Advertisement

ދާރުލްއާސާރުން މިލްޒީރޯގެ ފޮޓޯތަކެއް ހުއްދަ ނެތި ބޭނުންކޮށްފި، އޭނާ އެދުނީ މާފަށް އެދެން

9 ޖޫން 2024 - 10:55 4

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމަށް ގައުމީ ދާރުލްއާސާރުން ކުރި ޕޯސްޓު --


ދާރުލްއާސާރުން މިލްޒީރޯގެ ފޮޓޯތަކެއް ހުއްދަ ނެތި ބޭނުންކޮށްފި، އޭނާ އެދުނީ މާފަށް އެދެން

9 ޖޫން 2024 - 10:55 4

ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމަށް ގައުމީ ދާރުލްއާސާރުން ކުރި ޕޯސްޓެއްގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު އަދި ފޮޓޯގްރަފަރު އަލީ ނިޝާންގެ (މިލްޒީރޯ ނިޝާން) ފޮޓޯއެއް ހުއްދަ ނެތި ބޭނުންކުރުމުން މައާފަށް އެދެން އޭނާ އެދިއްޖެ އެވެ.

ދާރުލްއާސާރުން އޭނާގެ ފޮޓޯތަށް ހުއްދަނެތި ބޭނުންކުރުމާއި ގުޅިގެން ނިޝާން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެކަމަށް މައާފަށް އެދުމަށް ދިވެހި ބަހާއި ތަރިކައާއި ބެހޭ މިނިސްޓްރީ އަދި ދާރުލްއާސާރުގެ ފަރާތުން އެދިފަ އެވެ.

ހުއްދައާއި ނުލައި އަދި ކްރެޑިޓް ނުދީ އޭނާގެ ފޮޓޯތަށް ބޭނުންކުރުމަކީ ކޮޕީރައިޓާއި އެއާގުޅޭ ގާނޫނުގެ ދަށުން މަނާކަމެއް ކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެމުން ނިޝާން ބުނީ، ދިވެހި ބަހާއި ތަރިކަ އާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް އޭނާއަށް ގުޅި ކަމަށެވެ. ނަމަވެސް، އޭނާ އެދިފައިވާ ފަދައިން މިނިސްޓްރީން މައާފަށް އެދިފައިނުވާ ކަން ފާހަގަކުރައްވަމުން ނިޝާން ބުނީ ގާނޫނު އޮތަސް މިއީ އާޓިސްޓުންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"އެ ބޭފުޅުން މައާފަކަށް ނޭދޭ. ވިދާޅުވި ޕޯސްޓް ޑިލީޓް ކުރެވިދާނެ ކަމަށް. ގާނޫނެއް އޮތަސް މިއީ އަޅުގަނޑުމެން އުޅެންޖެހޭ ހާލު،" ނިޝާން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، ކޮޕީރައިޓް ގާނޫނުގެ ދަށުން ފަންނުވެރިންގެ އުފެއްދުންތަކަށް ލިބެންޖެހޭ ހިމާޔަތް ކަށަވަރުކުރުމަށް އިކޮނޮމިކްސް މިނިސްޓްރީން އެކަށޭނެ މަސައްކަތެއް ނުކުރާކަމަށް ނިޝާން ވިދާޅުވި އެވެ.

ކޮޕީރައިޓު ގާނޫނެއް އެންމެ ފުރަތަމަ ފާސްކުރީ 2010 ވަނަ އަހަރު އެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދު އެ ގާނޫނު ތަސްދީގު ކުރެއްވީ އެ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

އެ ގާނޫނުގައި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށްދިނުމާއި އެފަދަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ ކަނޑައޅާނެ އަދަބުތައް ހިމަނާފައިވެ އެވެ.

ރާއްޖޭގެ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށްދީ، ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތް ކުރުމަށް ރައީސް މުއިއްޒު އެކުލަވައިލެއްވި މަގުޗާޓުގައި ކޮޕީރައިޓު ގާނޫނު އިސްލާހު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 14 ދުވަހު ފުރިހަމަ ކުރަން ވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.