Advertisement

ކްލަބް ވޯލްޑް ކަޕްގެ ދައުވަތު ރެއާލުން ގަބޫލެއް ނުކުރާނެ

10 ޖޫން 2024 - 14:30 0


ކްލަބް ވޯލްޑް ކަޕްގެ ދައުވަތު ރެއާލުން ގަބޫލެއް ނުކުރާނެ

10 ޖޫން 2024 - 14:30 0

މެޑްރިޑް (ޖޫން 10) - އަންނަ އަހަރު ބާއްވަން ނިންމާފައިވާ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ދައުވަތު ރެއާލް މެޑްރިޑުން ގަބޫލުނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ފީފާ ކޮންފަޑެރޭޝަން ކަޕްގެ ބަދަލުގައި ކްލަބްތަކަށް ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު ބާއްވާ މުބާރާތެއް ގޮތަށް ކްލަބް ވޯލްޑް ކަޕް ފޯމެޓް ރޭވީ 24 ޓީމު ކުޅޭގޮތަށް 2021 ގައި ޗައިނާގައި ފުރަތަމަ މުބާރާތް ބާއްވާށެވެ. އެކަމަކު، އޭރު ކޮވިޑް-19ގެ ދުވަސްވަރު ކަމަށްވާތީ ފީފާ އަށް ޖެހުނީ މުބާރާތް ފަސްކުރާށެވެ. ފީފާ އިން ދައުވަތު ދޭ 24 ޓީމެއް ފުރަތަމަ ކްލަބް ވޯލްޑް ކަޕްގައި ކުޅޭ ގޮތަށް، އާ ފޯމެޓްގެ އަލަތު މުބާރާތް އޮންނާނީ އަންނަ އަހަރު އެމެރިކާގަ އެވެ.

އެކަމަކު، އެ މުބާރާތާ ދެކޮޅަށް އެންމެ ފުރަތަމަ އަޑުއުފުލާފައި މި ވަނީ ދާދި ފަހުން، ޔުއެފާގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން 15 ވަނަ ފަހަރަށް ހޯދި ރެއާލް އިންނެވެ. ރެއާލްގެ ކޯޗު އަންޗެލޮޓީ، އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުގައި ބުނީ، ކުޅުންތެރިންގެ ހައްގުގައި ރެއާލުން މިހާރު އެ އޮތް ގޮތަށް ކްލަބް ވޯލްޑް ކަޕްގެ ދައުވަތު ގަބޫލުނުކުރާނެ ކަމަށެވެ.

"ފީފާ ޖެހޭނީ މިހާރު އެ އޮތް ގޮތަށް ކްލަބް ވޯލްޑް ކަޕް ކުރިއަށްގެންދަން ހަނދާން ނައްތާލަން،" އަންޗެލޮޓީ ހިތްހަަމަނުޖެހިފައި ހުރެ ބުންޏެވެ.

"ކުޅުންތެރިން ވެސް ކްލަބްތަކުން ވެސް އެ މުބާރާތް ނުކުޅޭނެ. (އެ މުބާރާތުގައި) ރެއާލުން ކުޅޭ ކޮންމެ މެޗެއްގެ އަގަކީ 21.5 މިލިއަން ޑޮލަރު. ފީފާ އިން ވިސްނަނީ އެ ވަރުގެ އަގެއް ޗެމްޕިއަނުންނަށް ދޭން. އަހަރެމެންނެކޭ އެއްގޮތަށް ގިނަ ކްލަބްތަކުން ކްލަބް ވޯލްޑް ކަޕްގެ ދައުވަތު އަނބުރާ ފޮނުވާލާނެ،"

އަންޗެލޮޓީ ބުނީ، މިހާރު އެ ރޭވިފައި އޮތްގޮތަށް ސީޒަން ދާނަމަ ކްލަބް ވޯލްޑް ކަޕާ އެކު، އަންނަ ސީޒަނުގައި ގިނަ ކުޅުންތެރިން 72 ވަރަކަށް މެޗު ކުޅެން ޖެހޭނެ ކަމަށާއި މިއީ، ކުޅުންތެރިންގެ ސިއްހަތަށް ބަލާއިރު، އަސަރުކުރާނެ މިންވަރެއް ކަމަށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލުން ފުރުސަތު ދޫކޮށްލައިފިނަމަ، ފީފާ އިން އެ ދައުވަތު ފޮނުވާނީ ވާދަވެރި ބާސެލޯނާ އަށެވެ. ޔޫރަޕް މުބާރާތްތަކުގައި މިދިޔަ އަހަރުތަކުގައި ބާސެލޯނާގެ ނަތީޖާ ދަށްވުމުން، ފީފާ އިން ފުރަތަމަ ދައުވަތު ފޮނުވި ލިސްޓުގައި އެ ކްލަބް ނެތެވެ.