11 ޖޫން 2024 - 10:52 1
މުހައްމަދު ޝަހްޒާން
އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. އެ ޕަޓީން ވަނީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް މަގުޗާޓެއް އެކުަލަވައިލުމުގެ މަސައްކަތް ފަށައިފަ -- ފޮޓޯ: އަދަދު
11 ޖޫން 2024 - 10:52 1
ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމުގެ ގޮތުން އެމްޑީޕީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މަގުޗާޓެއް އެކުލަވާލައި އެ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ހިއްސާކޮށްފި އެވެ.
ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށް ވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި ޕާޓީ ހިންގުމަކީ ރާއްޖޭގެ ޑިމޮކްރެސީ ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށެވެ.
އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު ރަނގަޅަށް ބަޔާންކުރެވިފައިވާ، އޭގެތެރެއިން މުސްތަގުބަލުގައި ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ގައުމީ މަޖިލިސް މެންބަރުންގެ ކިބައިން ފައްޔާޒް އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ، މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓު ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއިދުކުރާ މީހުން އެމްޑީޕީގެ ވޯޓު ދިނުން އިތުރު ކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ފައްޔާޒް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެންބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި އެ މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެންބަރުންނާއި އާންމު ރައްޔިތުންނާ ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާ ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިދިޔަ ބޮޑު ދެ އިންތިހާބުން އެމްޑީޕީއަށް ނާކާމިޔާބުވި ސަބަބު ދިރާސާކޮށް ދެނެގަތުމަށް އެކުލަވައިލި ޓެކްނިކަލް ކޮމެޓީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ވެސް ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނާ ހިއްސާކުރި އެވެ.
އެގޮތުން ހިއްސާކުރީ ކޮމެޓީން މިހާރު ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި ފާހަގަ ކުރެވިފައި ހުރި ކަންކަމުގެ މައުލޫމާތެވެ. ނަމަވެސް އެ މައުލޫމާތުގެ ތަފުސީލެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ.
އެމްޑީޕީން ބުނީ ޕާޓީގެ އެކިއެކި މެންބަރުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި އެމްޑީޕީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުގައި ތިބި އެ ޕާޓީގެ މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އާންމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް އެމްޑީޕީގެ އާންމު މެންބަރުންގެ ހިޔާލު ވެސް މިހާރު އެކުލަވާލައިފައިވާ ޓެކްނިކަލް ކޮމެޓީން ހޯދާނެ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވަނީ ދެ އިންތިހާބުގެ ނާކާމިބީއާ ގުޅިގެން އެ ޕާޓީގެ އެކި ގުނަންތަކާއި އެމްޑީޕީއަށް ގިނަދުވަހު ހިދުމަތް ކޮށްދީފައިވާ މީހުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުން ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ލިބިފައިވާ ހިޔާލުތައް ވެސް ހިއްސާކޮށްފަ އެވެ.
Comment