޖޫން 2024 - 11:10 0
ލީވާން އަލީ ނާސިރު
ލޭނު އެޅުމާ ދެކޮޅަށް ހުޅުމާލޭގައި މަސްވެރިން ކުރިއަށްގެންދާ ބޮޑު އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް/އަދަދު
12 ޖޫން 2024 - 11:10 0
ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާ ލޭނު އެޅުމަށް ހުއްދަ ދިނުމާ ދެކޮޅަށް، ކަންނެލި މަސްވެރިން ހުޅުމާލެ ކަންނެލި ޖެޓީގައި މުޒާހަރާ ކުރަން މިއަދު ފަށައިފި އެވެ.
ހުޅުމާލޭގައި އެ މުޒާހަރާ ކުރިއަށް ދާއިރު، މިފްކޯއަށް ކިރި މަހަށް ދޭން ޖެހޭ ފައިސާ ނުދީގެން ދެކުނުގައި ކަނޑުމަސްވެރިން ވެސް ވަނީ މުޒާހާރާއެއް ފަށައިފަ އެވެ.
ލޭނު ހުއްދަ ދިނުމާ ދެކޮޅަށް ހުޅުމާލޭގައި މުޒާހަރާ ކުރާ މަސްވެރިން ބުނީ ސަރުކާރުން މަސްވެރިންނަށް ވީ އެއްވެސް ވައުދެއް ފުއްދަން މަސައްކަތް ކުރަމުން ނުދާ ކަމަށާއި ކަންނެލި މަސްވެރިކަމުގައި ލޭނު އެޅުމާ މަސްވެރިން ދެކޮޅު ކަމަށެވެ. އެމީހުންގެ ޑިމާންޑަކީ ލޭނު އެޅުމަށް ކުންފުނިތަކަށް ހުއްދަ ދޭން ސަރުކާރުން ކުރަމުން ގެންދާ މަޝްވަރާތައް ވަގުތުން ވަގުތަށް ހުއްޓައިލުމެވެ.
"ބޮޑު ކަންނެލީގައި ލޭނު އެޅުމަށް ހުއްދަ ދިނުމުން މަސްވެރިން ނިކަމެތިވާނެ ކަމުގެ ބިރު އެބައޮތް. ފެކްޓްރީތަކަށް ލޭނު އެޅުމަށް ހުއްދަ ދިނުމުން މަސްވެރިން ބާނާ މަހަށް އޮތް ޑިމާންޑު އެއްކޮށް ގެއްލޭނެ. އެކަން ކުރެވޭނީ ވައުދުތައް ފުއްދުމަށްފަހު،" އިހުތިޖާޖު ކުރަމުން އަންނަ މަސްވެރިޔަކު ބުންޏެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ދިނުމަކީ ވިޔަފާރިވެރިންނަށް ފައިދާވާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންނަށް ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ވެސް މަސްވެރިން އަންނަނީ ގޮވާލަމުންނެވެ.
"ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަކީ ހަގީގަތުގައިވެސް އަޑު އަހާ ހައްލެއް ގެނެސްދޭންޖެހޭ ކަންކަން. ވީހާވެސް ގިނަ އޮޑިފަހަރު މި އިހްތިޖާޖް ގައި ބައިވެރިވެ މަޝްވަރާ ގެ މަތިން އަވަސް ހައްލެއް ހޯދުން މުހިންމު،" ޓޫރިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ރައީސް ބުންޏެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން އަލުން ފަށަން މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދޭ ކޯޓާގެ ދަށުން ރާއްޖެއަށް ކަނޑައަޅާ ކޯޓާ ހަމަކުރަން ކަމަށް ބުނެ އެވެ.
ރާއްޖޭގެ ކަނޑުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރީން ދަނީ ބޮޑު ކަންނެލި ޔޫނިއަންގެ އިތުރުން ވެސް ކަމާގުޅުންހުރި އެހެން ފަރާތްތަކާ ބައްދަލު ކުރަމުންނެވެ. އެކަމުގައި ގޮތެއް ނިންމާނީ ހުރިހާ އެންމެންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެ އެވެ.
ގދ. މަޑަވެލީގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މަޑަވެލި މަސްވެރިން
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ރޯދަ މަސް ނިމިގެން ހަ ރޯދަ ހަފްތާއަށް ފަހު ޖަމާނުވާތީ، ގދ. މަޑަވެލި މަސްވެރިން ވެސް އަންނަނީ އެ ރަށު ކައުންސިލް އިދާރާ ކުރިމަތީގައި ކުރިއަށްދާ މުޒާހަރާގައި ހުރި މަސްވެރިޔަކު "އަދަދު" އަށް ބުނީ މަސްވެރިންނަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާތީ ބޮޑެތި ދަތިތައް ދިމާވަމުން އަންނަ ކަމަށާއި، ސަރުކާރަށް ގޮވާލަނީ އީދުގެ ކުރިން ފައިސާ ޖަމާކޮށް ނިންމަން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިދިޔަ ރޯދަ ނިމިގެން ހަ ރޯދައަށްފަހު ފައިސާ ޖަމާނުވޭ. ސަރުކާރަށް އެތައް ފަހަރު މަތިން ފައިސާ ޖަމާކޮށްދޭން އެދިފިން. ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރިން. އެންމެ ފަހުން އިހުތިޖާޖު ކުރަން ފެށީ އެއްވެސް ހައްލެއް ނުލިބޭތީ،" މަޑަވެލިން ވާހަކަ ދެއްކި މަސްވެރިޔާ ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment