Advertisement

ސިވިލް ސާވަންޓުންނަކީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒަށް ވާސިލުކޮށްދޭ ބައެއް: ނައިބު ރައީސް

9 ޖޫން 2024 - 21:48 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖޭގެ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް -- ފޮޓޯ: އަދަދު


ސިވިލް ސާވަންޓުންނަކީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒަށް ވާސިލުކޮށްދޭ ބައެއް: ނައިބު ރައީސް

9 ޖޫން 2024 - 21:48 1

ސިވިލް ސާވަންޓުންނަކީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒުތަކަށް ގައުމު ގެންގޮސްދީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދޭން މަސައްކަތް ކުރާ ބައެއް ކަމަށާއި ދިވެހި ސަރުކާރަށް ސިވިލް ސާވިސް މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ކަމަށް ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް "ސިވިލް ސާވިސް ފޯރަމް 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު މޮޓޯއަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަލުވި ކުރުމާއި ޒަމާނީ ކުރުން ކަމަށެވެ. އެކަން ކުރުމުގައި ސިވިލް ސާވިސް މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އެއިރަކު އެ އޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒުތަކަށް ގައުމު ގެންގޮސްދީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދޭން މަސައްކަތް ކުރާ އެއްބަޔަކީ ސިވިލް ސާވިސް، ކޮންމެ ސަރުކާރެއްގެ ވެސް އަމާޒުތައް ހާސިލު ކޮށްދިނުމުގައި ގައުމީ ލޯބީގައި ވަރަށް މުރާލިކަމާއި ޖޯޝާ އެކީގައި އައްސަރިބަހާއި ސާބަސް ތަކުރާރު ކުރަންޖެހޭނެ ބޮޑެތި ހިދުމަތްތަކެއް ދިވެހި ސިވިލް ސާވިސްއިން ދަނީ ކޮށްދެއްވަމުން،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހިދުމަތަކަށް އެދިގެން ދާ ރައްޔިތުންނަށް އެންމެ ފުރަތަމަ އިސްތިގުބާލު ކުރަނީ ވެސް ސުވާލުތަކަށް ޖަވަބު ދޭން ވެސް އަދި ހިދުމަތްތައް އަވަސްކޮށްދޭން ވެސް ތިބޭނީ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ.

އެހެންކަމުން ސަރުކާރެއް ހިންގުމަށް ސިވިލް ސާވިސް މުވައްޒަފުންގެ އެއްބާރުލުން ވަރަށް މުހިންމުކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ދިވެހި ސަރުކާރަށް ސިވިލްސާވިސް މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ ރައްޔިތުންނަށް ދެއްވާ ހިދުމަތްތައް ހަލުވި ކުރެއްވުން، ޒަމާނީ ކުރެއްވުން، ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދެއްވަން ހުއްޓުމެއް ނެތި ރެޔާއިދުވާލު މަސައްކަތްޕުޅު ކުރެއްވުން، އާދެ! ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައި މިވާ ގައުމީ މަސައްކަތްޕުޅު ކާމިޔާބު ކުރުމުގައި ދިވެހި ސިވިލްސާވިސްއިން ފުރިހަމައަށް ވާގިވެރިވެދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.